ޚަބަރު

އިބްރާހިމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓުގެ ނަން ބަދަލުކުރަނީ


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ރިބްރޭންޑްކުރައްވައި، އެއަރޕޯޓުގެ ނަން މިއަދު ބަދަލުކުރައްވައިފިއެވެ. އެއަރޕޯޓަށް އަލަށް ދެއްވި އައު ނަމަކީވެސް ރައީސް އިބްރާހީމް ނާޞިރަށް ނިސްބަތްވާ ގޮތަށް ދެއްވި ނަމެކެވެ. މިހާރުގެ ނަމަކީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްއެވެ. 

މި ނިންމެވުމަށް ޢަމަލުކުރައްވާނީ އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެނެވެ. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލަޤައްޔޫމް، އިބްރާހީމް ނާޞިރު އިންޓަރނޭޝަން އެއަރޕޯޓްގެ ނަން، އިބްރާހީމް ނާޟިރަށް ނިސްބަތްވާ ގޮތަށް، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް މިނަމަށް ބަދަލުކުރެއްވީ، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކުއެވެ. އެއަރޕޯޓްގެ ނަން ރި-ބްރޭންޑްކުރެއްވިއިރު، ސަރުކާރުން ވިސްނުންފުޅު ގެންގުޅުއްވާފައިވަނީ، އިބްރާހީމް ނާޞިރުގެ ނަންފުޅު، ދެމެހެއްޓެވުމާއެކު، ބޭރުގެ މީހުންނަށްވެސް ފަސޭހަކަމާއެކު ކިޔައި އަދި ފަރިތަވުން ފަސޭހަވާނެ ނަމަކަށް ހެއްދެވުމުގެ މައްޗަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވި ގޮތުގައި ސަރުކާރުން މިގޮތަށް މި ނިންމެވީ، މިއަދު ރާއްޖެ ދެކެމުން މިދާ ތަރައްޤީއާއި، ސަރުކާރުން ކުރިޔަށް ރާއްވަވާފައިވާ އިޤްތިޞާދީ އެޖެންޑާއާ ފައިހަމަކުރެވޭ ގޮތަށް، އަދި އެ ތަރައްޤީއަށް މަގުފަހިކޮށްދޭ ތަނަކަށް އެއަރޕޯޓު ބަދަލުކުރެއްވުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ ޖަލްދސާގައި މެންބަރުން މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

img:http://s3.psmnews.mv/images/660x400/14604326124390.jpg|ކުރީގެ ރައީސް އިބްރާހިމް ނާސިރު، ހުޅުލެ އެއަރޕޯޓް ހެދުމުގެ މަސައްކަތް ބައްލަވާލައްވަނީ / ފޮޓޯ: މޯލްޑިވްސް ހިސްޓްރީ

ދިވެހިސަރުކާރުން ރާއްޖޭގައި އެއަރޕޯޓެއް ޤާއިމުކުރެއްވުމަށް ނިންމަވައި، 1964 މެއި 1 ވަނަ ދުވަހު ފެއްޓެވި މަސައްކަތަކީ، ދިވެހިރާއްޖެއިން އިޤްތިޞާދީ ދާއިރާއިންނާއި، ޚާރިޖީ ދާއިރާއިން ތަރައްޤީގެ މަގުގައި އެޅި އެންމެ މުހިންމު އެއް ފިޔަވަޅެވެ. އަދި އޭރުގެ ބޮޑުވަޒީރު ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު، މި މުހިންމު މަސައްކަތް ކުރައްވަން ނިންމެވި ނިންމެވުން ތަންފީޛުކުރެއްވުމުގައި ވަރަށް ގިނަ ދިވެހިރައްޔިތުން ޢަމަލީ ގޮތުން ބައިވެރިވެ، ވަރަށް ބުރަ މަސައްކަތްތައް ކުރައްވާފައިވެއެވެ.

އެއަރޕޯޓުގެ ފަހުގެ ތާރީޚަށް ބަލާއިރު، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ބޭރުގެ ބަޔަކަށް ކުއްޔަށް ދިނުމަށް ނިންމި ނިންމެވުމަކީ، ދިވެހި ތާރީޚުގައި ޤައުމަށް އެންމެ ގެއްލުންވާ ގޮތަށް ހިންގާފައިވާ ވިޔަފާރީގެ މުޢާމަލާތެވެ. އެއަރޕޯޓުގެ މައިގަނޑު ތަރައްޤީއަށް ހުރަސް އެޅޭގޮތަށާއި، މި ޒަމާނުގެ ބޮޑެތި އުޅަނދުތަކަށް ޖާގަ ނުލިބޭނެ ގޮތަށާއި، އެއަރޕޯޓު ހިންގުމުގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމާއި އެހެނިހެން ޞިނާޢަތުތަކަށް އެހެން ބަޔަކަށް ނުފޫޒުފޯރުވޭ ގޮތަށާއި، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި، ރައްކާތެރިކަމަށް ބުރޫއަރާގޮތަށް ހަދާފައިވާ މި އެއްބަސްވުން، ރާއްޖެއިން މިހާރު ވަނީ ބާޠިލުކޮށްފައެވެ. އަދި އެ މައްސަލަ ޝަރުޢީ ގޮތުން މިހާރު ވަނީ ނިމިފައެވެ.

img:http://s3.psmnews.mv/images/660x400/14604326574690.jpg|އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް /

އެއަރޕޯޓުގެ ތާރީޚަށް ބަލާއިރު، މި އެއަރޕޯޓު ތަރައްޤީކުރުމުގެ އެންމެބޮޑު މަޝްރޫޢު މިއަދުގެ ސަރުކާރުން މިހާރު މިވަނީ ފަށާފައެވެ. އަދި މިއީ، އިޤްތިޞާދީ ގޮތުން ރާއްޖެ ބަދަލުކޮށްލައްވަން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ކުރައްވާ މަސައްކަތްޕުޅުތައް ރަމްޒުކޮށްދޭ ބޮޑު މަޝްރޫޢެކެވެ. މީގެ އިތުރުން، މިއީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގޭ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢުވެސް މެއެވެ. މި މަޝްރޫޢުގެ ސަބަބުން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭނޭ ކުރިއެރުމުގެ އިތުރުން، ސަރުކާރުގެ އަމާޒަކީ، ރާއްޖެއަކީ، މި ސަރަޙައްދާއި، އަދި ދުނިޔޭގެ އެހެން ހިސާބުތަކާ ގުޅުވައިދޭ ވައިގެ ޓްރާންސިޓް ޕޮއިންޓަށް ހެއްދެވުމެވެ. އަދި ރާއްޖެ ކުރިއަރަމުން މިދާ ދުވެލީގައި، ރާއްޖެއަށް އިތުރު މީހުންނާއި އިންވެސްޓްމަންޓްތައް ލިއްބައިދިނުމުގައި، އެއަރޕޯޓެއް ކުޅެންޖެހޭ ދައުރުކަމުގައިވާ އިޤްތިޞާދު ބައްޓަންކުރުމުގެ އެންމެ އިސް ދައުރެއް އަދާކުރާ އެއް ޞިނާޢަތުކަމުގައި މި އެއަރޕޯޓް ވެގެން ދިޔުމެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ މިނިވަންކަން ދިވެހިން އަމިއްލައަށް ބައްޓަންކުރުމުގެ ސިޔާސަތު ދެމެހެއްޓުމެވެ.