ޚަބަރު

ހަތިޔާރު ދެނެގަންނާނެ ގޮތުގެ ތަމްރީނެއް ހިންގަވައިފި


ހަތިޔާރުގެ ބައިތަކާއި ހަތިޔާރުގެ އާލަތްތައް ދެނެގަންނާނެ ގޮތާއި ގުޅޭގޮތުން، ކަސްޓަމްސްގެ މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމެއް ހިންގަވައިފިއެވެ.

ކަސްޓަމްސް އާއި އެމްއެންޑީއެފްއާއި ގުޅިގެން ކުރިއަށް ގެންދެވި މި ތަމްރީން ޕްރޮގްރާމްގައި ކަސްޓަމްސްގެ ފަންސާސް މުވައްޒަފަކަށް ތަމްރީން ދެއްވާފައިވެއެވެ. މި ޕްރޮގްރާމްގެ ނިމުން ފާހަގަކޮށް މިއަދު ކަސްޓަމްސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް، އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ ކުރިއަށް އޮތްތާނގައި މިފަދަ އިތުރު ޕްރޮގްރާމްތައް ކުރިއަށް ގެންދެވުމަށް ވިސްނާފައިވާ ކަމަށެވެ. ކަސްޓަމްސްއިން އަންނަނީ ރާއްޖޭގެ ބޯޑާ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށާއި ބޯޑާ ސެކިއުރިޓީ ވަރުގަދަ ކުރުމަށްޓަކައި މުވައްޒަފުންނަށް އެކަށޭނެ ތަމްރީނު ދިނުން މުހިއްމުކަން ޝަރީފް ފާހަގަކުރެއްވިއެވެ.

ތަމްރީން ޕްރޮގްރާމް ހިނގާދިޔަ ގޮތާ ގުޅޭ މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ ލެފްޓިނެންޓް، އަބްދުﷲ ޝަހީމް ވިދާޅުވީ ހަތިޔާރުގެ ބައިތައް ދެނެގަތުމާއި، ގޮވާތަކެއްޗާއި، ހަތިޔާރުގެ އާލަތްތައް ދެނެގަންނާނެ ގޮތާއި، އެކްސްރޭ މެޝިނުން އެއެއްޗެއް ފެނުމުން ދެނެގަންނާނެ ގޮތް ދަސްކޮށްދެއްވާފައިވާ ކަމަށެވެ.