ޚަބަރު

"އދގެ އާއްމު މަޖިލީހުގައި ރާއްޖެއިން 42 ޤަރާރަކަށް ތާޢީދުކުރި"


ރޭ ނިމުނު އދގެ 71 ވަނަ ޢާއްމު ބައްދަލުވުމުގައި ދިވެހިރާއްޖެއިން 42 ޤަރާރަކަށް ތާއީދުކޮށްފައިވާނެކަމަށް ފޮރިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ. 

ފޮރިން މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި ދިވެހިރާއްޖެއިން ތާއީދުކޮށްފައިވަނީ އަންހެނުންގެ ކުރިއެރުމަށާއި ދެމެހެއްޓެނިވި ތަރައްޤީއާއި ކަނޑުގެ ޤާނޫނުތަކާގުޅޭ ޤަރާރުތަކަށެވެ. އަދި ޓެރަރިޒަމާ ދެކޮޅު ޤަރާރުތަކާއި ފަލަޞްޠީން ހިމެނޭ ގޮތަށް މެދުއިރުމައްޗާ ގުޅޭ ޤަރާރުތަކަށްވެސް ދިވެހިރާއްޖެއިން ވަނީ ތާއީދުކޮށްފައިކަމަށް ފޮރިން މިނިސްޓްރީން ހާމަކުރައްވައެވެ. މީގެ އިތުރުން ދިވެހިރާއްޖެއިން ވަނީ ޢާއްމު މަޖިލިހަށް 33 ބަޔާނެއް ހުށައަޅާފައެވެ.

ދިވެހިރާއްޖެއިން މިފަހަރު ބައިވެރިވި މަޝްވަރާ ބައްދަލުވުންތަކުގެ ތެރޭގައި ކުޑަކުދިންނާ އަންހެނުންނާ ގުޅޭ މަޝްވަރާ ބައްދުލުވުންތަކާއި މޫސުމަށް އަންނަ ބަދަލުތަކާއި، ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްޤީއާ ގުޅޭ މަޝްވަރާ ބައްދަލުވުންތަކާއި ސޫރިޔާގެ ޙާލަތާ ގުޅޭ މަޝްވަރާ ބައްދަލުވުންތަކުގައިވެސް ދިވެހިރާއްޖެއިން ބައިވެރިވެފައިވެއެވެ.

37 ޤައުމު ހިމެނޭ ކުދި ޖަޒީރާ ޤައުމުތަކުގެ އިއްތިޙާދުކަމަށްވާ އެއޯސިސް، އދ. ގެ ޢާއްމު ބައްދަލުވުމުގައި ތަމްޞީލްކޮށްދީފައިވަނީވެސް ދިވެހިރާއްޖެއިންނެވެ. އދ. ގެ ޢާއްމު ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްޞީލްކުރި ވަފްދުގެ އެންމެ އިސް ބޭފުޅަކަށް ހުންނެވީ ފޮރިންގ މިނިސްޓަރު ޑރ. މުޙައްމަދު އާސިމްއެވެ.

މީގެ އިތުރުން މިވަފުދުގައި އެޓަރނީ ޖެނެރަލް މުޙައްމަދު އަނިލާއި ފޮރިންގ މިނިސްޓްރީއާއި އެޓާރނީ ޖެނެރަލްގެ އޮފީހާ އެންވައިރަމަންޓް މިނިސްޓްރީއާއި އދ އަށް ކަނޑައަޅާފައި ހުންނަ ޕާމަނަންޓް މިޝަންގެ މަންދޫބުން މިވަފުދުގައި ހިމެނިވަޑައިގަންނަވައެވެ.