ތިމާވެށި

މާލޭ ސަރަޙައްދުގެ ކުނި އެއްކުރުމުގެ މަސައްކަތް ފަށައިފި


މާލެ ސަރަޙައްދުގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް މިދިޔަ އަހަރު ޑިސެމްބަރު މަހުތެރޭ ރަސްމީކޮށް ފަށްޓަވައިގެން ވެމްކޯއިން ކުރިއަށް ގެންދަވާއިރު، މާލޭގެ ކުނި މެނޭޖުކުރުމަށް ބޭނުންވާ ވެހިކަލް ތަކާއި އިންސާނީ ވަސީލަތް ހޯދުމުގެ މަސައްކަތް އެކުންފުނިން ދަނީ ކުރައްވަމުންމެވެ. މި ގޮތުން މާލޭގެ ގޭގެއިން ކުނި އެއްކުރުމުގެ ޕައިލެޓް މަސައްކަތް ވެމްކޯއިން ވަނީ މިއަދު ފަށާފައެވެ. 

ވެހިކަލް ބޭނުންކޮށްގެން ކުނި އުފުލުމުގެ ޕައިލެޓް މަސައްކަތް ފަށާފައިވާއިރު ގޭބިސީތަކުން ކުނި އެއްކުރުމުގެ މަސައްކަތް ޢަމަލީގޮތުން އަންނަ ފެބުރުއަރީ މަހުގެ 20 ވަނަ ދުވަހު ފެއްޓެވުމަށް ވަނީ ހަމަޖެހިފައެވެ. ވެމްކޯއިން މިވަނީ ޒޯން އެކެއްގައި ހިމެނޭ 51 ގެއެއްގެ ކުނި 2 ވެހިކަލް ބޭނުން ކޮށްގެން ޖަމާކޮށްފައެވެ. ޒޯން އެކެއް ގައި ހިމެނެނީ ދިވެހިރާއްޖޭގެ އަޑުގެ ކުރީގެ އިމާރާތް ހުންނަ ހިސާބުން ފެށިގެން ކަލާފާނު ސްކޫލް ހިމެނޭ ސަރަޙައްދެވެ. މިއަދު ފުރަތަމަ ކުނި ނެގީ ހެންވޭރު ހިރިފިނޮޅުގެއިންނެވެ.

ސިއްޙީ ގޮތުންނާއި ތިމާވެށީގެ ގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، އެދެވޭ ގޮތެއްގައި ކުނި މެނޭޖްކޮށް ނައްތާލާނެ އިންތިޒާމެއް މާލެއާއި އަތޮޅު ތެރޭގައި ޤާއިމުކޮށްފައިނެތުމުގެ މައްސަލައެވެ. އެހެންނަމަވެސް ރައީސް ޢަބްދުއްﷲ ޔާމީންޢަބުދުލްޤައްޔޫމް ރާއްޖޭގެ ވެރިކަމާ ޙަވާލުވެ ވަޑައިގަތުމާއި އެކު، މާލެއާއި އަތޮޅުތެރޭގައި ކުރިމަތިވެފައިވާ ކުނީގެ ބޮޑު މައްސަލައަށް އެކަށޭނަ ދާއިމީ ޙައްލެއް ހޯއްދަވައި ދެއްވުމުގެ މަސައްކަތް ފެއްޓެވިއެވެ.  

މިގޮތުން ސަރުކާރުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން އުފައްދަވާ، މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 31 ވަނަ ދުވަހު ވަނީ މާލެއާއި އަތޮޅުތެރޭގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް އެކޯޕަރޭޝަނާ ރަސްމީކޮށް ޙަވާލުކުރައްވާފައެވެ. މިއާއެކު މާލެއާއި އަތޮޅުތެރޭގެ ކުނި މެނޭޖް ކުރުމުގެ އިންތިޒާމް ހަރުދަނާ އުސޫލެއްގެ ދަށުން ވެމްކޯއިން ވަނީ ފައްޓަވާފައެވެ. އަދި ތޮއްޖެހިފައިވާ މާލޭގެ ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވަވާ މާލޭ ސަރަހައްދުގެ ކުނި ޒަމާނީ ފެންވަރުގެ އުޅަނދުތަކާއި އާލާތްތައް ބޭނުން ކޮށްގެން މެނޭޖްކޮށް ނައްތާލުގެ މަސައްކަތް ދަނީ ކުރައްވަމުންނެވެ.