ތިމާވެށި

52 ޓަނުގެ ކަރުދާސް ރިސައިކަލްކުރުމަށް ފޮނުވިއްޖެ - ވެމްކޯ


މާލޭ ސަރަޙައްދުގައި އުފެދޭ ކުނި ރައްކާތެރިގޮތުގައި މެނޭޖްކުރުމުގެ މަސައްކަތުގެ އިތުރަށް، ކުންޏާ ގުޅޭގޮތުން ޢާއްމުން ހޭލުންތެރިކުރުވައި، ކުނީގެ ގޮތުގައި އުކާލެވޭ ބާވަތްތަކުގެ ތެރެއިން ބަދަލުގެނެސްގެން އަލުން ބޭނުންކުރެވިދާނެ އެއްޗެހި ބޭނުން ހިފޭގޮތަށް ހެދުން ނުވަތަ ރިސައިކަލްކުރުމަށް ހިތްވަރުދިނުމަށް ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަން ލިމިޑެޓް، ވެމްކޯއިން ތަފާތު ޙަރަކާތްތަކެއް ގެންދަނީ ހިންގަމުންނެވެ. 

މީގެތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ސްކޫލްތަކުން ކުނީގެ ގޮތުގައި އުކާލަން އެއްކުރާ ކަރުދާސް، އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިވަޑައިގެން، ރިސައިކަލްކުރުމުގެ މަސައްކަތެވެ. މިހާރަކަށް އައިސް އެންމެ ގިނައިން ކުނީގެ ގޮތުގައި އުކާލެވޭ އެއްބާވަތަކީ ކަރުދާސްކަމަށްވެފައި، ކަރުދާސް ރިސައިކަލްކުރުމަށް ބާރުއެޅުމުގެ ގޮތުން މާލޭގެ ހުރިހާ ސްކޫލްތަކަކަށް ވެމްކޯއިން ވަނީ ޚާއްޞަ ޑަސްބިންތަކެއް ހަދިޔާކޮށްފައެވެ. އަދި ސްކޫލުތަކުގައި ކުނީގެގޮތުގައި އުފެދޭ ކަރުދާސް އެ ޑަސްބިންތަކަށް އެއްކުރުމަށްފަހު، އެތަކެތި ނެގުމުގެ މަސައްކަތް އެކުންފުނިން އަންނަނީ ޤަވާއިދުން ކުރަމުންނެވެ.

އެގޮތުން މިހާތަނަށް ކުރެވުނު މަސައްކަތްތަކުން، މާލޭގެ ސްކޫލްތަކުން 52 ޓަނުގެ ކަރުދާސް ރިސައިކަލްކުރުމަށްޓަކައި، ރާއްޖެއިން ބޭރަށް އެކްސްޕޯޓްކޮށްފައިވާކަމަށް ވެމްކޯއިން ބުނެއެވެ. ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފުވާދު ވިދާޅުވިގޮތުގައި، ކަރުދާސް ރިސައިކަލްކުރުމުގެ މަސައްކަތް އެކުންފުނިން އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން މިވަގުތު މާލޭގައި ކުރަމުން އައިނަމަވެސް، މި މަސައްކަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ވަނީ ރޭވިފައެވެ. އަދި ޢާއްމުންގެ މެދުގައި މިކަމާމެދު މިހާރަށްވުރެ ބޮޑަށް ހޭލުންތެރިކަން އިތުރުކުރުމަކީވެސް އެ ކުންފުނީގެ އަމާޒެކެވެ.

ކަރުދާސް ރިސައިކަލްކުރުމުގެ އިތުރަށް، ޕްލާސްޓިކް ފުޅި ރިސައިކަލްކުރުމުގެ މަސައްކަތްވެސް ވެމްކޯއިން މިހާރު ވަނީ ފަށާފައެވެ. އެގޮތުން ހޮޓާ ރެސްޓޯރަންޓް ފަދަ ތަންތަނުންނާއި، ގޭބިސީތަކުން އުކާލާ ޕްލާސްޓިކް ފުޅި، އެއްކުރުމުގެ މަސައްކަތް އެކުންފުނިން އަންނަނީ ކުރަމުންނެވެ. ޕްލާސްޓިކަކީ އޭގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އެތައް އަސަރެއް ކުރާ އެއްޗެއްކަމުން، އެފަދަ ތަކެތި އުކާލުމުގެ ބަދަލުގައި، އެކުންފުންޏާ ޙަވާލުކުރުމަށް ފުވާދު ވަނީ ޢާއްމުންނަށް ހިތްވަރު ދެއްވާފައެވެ.

މާލޭ ސަރަޙައްދުގައި ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ވެމްކޯއިން މިހާރުވެސް ދަނީ ތަފާތު މަސައްކަތްތަކެއް ކުރަމުންނެވެ.