ވިޔަފާރި

އައްޑޫ ސިޓީގެ ވިޔަފާރިވެރިންނާ މިނިސްޓަރ ބައްދަލުކުރައްވައިފި


އިކޮނޮމިކް ޑިވްލޮޕްމަންޓް މިނިސްޓަރ މުޙައްމަދު ސަޢީދު، އައްޑޫސިޓީގެ ވިޔަފާރިވެރިންނާ ބައްދަލްކުރައްވައިފިއެވެ. 

ގަމުގައި ހުންނަ އީކުއޭޓަރ ވިލެޖްގައި ރޭ ބޭއްވެވި މި ބައްދަލްވުމުގައި އައްޑޫސިޓީގެ އެކި އަވަށްތަކުން ގިނަ އަދަދެއްގެ ވިޔަފާރިވެރިން ބައިވެރިވިއެވެ. މިނިސްޓަރ ސަޢީދުވަނީ ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް އަޑު އައްސަވާ، އެކަންކަމާ ބެހޭގޮތުން ބައްދަލުވުމުގައި ވާހަކަފުޅުދައްކަވާފައެވެ. އަދި ވިޔަފާރިވެރިންގެ ސުވާލުތަކަށް މިނިސްޓަރ ސަޢީދު ޖަވާބު ދެއްވިއެވެ. 

އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު އައްޑޫސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެވަނީ ހިތަދޫގައި އިކޮނޮމިކް މިނިސްޓްރީގެ ދެކުނު ގޮފި ރަސްމީކޮށް ހުޅުއްވާފައެވެ. މި ގޮފިން މާލެއިން ލިބޭ ގިނަ ޚިދުމަތްތަކެއް މިހާރުވެސް ލިބެން ހުންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިހާރު ލިބެންނެތް މަދު ޚިދުމަތްތައް ކުރިއަށް އޮތް ދެ މަސް ތެރޭ ޤާއިމް ކުރެވޭނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. މީގެ ތެރޭގައި ކުންފުނި ރަޖިސްޓްރީކުރުމާއި ފޮރިން އިންވެސްޓްމަންޓް ރަޖިސްޓްރީ ކުރުމާއި، އަދި ލޭބަރ ރިލޭޝަނާ ގުޅޭ ޚިދުމަތްވެސް ހިމެނެއެވެ.