ޚަބަރު

"މިއަދު ރާއްޖެއަށް ބޭނުންވަނީ ދީނީ ޢިލްމު ފުޅާކުރެއްވުން"


ރާއްޖޭގައި ހުރި އެންމެ ހައިބަތު ބޮޑު ޢިމާރާތަކީ މީލާދީން 1674 ވަނަ އަހަރު އިސްކަންދަރު ރަސްގެފާން ބިނާކޮށްދެއްވި އިސްލާމީ ދަންމަރު ދައްކުވައިދޭ މުންނާރު ކަމަށާއި، މިއަދު ރާއްޖެއަށް ބޭނުންވަނީ އެ މުންނާރު އަލިގަދަކުރުމާއި ދީނީ ޢިލްމު ފުޅާކުރެއްވުމަށް ކަމަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ޗެއަރމަން އިބްރާހީމް ޢުމަރު މަނިކު ވިދާޅުވެއްޖެއެވެ. ޕީއެސްއެމްގެ ޗެއަރމަން މިހެން ވިދާޅުވީ ޕީއެސްއެމްގެ އިސްލާމިކް ޓީވީ ޗެނަލް މުންނާރު ޗެނަލް ލޯންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްވަމުން ޕީއެސްއެމްގް ޗެއަރމަން އިބްރާހީމް ޢުމަރު މަނިކު ވިދާޅުވީ މުންނާރު ޗެނަލަކީ 342 އަހަރުވީ މުންނާރުގެ ހައިބަތު އުފުލިގެން ދާނެކަމުގެ ހެއްކެއް ކަމަށެވެ. އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެންމެ އިސްކަމެއް ދެއްވަނީ ދީނީ މަޢުލޫމާތާއި ދީނީ ޢިލްމު ރާއްޖޭގެ އާބާދީއަށް ފަހިކޮށްދެއްވުމާއި ފޯރުކޮށްދެއްވުން ކަމަށެވެ.

"ރައީސް ޔާމީންގެ އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ރާއްޖޭގައި ދީނީ މަޢުލޫމާތާއި ދީނީ ޢިލްމު ރާއްޖޭގެ އާބާދީއަށް ފޯރުކޮށްދީ އެ ޢިލްމު ފުޅާ ކުރެއްވުމަށް،" އިބްރާޙިމް އުމަރު މަނިކު ވިދާޅުވިއެވެ.

ރާއްޖޭގައި ދީނީ ޗެނަލްއެއް އުފައްދާ ހިންގެވުމަކީ ބުރަ މަސައްކަތެއްކަން ފާހަގަކުރައްވަމުން ޕީއެސްއެމްގެ ޗެއަރމަން އިބްރާހީމް ޢުމަރު މަނިކު ވިދާޅުވީ ރައްޔިތުންނަށް ހިލޭ ބޮޑު ޚިދުމަތެއް ކުރަމުންދާއިރު އެކަމަކީ ދުނިޔޭގެ ނިސްބަތުން ބޮޑު ހޭދައެއް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި މިކަމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެކަން އެގޮތަށް އޮންނަނީ ޒަމާނުއްސުރެ ރާއްޖޭގެ ބްރޯކާސްޓް ކުރުމުގެ ސިޔާސަތު އޮތް ގޮތުން ކަމަށް މަނިކުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

"މިކަން މިހެންވާންޖެހުނީ ޒަމާނުއްސުރެ ރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ ސިޔާސަތުތައް އޮތް ގޮތުން. އެހެންވީމަ މިކަންކަން ރަނގަޅުކޮށް އިސްލާހް ކުރެއްވުމަށް ކަމާބެހޭ މުއައްސަސާތަކަށް އަޅުގަނޑު އިލްތިމާސްކުރަން،" އިބްރާހިމް އުމަރު މަނިކު ވިދާޅުވިއެވެ.

އޭނާގެ ވާހަކަފުޅުގައި ވަނީ ޕީއެސްއެމްއިން ކޭބަލް ޓީވީގެ ޚިދުމަތް ދެއްވަން ފަށްޓަވާނެކަމަށް ވިދާޅުވެ އެ ޚިދުމަތްވެސް ރައްޔިތުންނަށް އެންމެ ފުރިހަމަކަމާއެކު ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.

"މި މަސައްކަތްވެސް {ކޭބަލް ޓީވީގެ ޚިދުމަތް} އަޅުގަނޑުމެން ރައްޔިތުންނަށް އެންމެ ފުރިހަމަކަމާއެކު ފޯރުކޮށްދެއްވާނަން،" އިބްރާހީމް ޢުމަރު މަނިކު ވިދާޅުވިއެވެ.