ޚަބަރު

"މުޞްޙަފް މާލްދީފް"ގެ ކޮޕީ ބެއްސެވުމުގެ މަޝްރޫޢު ފައްޓަވައިފި


"މުޞްޙަފް މާލްދީފް" ގެ ނަމުގައި ސަރުކާރުން ޗާޕްކުރައްވާފައިވާ، ރާއްޖެއަށް ޚާއްސަ މުސްޙަފްގެ ކޮޕީއެއް ކޮންމެ ދިވެހި ރައްޔިތަކަށް ދެއްވުމުގެ މަޝްރޫޢު މިއަދު އިފްތިތާޙް ކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް ރަސްމިޔާތެއްގައި މި މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.

"މުޞްޙަފް މާލްދީފް" ނުވަތަ ރާއްޖޭގެ މުސްޙަފްގެ ނަމުގައި ޗާޕްކުރެއްވި ކީރިތި ޤުރުއާނުގެ މުޞްޙަފަކީ، ހުކުރު މިސްކިތުގައި ހިމެނޭ އަތްތެރި މަސައްކަތުގެ ފަންނުވެރި ކުރެހުންތަކާއި، ދިވެހިންގެ ފަންނުވެރިކަމާއި، އިސްލާމީ ޘަޤާފަތް ރަމްޒުވާ ކުރެހުންތައް ހިމެނޭ، ލޭއައުޓަކާއެކު ޗާޕުކުރެއްވި މުޞްޙަފެކެވެ. މި މުސްޙަފްގެ ކޮޕީއެއް ކޮންމެ ދިވެހި ރައްޔިތަކަށް ދެއްވުމުގެ މަޝްރޫޢު މިއަދު އިފްތިތާޙް ކޮށްދެއްވުމަށްފަހު މިއަދު މުޞްޙަފް ހަދިޔާ ކުރައްވާފައިވަނީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ 5 ދަރިވަރަކަށެވެ.

މި ދަރިވަރުންނަށް މުޞްޙަފް ބައްސަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދަވާ މި މަޝްރޫޢަކީ އެ މިނިސްޓްރީން މިހާތަނަށް ކުރިއަށްގެންދަވާ އެންމެ ބޮޑު އެއް މަޝްރޫޢެވެ. މި މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ ޗާޕްކޮށްގެން ގެންނަވަން ނިންމެވީ 50،000 މުޞްޙަފެވެ. އެހެންނަމަވެސް މިހާރު އިސްލާމިކް މިނިސްޓްރީން ވަނީ 100،000 މުޞްޙަފް ޗާޕްކުރައްވައިގެން ގެންނަވާފައެވެ.

"މުޞްޙަފް މާލްދީފް" ގެ ފުރަތަމަ ކޮޕީ އަރުވާފައިވަނީ ރައީސް އަބްދުﷲ ޔާމީނަށެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން މި މުޞްޙަފް ރައީސް ޔާމީނަށް އެރުވީ މިދިޔަ ސެޕްޓެމްބަރ މަހުގެ 27 ވަނަ ދުވަހުއެވެ.