ޚަބަރު

"ވޮބް އެނުއަލް އެވޯޑްސް"އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި


ވިމެން އޮން ބޯޑުން ދެމުން އަންނަ "ވޮބް އެނުއަލް އެވޯޑްސް"އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ. މި އެވޯޑަކީ މަސައްކަތުގެ ދާއިރާގައި ޙަރަކާތްތެރިވާ އަންހެނުންނަށް ޚާއްޞަކޮށްގެން 2015 ވަނަ އަހަރު ތަޢާރަފްކޮށްފައިވާ އެވޯޑެކެވެ.

އެވޯޑަށް ކުރިމަތިލިމުގެ ފުރުޞަތު އަންނަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. ވިމެން އޮން ބޯޑުގެ މެމްބަރެއްކަމަށްވާ އާމިނަތު ޒޫނާ ވިދާޅުވީ، މިހާރުވެސް ތަފާތު ދާއިރާތަކުން އަންހެނުން މި އެވޯޑަށް ކުރިމަތިލަމުން އަންނަކަމަށާއި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު އިތުރު ކުރީ ވީހާވެސް ގިނަ މީހުންނަށް ފުރުޞަތު ދިނުމުގެ ގޮތުން ކަމަށެވެ.

"މި އެވޯޑަށް ކުރިމަތި ލުމުގެ މުއްދަތު އަޅުގަނޑުމެން މިހާރުވާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްތިރީސް ވަނަ ދުވަހުގެ ނިޔަލަށް އިތުކޮށްފަ. މީގެ އެންމެ ބޮޑު ބޭނުމަކީ ވީހާވެސް ގިނަ އަންހެން ކަނބަލުންނަށް މި އެވޯޑަށް ކުރިމަތި ލުމުގެ ފުރުޞަތު ހޯދައިދިނުން. މިހާރުވެސް ކުރިމަތި ލަމުން އެބަގެންދޭ" އާމިނަތު ޒޫނާ ވިދާޅުވިއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ އަންހެނުންނަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާ މި އެވޯޑްގެ މަޤްޞަދަކީ މަސައްކަތުގެ ދާއިރާއިން ކުރިއަރާފައިވާ ފާހަގަކޮށްލެވޭ ހުނަރުވެރި އަންހެނުންގެ މަސައްކަތުގެ އަގު ވަޒަންކޮށް، އިތުރަށް ހިއްވަރުދީ، ބާރުވެރިކޮށް، ރާއްޖެއާއި ބޭރު ދުނިޔޭގައި އެމީހުންގެ މަސައްކަތް ފާހަގަކުރުން ކަމަށް ވިމެން އޮން ބޯޑުން ބުނެއެވެ. މިދިޔަ އަހަރު 7 ދާއިރާއަކުން 11 އަންހެނުން މި އެވޯޑް ޙާޞިލްކޮށްފައިވެއެވެ.