ޓުއަރިޒަމް

ސިޓީހޮޓަލުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ- ކާށިދޫ ކައުންސިލް


ކ. ކާށިދޫގައި ޢިމާރާތްކުރާ 50 ކޮޓަރީގެ ސިޓީ ހޮޓަލުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެކަމަށް އެރަށު ކައުންސިލް އިދާރާއިން ވިދާޅުވެއްޖެއެވެ.

ކާށިދޫގައި 50 ކޮޓަރީގެ ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށް ސީ-ކްރޮސް މޯލްޑިވްސްއާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އޮކްޓޫބަރުމަހުގެ 9 ވަނަ ދުވަހުއެވެ. ސިޓީ ހޮޓާ އެޅުމަށް އެރަށުން ދުއިސައްތަހާސް އަކަފޫޓުގެ ބިން ދޫކުރައްވާފައިވަނީ އެހޮޓަލުގެ މަސައްކަތް ދެއަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ. ކާށިދޫ ކައުންސިލްގެ ރައީސް އީސާ ޚަލީލް ވިދާޅުވީ ކާށިދުއަކީ ދަނޑުވެރިކަމަށް މަޝްހޫރު ރަށެއް ކަމުގައިވީނަމަވެސް މިހާރު ދަނޑުވެރިކަމުން އެކަށީގެންވާ މަންފާއެއް ނުލިބޭކަމަށާއި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާނެ ހުސް ބިމެއްވެސް މިހާރު ރަށުގައި ނެތް ކަމަށެވެ. އެގޮތުން ލޯކަލް ޓޫރިޒަމްއަށް ހުޅުވާލެއްވުމަކީ ކައުންސިލްގެ އަމާޒުކަމަށް ޢީސާ ޚަލީލް ވިދާޅުވިއެވެ.

ކާށިދޫ ކައުންސިލުން ވިދާޅުވީ ކާށިދޫގައި އަޅާ ސިޓީ ހޮޓަލުގެ ސަބަބުން ރަށުގެ ލޯކަލް ޓޫރިޒަމް ދާއިރާ އިތުރަށް ފުޅާވެ، ގިނަ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު އިތުރުވާނެކަމަށެވެ. އަދި ރަށުގެ ރައްޔިތުންނަށް އިތުރު ޢާމްދަނީއެއް ލިބޭނޭ މަގު ތަނަވަސްވާނެކަމަށް ކައުންސިލުން ދެކެއެވެ. ސީ-ކްރޮސް މޯލްޑިވްސްއިން ކާށިދޫ ހުޅަނގު ފަރާތު އަތިރިމަތީގައި 50 ބީޗް ބަންގްލޯ ހިމެނޭގޮތަށް ހަދާ ސީޓީ ހޮޓަލަށް ގާތްގަނޑަކަށް 5 މިލިއަން ޑޮލަރު ޚަރަދުވާނޭކަމަށް ކާށިދޫ ކައުންސިލުން މަޢުލޫމާތުދެއެވެ.