ޚަބަރު

ލިންކް ރޯޑުގައި ބްރޭކަރ ހަރުކުރުމުގެ މަސައްކަތް ފަށައިފި


އައްޑޫ ލިންކް ރޯޑަކީ ރާއްޖޭގައި އޮތް އެންމެ ފެންވަރު ރަނގަޅު މަގުތަކުގެ ތެރޭގައި ހިމެނޭ މަގެކެވެ. އައްޑުއަށް ލިބެމުން އަންނަ ތަރައްޤީއާ ގުޅިފައިވާ ރަށްރަށުގެ އިޤްތިޞާދުގެ ކުރިއެރުމާ ގުޅިފައިވަނީ ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ހަދާފައިވާ މި މަގެވެ. ނަމަވެސް މި މަގަކީ ރާއްޖޭގައި ހިނގާފައިވާ އެންމެ ނުރައްކާތެރި ޙާދިސާތައް ހިނގާފައިވާ އެއް މަގުކަމާމެދު ދެބަސްވެވޭކަށް ނެތެވެ. މަގުމަތީގެ އެކްސިޓެންޓްތަކުގައި މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އައްޑޫ ލިންކްރޯޑްގައެވެ.

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ލިންކް ރޯޑް ހެދިފަހުން އަހަރަކު އެވްރެޖްކޮށް 50 އެކްސިޑެންޓް މި މަގުގައި ހިނގައެވެ. ފަހުގެ ތާރީޚުތަކުގައި އައްޑޫގެ އިތުރު މަގުތަކުގައިވެސް ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްފައިވާއިރު، އައްޑޫގެ މަގުތަކުގައި އެކްސިޑެންޓުތައް އިތުރުވެ، ގިނަ ބައެއްގެ ފުރާނަ ގެއްލިގެންދާ ސަބަބުތަކުގެ ތެރޭގައި ބާރު ސްޕީޑްގައި ދުއްވުން ހިމެނެއެވެ. އަދި ޓްރެފިކް ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ނުހިތުމާއި، 18 އަހަރު ނުފުރޭ ކުޑަކުދިންނާއި ލައިސަންސް ނެތް ކުޑަކުދިން ސައިކަލް ދުއްވަން ނުކުންނައިރު، އައްޑޫގެ މަގުތައް އެ ކުދިންނަށް ރަނގަޅަށް ނޭނގުމަކީވެސް އެކްސިޑެންޓްތައް އިތުރުވާން ދިމާވާ ސަބަބެއްކަމަށް ފުލުހުން ވިދާޅުވެއެވެ.

އައްޑޫސިޓީގައި ހިނގާ އެކްސިޑެންޓްތައް މަދުކުރެއްވުމަށް ފުލުހުންނާއި، ހައުސިން މިނިސްޓްރީއާއި، ޓްރާންސްޕޯޓް އޮތޯރިޓީން ގުޅިވަޑައިގެން ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވައި، 2015 ވަނައަހަރު ވަނީ ޚާއްޞަ މަސައްކަތްތަކެއް ފަށްޓަވާފައެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރައްވަނީ ޢާންމުން ހޭލުންތެރިކުރައްވައި ހެލްމެޓް އެޅުމަށް ބާރުއެޅުއްވުމުގެ މަސައްކަތެވެ. އަދި މިހާރު މިވަނީ ތާރު މަގުތަކުގައި ޒަމާނީ ފެންވަރުގެ ސްޕީޑް ބްރޭކަރުތަކެއް ހަރުކުރުމުގެ މަސައްކަތްވެސް ފަށްޓަވާފައެވެ. މިގޮތުން 40 ސްޕީޑް ބްރޭކަރ މިމަގުގައި ހަރުކުރައްވާނޭއެވެ. ހައުސިން މިނިސްޓްރީން މި މަސައްކަތް ޙަވާލުކުރައްވާފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެވެ. އެމް.އާރު.ޑީ.ސީގެ ހިތަދޫ ސައިޓް މެނޭޖަރ އިބްރާހީމް ރަޝީދު ވަޖުދީ ވިދާޅުވީ، ސްޕީޑް ބްރޭކަރ ހަރުކުރަމުން އަންނަނީ ފުލުހުންގެ ލަފާގެ މަތިންކަމަށެވެ. އަދި އެކްސިޑެންޓްތައް އެންމެ ގިނައިން ހިނގާ ސަރަޙައްދުތަކުގައި ކަމަށެވެ.  

މީގެ އިތުރުން މަގުތަކުގައި އެކްސިޑެންޓްތައް މަދުކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ގެންދަވަނީ ދެ ފުރޮޅުލީ އެއްގަމު އުޅަނދު ދުއްވާއިރު ހެލްމެޓްއެޅުން މަޖުބޫރުކުރެއްވުމަށް ކަމާގުޅޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުންނެވެ. އެ އޮޓޯރިޓީން މި ނިންމެވުން ނިންމެވީ ރާއްޖޭގައި ހިނގާ އެކްސިޑެންޓްތަކުގައި ގިނަ މީހުން މަރުވަނީ ބޮލަށް ލިބޭ ގެއްލުންތަކުން ކަމަށްވާތީއެވެ. އައްޑޫ ސިޓީއަށް ބެލިޔަސް، އެންމެ ގިނަ މީހުން މަރުވެފައިވަނީ ބޮލަށް ލިބޭ ގެއްލުންތަކުގައެވެ. ވީމާ ސަރުކާރުގެ މި ނިންމެވުމަކީ މުޅި ރާއްޖެއަށާއި، ޚާއްޞަކޮށް އައްޑުއަށް މުހިންމު ނިންމެވުމެކެވެ.

އައްޑޫސިޓީގައި ހިނގާ އެކްސިޑެންޓްތައް މަދުކުރައްވައި ރައްޔިތުންގެ ސަލާމަތަށްޓަކައި އަޅުއްވާ މި ފިޔަވަޅުގެ ހެޔޮ ނަތީޖާ ފެންނާނެކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ. ރާއްޖޭގެ ހުރިހާ މަގުތަކުންވެސް އެކްސިޑެންޓްތައް މަދުކޮށް، އާންމު ރައްޔިތުންގެ ސަލާމަތަށް އެޅިގެންދާ ފިޔަވަޅުތަކަށް ރައްޔިތުންގެ އެއްބާރުލުމަކީ އެންމެ މުހިންމު ކަންތައްކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.