ޚަބަރު

ކައިވެނިން ބޭރުން އުފަންވާ ކުދިންގެ މަޢުލޫމާތު ހިމެނުމުގެ އުޞޫލު


ކައިވެނިން ބޭރުން އުފަންވާ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައި ހިމަނާ މަޢުލޫމާތު، އެކުދިންނަށް ގެއްލުން ނުވާނޭގޮތަށް ހިމެނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިމްމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކުއެވެ.

މިގޮތަށް ނިންމެވީ ކައިވެނިން ބޭރުން އުފަންވާ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައި ހިމަނާ މަޢުލޫމާތު، މިހާރު ހިމަނާފައި ހުންނަ ގޮތުން، މިފަދަ ކުދިންގެ ތަޢުލީމީ އަދި އިޖްތިމާޢީ ކުރިއެރުމަށް ހުރަސްއެޅެމުންދާ ކަމަށް ފާހަގަކުރެއްވިފައިވާތީއެވެ. އަދި އެފަދަ ކުދިންނަށް ނަފްސާނީ ގޮތުން މައްސަލަތަކެއް ކުރިމަތިވެ، އެކުދިންގެ މުޅި ދިރިއުޅުމަށް އެކަމުން ހިޔަނި އެޅެމުންދާކަންވެސް ފާހަގަކުރެވޭތީއެވެ.

އިސްލާމީ ވަރަށް ގިނަ ޤައުމުތަކުގެ މިފަދަ ކުދިންނަށް އެކުދިންގެ ޒަރޫރީ މަޢުލޫމާތުތައް ރަސްމީ ލިޔެކިޔުންތަކުގައި ހިމެނުމުގައި، ޚާއްޞަ ގޮތްތަކެއް ހަމަޖައްސާފައިވާކަންވެސް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.

ކައިވެނިން ބޭރުން އުފަންވާ ކުދިންގެ ނަން ކިޔުމާއި ލިޔުމުގައި އިސްލާމީ ބައެއް ޤައުމުތަކުން ޢަމަލުކުރަމުން އަންނަ ގޮތަށް ބަލާއިރު މިފަދަ ކުދިންގެ ނަމުގެ ފަހަތަށް ﷲގެ އަޅާ މި މާނަ ދޭހަވާ ނަމެއް ހިމަނާފައި ހުރޭއެވެ. މިގޮތުން ކުއްޖާނެ ނަމުގެ ފަހަތަށް ޢަބްދުއްރަޙްމާން ނުވަތަ ޢަބްދުﷲ ފަދަ ނަންތައް ބޭނުންކުރެއެވެ. ކައިވެނިން ބޭރުން އުފަންވާ ކުދިންނަށް ނަންކިޔާއިރު އަދި ލިޔާއިރު، މިގޮތަށް ޢަމަލުކުރުމަށް އިސްލާމީ ބޮޑެތި ބައެއް ޤައުމުތަކުގެ ފަތުވާ މަޖިލިސްތަކުން ފަތުވާދީފައިވެސް އެބަހުއްޓެވެ.