ޚަބަރު

ޕީއެސްއެމްގެ ދީނީ ޓީވީ ޗެނަލް "މުންނާރު" އިފްތިތާޙު ކުރައްވައިފި


ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއާއި އިސްލާމިކް މިނިސްޓްރީ ގުޅިވަޑައިގެން "މުންނާރު"ގެ ނަމުގައި ދީނީ ޗެނެލްއެއް އުފައްދަވައި އިފްތިތާޙު ކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް ޚާއްސަ ރަސްމިޔާތެއްގައި މި ޗެނަލް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.

ދީނީ ޗެނަލްއެއް އުފެއްދެވުމަށް ޕީއެސްއެމްއާ އިސްލާމިކް މިނިސްޓްރީން ސޮއިކުރެއްވީ މިދިޔަ ނޮވެމްބަރ މަހުގެ 30ވަނަ ދުވަހުއެވެ. މިފަދަ ޗެނަލްއެއް އުފެއްދެވުމުގެ މައިގަނޑު މަޤްސަދަކީ އިސްލާމްދީނަކީ ޢިލްމުގެ ދީނަކަށްވުމުން އެ ދީނުގެ މަޢުލޫމާތު އާންމުންނާއި ހަމައަށް ފޯރުކޮށްދެއްވުމެވެ. އަދި އިސްލާމްދީނަކީ އުނގަންނައިދިނުމާއި އަންގައިދިނުމުގެ ދީނަކަށްވުމުން ދީނާ ގުޅޭ ގޮތުން އާންމުނަށް ނޭނގޭ މަޢުލޫމާތުތައް ފޯރުކޮށްދިނުމަކީވެސް މި ޗެނަލް ވުޖޫދަށް ގެނައުމުގެ މަޤްޞަދެކެވެ.

މިޗެނަލް ލޯންޗް ކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދު ވިދާޅުވީ ދިވެހި ތާރީޚު ހެކިދޭ ގޮތުގައި ރާއްޖެ އިސްލާމްވުމަށްފަހު ދިވެހި ދައުލަތުގެ އިސްވެރިންގެ ލިސްޓްގައި ރައީސް ޢަބްދު ﷲ ޔާމީންގެ ނަންފުޅު ހިމެނިވަޑައިގަންނަވާނީ 100 ވަނަ ވެރިޔާގެ ގޮތުގައި ކަމަށެވެ. 100 ވަނަ ވެރިޔާގެ ގޮތުގައި މިއަދު ދިވެހި ދައުލަތާއި ދިވެހި ޤައުމަށް ރައީސް ޔާމީން މުޅިންވެސް ކޮށްދެއްވަމުން ގެންދަވަނީ ސަތޭކައިގެ މަސައްކަތްޕުޅުތަކެއް ކަމަށާ، މިއަދު ފެށި ދީނީ ޗެނަލްއަކީވެސް އޭގެ މިސާލެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ރާއްޖެ އިސްލާމްވުމަށްފަހު މިވީ 890 އަހަރާއި ރައީސް ޔާމީން ވެރިކަމަށް އައްޔަންކުރެއްވި ތާރީހަކީ އިއްތިފާގެއް. 100 ވަނަ ވެރިއެއްގެ ގޮތުގައި މިއަދު ދިވެހި ދައުލަތާއި ދިވެހި ގައުމަށް ރައީސް ޔާމީން މުޅިންވެސް އަންނަނީ 100ގެ މަސައްކަތްތައް ކޮށްދެއްވަމުން،" އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޒިޔާދު ވިދާޅުވީ ދީނީ ޗެނަލްއެއް ވުޖޫދައް ގެނައުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީއާ ޕީއެސްއެމް ގުޅިވަޑައިގެން ގިނަ މަސައްކަތްތަކެއް ކުރައްވާތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި މި ޗެނަލްގެ ސަބަބުން ރާއްޖޭގައި ދީނީ އިލްމު ފެތުރުއްވުމަށް ކުރައްވަމުންދާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ރޭޑިއޯ ޗެނަލް އުފެއްދެވުމަށްފަހު އަޅުގަނޑުމެން ދެން މަސައްކަތް ފެށީ ދީނީ ޗެނަލްއެއް އުފެއްދެވުމަށް. މިއަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި މި ޗެނަލް ވުޖޫދަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި،" އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

އެކި ބަސްބަހުން 100 އަށްވުރެ ގިނަ ދީނީ ޗެނަލް ދުނިޔޭގައި ބްރޯޑްކާސްޓް ކުރަމުން އަންނަކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ އެ ހުރިހާ ޗެނަލްތައް ގުޅިގެން ބައިނަލްއަޤްވާމީ ފެންވަރުގެ މުއައްސަސާއެއް ސަޢުދީ ޢަރަބިއްޔާގެ ޖިއްދާގައި ޤާއިމްކުރައްވާފައިވާ ކަމަށެވެ. މިނިސްޓްރީގެ އަމާޒަކީ އެ މުއައްސަސާގެ މެމްބަރަކަށް މުންނާރު ޗެނަލް ހެއްދެވުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.