ޚަބަރު

ޤައުމީ އެއްބައިވަންތަކަމުގެ ދުވަހެއް ފާހަގަކުރާތާ 12 އަހަރު


ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ނަމުގައި އެންމެ ފުރަތަމަ ރާއްޖޭގައި ދުވަހެއް ފާހަގަކުރަން ފެށީ 2005 ވަނަ އަހަރެވެ. އެ ދުވަސް ފާހަގަކުރައްވަން ފެއްޓެވިތާ މިއަހަރަށް މިވީ 12 އަހަރުއެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވެވި، މިއަހަރުގެ ޤައުމީ އެއްބައިވަންތަކުމުގެ ދުވަހުގެ ޖަލްސާގައި ސަރުކާރުގެ އިސް ބައެއް ވެރިންނާއި ދަޢުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރި ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ނިޝާން ޢިއްޒުންދީނުގެ ޢިއްޒަތުގެ ވެރިޔާ، ޢަބްދުއްރަޝީދު ޙުސައިން ވިދާޅުވީ ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތަކީ އެއްބައިވަންތަކަމާއި އެއްބައި ވަންތަކަމުގެ ނިޢުމަތް ކަމަށެވެ. އެއްބައިވަންތަކަމުގެ ސަބަބުން އެންމެބޮޑަށް ކުރެވޭ އިޙްސާސަކީ ޤައުމީ ލޯބީގެ އިޙްސާސްކަމަށް އޭނާގެ ވިދާޅުވިއެވެ. އަދި އެ އިޙްސާސަކީ މީގެ އެތައް ހާސް އަހަރު ކުރިއްސުރެ ދިވެހިންގެ ތެރޭގައި އޮތް އިޚްސާސެއްކަން ފާހަގަކުރައްވަމުން، އެކަމުގެ ބައެއް މިސާލު އޭނާ ޖެއްސެވިއެވެ.

"މުސްތަޤްބަލުގައިވެސް ދިވެހިންގެ ތެރޭގައި މިހާރު މިއޮތް އަދި މީގެ އެތައް ދުވަހެއް ކުރިންވެސް އޮތް އެއްބައިވަންތަކަމުގެ ރޫޙް ޢާލާ ކުރަންއެބަޖެހޭ،" އަބްދުރަޝީދު ޙުސައިން ވިދާޅުވިއެވެ.

މި ޖަލްސާގައި އިންފޮމޭޝަން ކޮމިޝަނަރ ޢަބްދުލް ޢަޒީޒް ޖަމާލް ޢަބޫބަކުރު ވެސް ވަނީ ވާހަކަފުޅުދައްކަވާފައެވެ. އޭނާގެ ވާހަކަފުޅުގައި މީގެ 12 އަހަރު ކުރިން ދިވެހިންނަށް ކުރިމަތިވި ސުނާމީގެ ހިތާމަވެރި ކާރިޘާގައި ދިވެހިން ދައްކުވައިދިން އެއްބައިވަންތަކަމުގެ ރީތި މިސާލަކީ ދިވެހިން މުޅި ދުނިޔެއަށް ދައްކުވައިދިން ލާމަސީލު މިސާލެއްކަން ފާހަގަކުރެއްވިއެވެ.

"އެކަން ދެމެހެއްޓުމަކީ އަޅުގަނޑުމެން ޤައުމުގެ ތަރައްޤީއަށް އަދި ޤައުމުގެ ކުރިއެރުމަށް ދަމަހައްޓަންޖެހޭ ކަމެއް،" ޢަބްދުލް ޢަޒީޒް ޖަމާލް ޢަބޫބަކުރު ވިދާޅުވިއެވެ. މި ޖަލްސާގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ވަޒީރުންގެ ނާއިބުންގެ އިތުރުން އެކި މުޢައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.