ޚަބަރު

އޯޑިއޯނާއި ނާދީ ބިމުގެ ފްލެޓްގެ މައްސަލައިގައި ފިޔަވަޅުއަޅަނީ


ސަރުކާރު މުވައްޒަފުންގެ ނާދީ ހުރި ބިމާއި، މާފަންނު އޯޑިއޯން ފިހާރަ ހުރި ބިމުގައި އެޅުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ ޢަމަލީ މަސައްކަތް ނުފެށި ލަސްވަމުންދާތީ، އެ މަސައްކަތް ޙަވާލުކޮށްފައިވާ ކޮންޓްރެކްޓަރާމެދު ފިޔަވަޅު އެޅުއްވުމަށް ނިންމަވައިފިއެވެ.

އެކަމުގެ ނޯޓިސް ވަރަށް އަވަހަށް ފޮނުއްވާނެކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. އޯޑިއޯނާއި ކުރީގެ ސަރުކާރު މުވައްޒަފުންގެ ނާދީ ހުރި ބިމުގައި ލަގްޒަރީ ފެންވަރުގެ 120 ފްލެޓު އެޅުމުގެ މަސައްކަތް ސަރުކާރުން ޙަވާލުކުރައްވާފައިވަނީ ޓާޓާ ކުންފުނީގެ ފަރާތުން ރާއްޖޭގައި ޙަރަކާތްތެރިވާ އެޕެކްސް ރިއަލިޓީ ޕްރައިވެޓް ލިމިޑެޓާއެވެ. މި 120 ފްލެޓްގެ ޢަމަލީ މަސައްކަތް މިދިޔަ މޭ މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން މީގެ ކުރިން ވަނީ ބުނެފައެވެ.

ނަމަވެސް މިފްލެޓްތައް އެޅުމުގެ ޢަމަލީ މަސައްކަތް އެކުންފުނިން ފަށާފައެއް ނުވެއެވެ. މިކަމާ ގުޅިގެން ޕީ.އެސް.އެމް ނިއުސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ މުޢިއްޒު ވިދާޅުވީ، ޓާޓާ ކުންފުންޏާއެކު ސަރުކާރުގެ ވެފައިވާ އެއްބަސްވުމުގެ ދަށުން، އޯޑިއޯނާއި ނާދީ ހުރި ބިމުގައި ލަގްޒަރީ ފެންވަރުގެ ފްލެޓްތަކެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވީނަމަވެސް، މިއަދާ ހަމައަށްވެސް އެކަމުގެ ޢަމަލީ މަސައްކަތް ފަށާފައިނުވާތީ، އެކަމާ ސަރުކާރުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން އެކުންފުންޏާމެދު ފިޔަވަޅު އެޅުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަކަމަށާއި، ވަރަށް އަވަހަށް އެކަމުގެ ނޯޓިސް އެކުންފުންޏަށް ފޮނުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްޞީލެއް މިނިސްޓަރ ދެއްވާފައެއް ނުވެއެވެ.

މާލޭގެ 4 ބިމެއްގައި ފްލެޓް އެޅުމަށް އިންޑިޔާގެ ޓާޓާ ކުންފުންޏާ ސަރުކާރުން ޙަވާލުކުރައްވާފައިވާއިރު، ކުރީގެ ޢަރަބިއްޔާ ސްކޫލް ހުރި ބިމާއި، ގާކޮށީގައި އަޅާފައިވާ 288 ފްލެޓްގެ މަސައްކަތް ހަމަ އެކުންފުނިން ނިންމައި، އެ ދެތަން މިހާރު ވަނީ ސަރުކާރާ ޙަވާލުކޮށްފައެވެ. ކުރީގެ ސަރުކާރު މުވައްޒަފުންގެ ނާދީ ހުރި ބިމުގައި އަޅާ ލަގްޒަރީ ފެންވަރުގެ ފްލެޓްތަކުގެ ތެރެއިން، އޯޑިއޯން ހުންނަ ބިމުގައި އެޅުމަށް ހަމަޖެހިފައިވަނީ ވަނީ 45 ފްލެޓެވެ. އަދި ނާދީހުރި ބިމުގައި އެޅުމަށް ހަމަޖެހިފައިވަނީ 75 ފްލެޓެވެ.