ވިޔަފާރި

ޓޫރިޒަމް ދާއިރާގެ ފީތައް, މީރާއިން ބަލައިގަންނަން ފަށަނީ


ޓޫރިޒަމް މިނިސްޓްރީން ބަލައިގަންނަވަމުން ގެންދެވި ފީތައް، ދައުލަތުގެ ޓެކްސް އިދާރާއިން ބަލައިގެންނެވުމަށް ނިންމަވާފައިވާ ނިންމުމަށް އަންނަ ޖެނުއަރީމަހުގެ އެއްވަނަ ދުވަހުން ފެށިގެން ޢަމަލުކުރައްވަން ނިންމްވާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

އެމިނިސްޓްރީން މިކަން ހާމަކުރައްވާފައިވަނީ، މިނިސްޓްރީގެ ވެބްސައިޓްގައި ޢާއްމުކުރައްވާފައިވާ އިޢުލާނެއްގައެވެ. މިކަމާއި ބެހޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު އަހުމަދު އަބީރު ވިދާޅުވީ، މިނިންމެވުމަށް ޢަމަލުކުރައްވަން ފެއްޓެވުމުން ޓޫރިޒަމް ސިނާޢަތާއި އަދި އެސިނާޢަތުގެ އެކި ދާއިރާތަކުން ދައުލަތަށް ދައްކަވަންޖެހޭ ހުރިހާ ޓެކްސް ފައިސާއެއް ބަލައިގަންނަވަމުން ގެންދަވާނީ މީރާއިންކަމަށެވެ.

މިނިންމެވުމަށް ޢަމަލުކުރައްވަން ފެއްޓެވުމާއެކު، ޓޫރިޒަމް ސިނާޢަތުގައި ހިމެނޭ ބައެއް ދާއިރާތަކުގެ ރަޖިސްޓްރޭޝަން ފީތަކާއި، ޗާޓަރ ލައިސަންސް ފީގެ އިތުރުން ޤާނޫނާއި، ޤަވައިދުތަކާއި ނުވަތަ އެއްބަސްވުންތަކާއި ޚިލާފުވުމުން ކުރާ ޖޫރިމަނާ ފައިސާވެސް ދެން ބަލައިގަންނަވަމުން ގެންދަވާނީ މީރާއިންނެވެ.

ޓޫރިޒަމް ސިނާޢަތުގެ މުހިއްމު ބައެއް ޓެކްސްތައް މިހާރުވެސް ބަލައިގަންނަވަމުން ގެންދަވަނީ ދައުލަތުގެ ޓެކްސް އިދާރާ، މީރާއިންނެވެ. މީގެ ތެރޭގައި ޓޫރިޒަމް ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް، އަދި ޓޫރިޒަމް ސިނާޢަތުގެ ޖީއެސްޓީ ހިމެނެއެވެ. ޓޫރިޒަމް މިނިސްޓްރީން ބަލައިގަންނަވަމުން ގެންދެވި ފީތައް، ދައުލަތުގެ ޓެކްސް އިދާރާއިން ބަލައިގެންނެވުމަށް ނިންމަވާ އެކަމާގުޅޭ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިއަހަރުގެ އޮކްޓޫބަރ މަހުގެ ފަހުކޮޅުގައެވެ.