ތަޢުލީމު

"ދިރާސީ އަހަރު ފެށެންވާއިރަށް ޓީޗަރުން ހަމަޖައްސަވާ ނިމޭނެ"


ސަރުކާރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިންގަވަމުން އަންނަ 212 ސްކޫލަށް ބޭނުންވާ ޓީޗަރުން ހަމަކުރެއްވުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީން ގެންދަވަނީ ޚާއްޞަ މަސައްކަތެއް ކުރައްވަމުންނެވެ. މި މަސައްކަތުގައި، އެމިނިސްޓްރީގެ ޓީމެއް އަންނަނީ އިންޑިއާގައި ޙަރަކާތްތެރިވަމުންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ޓީޗަރުކަމުގެ ވަޒީފާއަށް ކުރިމަތިލާފައިވާ މީހުންނާ އިންޓަވިއުކުރުމާއި އެކި މާއްދާތަކަށް ބޭނުންވާ ޓީޗަރުން ހަމަޖެއްސުމުގެ މަސައްކަތް މި ޓީމުން ކުރިއަށްގެންދާނޭކަމަށެވެ. 

ޕީއެސްއެމަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް އިބްރާހީމް އިސްމާޢީލް ވިދާޅުވީ ކުރިއަށް އޮތް ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ހަމަޖައްސަވައި ނިމޭނެކަމަށެވެ. 

img:http://s3.psmnews.mv/images/660x400/14682526487650.jpg|އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް، އިބްރާހިމް އިސްމާއީލް - ފައިލް ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ވަޒިފާ ދޫކޮށްލާ ޓީޗަރުންގެ ބަދަލުގައި އައު ޓީޗަރުން ހޯއްދަވާއިރު، ބޭރުން ޓީޗަރުން ހޯއްދަވަނީ ރާއްޖެއިން ޓީޗަރުން ލިބޭ މިންވަރަށް ބެއްލެވުމަށްފަހު މަދުވާ ބައި ފުރިހަމަކުރެއްވުމަށްކަމަށް  އިބްރާހިމް އިސްމާއިލް ވިދާޅުވިއެވެ. މީގެ އިތުރުން، ޕްރީ ސްކޫލް ތަޢުލީމްވެސް ސަރުކާރުން ދެއްވަން ފަށްޓަވާފައިވާތީ، ޕްރީ ސްކޫލްތަކަށް ބޭނުންވާ ޓީޗަރުންވެސް ސްކޫލް ހުޅުވެންވާއިރަށް ހަމަޖެހޭނެކަމަށް އިބްރާހީމް އިސްމާޢީލް ވިދާޅުވިއެވެ.