ޚަބަރު

ސްޕެއިން ބޯޓެއްގައި އޮތް ބަލި މީހަކަށް ތިނަދޫގައި ފަރުވާދެނީ !


ސްޕެއިންގެ "އަލަކްރަނާ" ނަމަކަށް ކިޔާ މަސް ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ސަދަން އެރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ގދ.ތިނަދޫއަށް މިއަދު ގެންގޮސްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިއަދު ހަވީރު ހަތަރު ގަޑި ފަނަރަ ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީގައި ގދ.ތިނަދޫ ހޮސްޕިޓަލަށް އިތުރު ފަރުވާއަށް ގެންގޮސްދީފައިވަނީ އުމުރުން 41 އަހަރުގެ ސްޕެއިންގެ ފިރިހެނެއްކަމަށެވެ. އަދި އެ މީހައަށް ގދ.ތިނަދޫ ގައި ހުންނަ ޑރ.ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އަންނަނީ އިތުރު ފަރުވާ ދެމުންކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ބަލިމީހާއަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފައިވަނީ އޭނާގެ ހާލަތު އިތުރަށް ގޯސްވެ އިތުރު ފަރުވާދިނުމަށް ބޭނުންވާކަމަށް ސްޕެއިންގެ ބޯޓުން އެމްއެންޑީއެފް މެރިންޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގައި އެދުމުންކަމަށެވެ. އަދި އެބޯޓުން ބަލިމީހާ ބާލާފައިވަނީ ތައިލެންޑްއިން ފުރައިގެން ސީޝެލްސްއަށް ދަތުރުކުރަމުންދަނިކޮށް ލ.މާވަށުގެ ހުޅަނގުން 307 ނޯޓިކަލް މޭލު ބޭރުންކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.