ޚަބަރު

އައު މަންހަޖުގެ ކީ-ސްޓޭޖް 3ގެ ފޮތްތައް މި ހަފުތާގައި ފޮނުވަނީ


އަންނަ އަހަރު ސްކޫލްތަކުގައި ފެއްޓެވުމަށް ތައްޔާރުވެވަޑައިގަންނަވާ ކީ-ސްޓޭޖް ތިނެއްގެ ފޮތްތައް މި ހަފުތާގައި ސްކޫލްތަކަށް ފޮނުއްވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ކީ-ސްޓޭޖް ތިނެއް އަންނަ އަހަރު ތަންފީޒު ކުރެއްވުމަށް ތައްޔާރުވެވަޑައިގަންނަވާއިރު، ކީ-ސްޓޭޖް 3 ގައި ހިމެނެނީ ގްރޭޑް 7 އަދި 8 އެވެ.

އަލަށް އެކުލަވާލައްވާފައިވާ ޤައުމީ މަންހަޖުގައި މަދަރުސީ ތަޢުލީމުގެ މަރުޙަލާތައް 5 ބަޔަކަށް ވަނީ ބައްސަވާލައްވާފައެވެ. އެއީ، ޅަފަތުގެ ތަޢުލީމާއި ކީ-ސްޓޭޖް 1، 2، 3، 4، 5 އެވެ. މީގެތެރެއިން ކީ-ސްޓޭޖް 4 އަންނަ އަހަރު ފަށްޓަވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.

އަލަށް އެކުލަވާލައްވައި، ފިޔަވަހިތަކަކަށް ބައްސަވާލައިގެން ޢަމަލުކުރައްވަން ފަށްޓަވާފައިވާ މަންހަޖުގެ ދަށުން ކަނޑައަޅުއްވާފައިވާ ތަޢުލިމީ މަރުޙަލާތައް ބެހިފައިވާ ގޮތުން، ޅަފަތުގެ ތަޢުލީމާއި ތަރުބިއްޔަތުގެ މަރުޙަލާގެ ބަޔަކީ ޕްރީސްކޫލެވެ. ކީ-ސްޓޭޖް 1 ގައި ހިމެނެނީ ގްރޭޑް 1 ން 3 އަށެވެ. ކީ-ސްޓޭޖް 2 ގައި ހިމެނެނީ ގްރޭޑް 4، 5، 6 އެވެ. ކީ-ސްޓޭޖް 3 އަކީ ސާނަވީ މަރުޙަލާއެވެ. މިބައިގައި ހިމެނެނީ ގްރޭޑް 7، އަދި 8 އެވެ. އަދި ކީ-ސްޓޭޖް 4 ގައި ހިމެނެނީ ގްރޭޑް 9، 10 އެވެ. ކީ-ސްޓޭޖް ފަހަކީ މަތީ ސާނަވީ މަރުޙަލާއެވެ. ކީ-ސްޓޭޖް 5 މިބައިގައި ހިމެނެނީ ގްރޭޑް 11 އަދި 12 އެވެ.

އައު މަންހަޖަށް ޢަމަލުކުރެއްވުމުގެ މަސައްކަތް ކުރިޔަށް ގެންދަވަނީ 4 ފިޔަވައްސަކަށް ބައްސަވާލައްވައިގެންނެވެ. ފުރަތަމަ ފިޔަވަހި ފެއްޓެވީ 2014 ގައެވެ. މިދިޔަ ދިރާސީ 2 އަހަރު ފާއިތުވިއިރު ވަނީ ކީ-ސްޓޭޖް 1 އަދި 2 ވަނީ ތަންފީޒު ކުރައްވަން ފަށްޓަވާފައެވެ. ކީ-ސްޓޭޖް 3 ގައި ހިމެނޭ ގްރޭޑް 7 އަދި 8 ގައި މަންހަޖު ތަންފީޒު ކުރައްވަން ފައްޓަވާނީ މިފެށޭ އަހަރުއެވެ.

ކީ-ސްޓޭޖް 3 ގައި ހިމެނޭ ގްރޭޑް 7 އަދި 8 ގައި މަންހަޖު ތަންފީޒު ކުރެއްވުމަށް ކަނޑައަޅުއްވާފައިވާ މިގްރޭޑްތަކުގެ ޓީޗަރުން މުޤައްރަރުތަކަށް އަހުލުވެރި ކުރެއްވުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމަވާފައެވެ.

ދިވެހިރާއްޖޭގެ މަދަރުސީ ތަޢުލީމުގެ ޤައުމީ މަންހަޖަކީ އުނގެނުމާއި އުނގަންނައިދިނުމާގުޅޭ އެންމެ މުހިންމު ތަޢުލީމީ އެއް ސިޔާސަތެވެ. ޤައުމީ މަންހަޖުގައި ބަޔާންކުރައްވާފައިވަނީ ދިވެހިރާއްޖޭގެ މަދަރުސާތަކުގައި އުނގަންނައިދޭ ތަފާތު މަރުޙަލާތަކުގައި އުނގެނުމާއި އުނގަންނައިދިނުމުގެ އެންމެހައި ކަންކަން ތަރުތީބު ކުރެވިފައިވާގޮތެވެ.

އަންނަ އަހަރު ޤައުމީ މަންހަޖުގެ ކީ-ސްޓޭޖް 3 ތަންފީޒު ކުރެއްވުމަށްޓަކައި ރާއްޖެއިން ބޭރުން ޗާޕްކުރައްވައިގެން ގެންނަންޖެހޭ ފޮތްތައް ރާއްޖެ ގެންނަވާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް އިބްރާހީމް އިސްމާޢީލް ވިދާޅުވީ މި ހަފްތާގައި ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ކީ-ސްޓޭޖް 3 ގެ ފޮތްތައް ފޮނުވާލައްވާނެ ކަމަށެވެ.

ކީ-ސްޓޭޖް 2 ގެ އިސްލާމް އަދި ދިވެހި ދެ މާއްދާގެ ފޮތްތައްވެސް މި ހަފްތާގައި ސްކޫލްތަކަށް ފޮނުވާލެވޭނެ ކަމަށް އިބްރާހީމް އިސްމާޢީލް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ތަޢުލީމީ މަންހަޖު މުރާޖަޢާ ކުރެއްވުމުގެ މަސައްކަތް ކުރައްވާނީ ރާއްޖެއާއި ދުނިޔެއަށް އަންނަމުންދާ އިޖްތިމާޢީ، އިޤްތިޞާދީ، ސިޔާސީ، ބަދަލުތަކާއި އުނގަންނައިދިނުމުގެ ވައްޓަފާޅިއަށް އަންނަމުންދާ ބަދަލުތަކަށް ރިޢާޔަތް ކުރައްވައިގެންނެވެ. އައު ޤައުމީ މަންހަޖުގެ ތަޞައްވުރަކީ "ކުދިން ދިރިއުޅުމަށް ތައްޔާރުކުރުން" އެވެ.