ކުރިޔަށް އޮތް ހަފުތާ ބަންދުގައި ބާއްވާ މޯލްޑިވްސް އެޓް ސަނީ ސައިޑް މިޔުޒިކް ފެސްޓިވަލަކީ ޓޫރިޒަމް މިނިސްޓްރީއާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން ބާއްވާ ބޮޑު މިޔުޒިކް ފެސްޓިވަލެކެވެ. މި ފެސްޓިވަލްގައި ރާއްޖޭގެ މިޔުޒިކާއި މުނިފޫހިފިލުވުމުގެ ދާއިރާގެ ފަންނުވެރިންގެ ގިނަ ޒުވާނުންތަކަކަށް ފުރުޞަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މޯލްޑިވްސް އެޓް ސަނީ ސައިޑް އޮފް މިއުޒިކް ފެސްޓިވަލްގައި ބައިވެރިވުމަށް އިންޑިއާގެ މަޝްހޫރު ލަވަކިއުންތެރިޔާ އަރްމާން މާލިކް ރާއްޖެ އަންނާނެއެވެ. މި މަހުގެ 30 ން 31 އަށް އަލިމަސް ކާނިވަލުގައި ކުރިއަށްދާ މި ފެސްޓިވަލްގައި އަރްމާން މާލިކްގެ ހުށަހެޅުންތައް ފެނިގެންދާއިރު އޭނާ މި ފެސްޓިވަލްގައި ހުށަހަޅައިދިނުމަށް ހަމަޖެހިފައިވަނީ މި ފެސްޓިވަލްގެ އެންމެ ފަހު ޝޯގައެވެ.
ސަނީ ސައިޑް މިއުޒިކް ފެސްޓިވަލްގެ އިންތިޒާމްތައް ހަމަޖެއްސުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޓޫރިޒަމް އިން ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއާ އެކު ސޮއިކުރެއްވީ މިމަހުގެ އަށްވަނަ ދުވަހުއެވެ.
މި މަހުގެ 30 އިން 31 އަށް އަލިމަސް ކާނިވަލުގައި ކުރިއަށްދާ ސަނީ ސައިޑް އޮފް މިއުޒިކް ފެސްޓިވަލްގައި 30 ވަނަ ދުވަހުގެ ރޭ މުޅި ޝޯ ރާއްޖޭގެ މަޝްހޫރު ބޭންޑުތަކުން ހުށަހަޅައިދޭއިރު ދެވަނަ ރޭގައިވެސް ރާއްޖޭގެ މަޝްހޫރު ބައެއް ބޭންޑްތަކުން ހުށަހަޅައިދޭނެއެވެ. ސަނީ ސައިޑް އޮފް މިއުޒިކް ފެސްޓިވަލްގެ ޚާއްޞަ މެހެމާނެއްގެ ގޮތުން ބައިވެރިވާ އަރްމާން މާލިކަކީ، 100 އަށްވުރެ ގިނަ ކޮމާޝަލް ފިލްމަށް ލަވަ ކިޔައިދީފައިވާ ފަންނާނެކެވެ. އޭނާ ވަނީ 16 ފީޗަރ ފިލްމަކަށްވެސް ލަވަ ކިޔައިދީފައެވެ. އެގޮތުން އޭނާ ލަވަ ކިޔާދީފައިވާ ފިލްމުތަކުގެ ތެރޭގައި ޖެއިހޯ އަދި ފިލްމް ހީރޯ ހިމެނެއެވެ.
ޢުމުރުން 21 އަހަރުގެ މި ޒުވާނާއަށް މިދިޔަ އަހަރުގެ ތެރޭގައިވެސް އޭނާގެ ފަންނުން ފަސް އެވޯޑެއް ވަނީ ލިބިފައެވެ. އަދި މިއަހަރުގެ މިހާތަނަށް އޭނާއަށް ވަނީ އެކި ފިލްމްތަކަށް ކިޔާދީފައިވާ ލަވަތަކުން ހަ އެވޯޑެއް ލިބިފައެވެ.