ޚަބަރު

ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ބޮޑުބައެއް ވަނީ ނިމިފައި


2017 ވަނަ އަހަރަށް އަމާޒުކުރައްވައިގެން ސަރުކާރުން ހިންގަވާ މަޝްރޫޢުތަކުގެ ތެރެއިން ރާއްޖޭގެ 8 ރަށެއްގައި 600 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް ހަމަޖައްސަވާފައިވާ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހައުސިންގ މިނިސްޓްރީން ހިންގަވާ މަޝްރޫޢުތަކާގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާކުރެއްވުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ، 2016 ވަނަ އަހަރު ސަރުކާރުން ޢުމްރާނީ ތަރައްޤީއަށް ޚާއްޞަ ކުރައްވައިގެން ހިންގެވި މަޝްރޫޢުތަކުގެ ބޮޑުބައެއް ނިމިފައިވާ ކަމަށެވެ.

އަންނަ 2017 ވަނަ އަހަރަށް އަމާޒުކުރައްވައިގެން ހައުސިންގ މިނިސްޓްރީން ކުރިއަށް ގެންދަވާނެ އެންމެ ޚާއްޞަ އެއް މަސައްކަތަކީ، 8 ރަށެއްގައި، 600 ސޯޝަލް ހައުސިންގ ޔުނިޓް ތަރައްޤީ ކުރެއްވުންކަން ފާހަގަކުރައްވައި، މިނިސްޓަރ ވިދާޅުވީ މި މަޝްރޫޢަށް ބޭނުންވާ ފައިސާވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާފައިވާ ކަމަށާއި، މި މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ހަވާލު ކުރައްވާނެ ކަމަށެވެ.