ޚަބަރު

"މުޞްޙަފް މާލްދީފް"ގެ ފުރަތަމަ ކޮޕީތައް މާދަމާ ބައްސަވަނީ


"މުޞްޙަފް މާލްދީފް" ގެ ނަމުގައި ރާއްޖެއަށް ޚާއްސަ މުސްޙަފެއް ޗާޕްކޮށް ކޮންމެ ދިވެއްސަކަށް އޭގެ ކޮޕީއެއް ދެއްވުމަށް ސަރުކާރުން ފެއްޓެވި މަޝްރޫޢުގެ ދަށުން މިހާތަނަށް ޗާޕްކުރައްވައިގެން ގެންނަވާފައިވާ މުޞްޙަފްތައް މާދަމާ ޢާންމުންނަށް ބައްސަވަން ފައްޓަވާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

"މުޞްޙަފް މާލްދީފް" ނުވަތަ ރާއްޖޭގެ މުސްޙަފް ގެ ނަމުގައި ޗާޕްކުރެއްވި ކީތިރި ޤުރްއާނުގެ މުޞްޙަފަކީ، ހުކުރު މިސްކިތުގައި ހިމެނޭ އަތްތެރި މަސައްކަތުގެ ފަންނުވެރި ކުރެހުންތަކާއި، ދިވެހިންގެ ފަންނުވެރިކަމާއި، އިސްލާމީ ޘަޤާފަތް ރަމްޒުވާ ކުރެހުންތައް ހިމެނޭ، ލޭއައުޓަކާއެކު ޗާޕުކުރެއްވި މުޞްޙަފެކެވެ.

އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދަވާ މި މަޝްރޫޢުއަކީ އެމިނިސްޓްރީން މިހާތަނަށް ކުރިއަށްގެންދަވާ އެންމެ ބޮޑު އެއް މަޝްރޫޢެވެ. މި މަޝްރޫޢުގެދަށުން އެންމެ ފުރަތަމަ ޗާޕްކޮށްގެން ގެންނަވަން ނިންމެވީ 50،000 މުޞްޙަފެވެ. އެހެންނަމަވެސް މިހާރު އިސްލާމިކް މިނިސްޓްރީން ވަނީ 100،000 މުޞްޙަފް ޗާޕްކުރައްވައިގެން ގެންނަވާފައެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒިޔާދު ވިދާޅުވީ، މި މަޝްރޫޢުގެދަށުން މިހާތަނަށް ރާއްޖެ ގެންނަވާފައިވާ މުޞްޙަފްތައް ޢާންމުންނަށް ބެއްސެވުމުގެ މަސައްކަތް މާދަމާ ފައްޓަވާނެ ކަމަށެވެ.

"އިރާދަކުރައްވައިގެން މިމަހުގެ 29އިން ފެށިގެން އަޅުގަނޑުމެން ޢާންމުންނަށް މި މުޞްޙަފްތައް ބަހަން ފައްޓާނަން، ދެން ރައީސް ޢަބްދުﷲ ޔާމީންގެ ދުރު ވިސްނުން ފުޅާއެކު މުޞްޙަފްތައް މިހާރު އެވަނީ ޗާޕްކޮށް ރާއްޖެ ގެނެސްފައި. ޖުމްލަ އެއްލައްކަ ކޮޕީ އަޅުގަނޑުމެން ވާނީ ރާއްޖެ ގެނެސްފަ،" އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

މި މުޞްޙަފްތައް ޢާންމުންނަށް ބައްސަވައި ދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދަވާ މި މަޝްރޫޢަށް ދިވެހި ސަރުކާރުގެ ބަޖެޓުން އެއްވެސް ޚަރަދެއް ނުކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މީގެކުރިންވަނީ ވިދާޅުވެފައެވެ.

މި މުޞްޙަފުގެ ފުރަތަމަ ކޮޕީ އަރުއްވާފައިވަނީ ރައީސް އަބްދުﷲ ޔާމީނަށެވެ. އިސްލާމިކް މިނިސްޓްރީގެފަރާތުން މި މުޞްޙަފް ރައީސް ޔާމީނަށް އެރުވީ މިދިޔަ ސެޕްޓެމްބަރ މަހުގެ 27ވަނަ ދުވަހުއެވެ.