އެއްބައިވަންތަކަމެއް ނެތް ތަނެއްގައި ހަމަޖެހުމެއް ނެތް ކަމަށާއި ހަމަޖެހުމެއް ނެތް ތަނެއްގައި ކުރިއެރުމެއްވެސް އަދި ތަރައްޤީއެއްވެސް ނެތް ކަމަށް ހޯމް މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ޙަވާލުވެ ހުންނެވި ހެލްތު މިނިސްޓަރ ޢަބްދު ﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ އެއްބައިވަންތަކަމެއް ނެތް ތަނެއްގައި ހަމަޖެހުމެއް ނެތް ކަން ދުނިޔޭގެ ތާރީޚުންވެސް ހާމަވާ ކަމަށެވެ. އެގޮތުން މިނިސްޓަރ ވަނީ އެމަނިކުފާނުގެ ވާހަކަފުޅުގައި އެފަދަ ބައެއް މިސާލުތައްވެސް ޖައްސާފައެވެ. އެމަނިކުފާނު ވިދާޅުވީ މި ޤައުމުގެ މިނިވަން ނަގާލުމަށް ބޭރުގެ ބަޔަކު އައި ކޮންމެ ފަހަރުވެސް އެ މީހުން ރާއްޖެ އައިސްފައި ވަނީ ދިވެހިންގެ ތެރޭގައި އުފެދިގެން ދިޔަ ހަމަނުޖެހުމާއި ބައިބައިވުމުގެ ސަބަބުން ކަމަށެވެ.
"މިކަންކަން އަޅުގަނޑުމެންނަށް ތާރީހުގެ ތެރެއިން ފެންނަން އެބަހުރި. މިއީ ހަގީގަތް. އަޅުގަނޑުމެންގެ މި ކުޑަކުޑަ ރާއްޖެއަށް ވިސްނާލާއިރު މި ގައުމާވެސް ކުޅެލަން ބޭރުގެ ފަރާތްތަކުން އައިސްފައިވަނީ ދިވެހިންގެ ތެރޭގައި އެވަގުތު އޮތް ހަމަނުޖެހުންތަކެއްގެ ސަބަބުން،" މިނިސްޓަރ ނާޡިމް ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ ނާޡިމް ވިދާޅުވީ ދިވެހިންނަށް ލިބިފައިވާ އެއްބައިވަންތަކަމުގެ ހިތްހަމަޖެހުމަކީ ދިވެހިންނަކީ ފެށުނީއްސުރެ އެއްބައިވަންތަ ބައެއްގެ ގޮތުގައި ތިބުން ކަމަށެވެ. އަދި ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި އަޚުވަންތަކަމުގެ ހަގީގީ މިސާލަކީ މާތްވެގެންވާ އިސްލާމްދީން ކަމަށެވެ.
"ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި އަޚުވަންތަކަމުގެ ހަގީގީ މިސާލަކީ އިސްލާމްދީން. އޭރުވެސް މިހާރުވެސް އިސްލާމް ދީނާ ހިލާފަށް ކަމެއް ކުރުމަށް ދިވެހިން އާނއެކޭ ނުބުނާނެ،" މިނިސްޓަރ ވިދާޅުވިއެވެ.
އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ ޤައުމެއްގެ އެއްބައިވަންތަކަން ދަމަހައްޓަން ބޭނުންވެއްޖެނަމަ އެ އަސާސެއްގައި އަބަދުމެ ހިފަހައްޓަންޖެހޭ އަދި އެ އަސާސެއްގެ މަތިން އަބަދުމެ ހަނދާންކުރަންޖެހޭ އަސާސަކީ މާތްވެގެންވާ އިސްލާމްދީން ކަމަށެވެ.