ޚަބަރު

އައިލެންޑް އޭވިއޭޝަނުގެ މާކެޓިންގ ޕާޓްނަރަކަށް ޕީއެސްއެމް


މީޑިއާ މެދުވެރިކޮށް މިހާރަށްވުރެ ބޮޑަށް އައިލެންޑް އޭވިއޭޝަން ޕްރޮމޯޓް ކުރުމާއި ގުޅޭގޮތުން، ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއާ އެކު އައިލެންޑް އޭވިއޭޝަންއިން އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ.

މިއަދު މެންދުރު ސެނެކޯ މާލަމުގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާޙިމް ޚަލީެވެ. އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްހާރިސްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ އެމްޑީ ޚަލީލް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން މީޑިއާ މެދުވެރިކޮށް މިހާރަށްވުރެއް ބޮޑަށް އައިލެންޑް އޭވިއޭޝަން ޕްރޮމޯޓް ކުރެވިގެންދާނެ ކަމަށެވެ. އަދި އެ ކުންފުނީގެ ޕީއާރްގެ ކަންކަން މިހާރަށްވުރެ ބޮޑަށް ރަނގަޅު ކުރެއްވުމަށް ޕީއެސްއެމްގެ ވަޞީލަތްތަކާއި ޕީއެސްއެމްގެ ފަންނީ މީހުން މެދުވެރިވެގެން މަސައްކަތް ކުރައްވާނެ ކަމަށް ޚަލީލް ވިދާޅުވިއެވެ.

"މީޑިއާ މެދުވެރިކޮށް މިހާރަށްވުރެ، ބޮޑަށް ޕްރޮމޯޓް ކުރުން، ރާއްޖެއާ އަދި އަޅުގަނޑުމެންނަށް {ޕީއެސްއެމް} ވާންއޮތް ހުރިހާ ދިމާލެއްގައި އައިލެންޑް އޭވިއޭޝަން އިތުރަށް މާކެޓް ކުރުން އަދި އައިލެންޑް އޭވިއޭޝަންގެ ޕީއާރްގެ ކަންކަން މިހާރަށްވުރެ ބޮޑަށް ރަނގަޅު ކުރުމަށްޓަކައި ޕީއެސްއެމްގެ ވަޞީލަތްތަކާއި ފަންނީ މީހުންގެ މެދުވެރިވެގެން މި އެއްބަސްވުމުގެ ދަށުން މަސައްކަތް ކުރާނެ،" ޚަލީލް ވިދާޅުވިއެވެ.

ޚަލީލް ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ދެ ކުންފުނިން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން ދެފަރާތުގެ ފައިދާއަށާއި މަންފާއަށް މަސައްކަތް ކުރެވިގެންދާނެ ކަމަށްވެސް ޚަލީލް ވިދާޅުވިއެވެ.

"މި އެއްބަސްވުމުގެ ދަށުން ވަކި ބައެއްގެ ފައިދާއަކަށް މަސައްކަތެއް ނުކުރާނެ. ހަމައެކަނި އައިލެންޑް އޭވިއޭޝަން ނުވަތަ ހަމައެކަނި ޕީއެސްއެމްގެ ފައިދާއަކަށް މަސައްކަތެއް ނުކުރާނެ. މި އެއްބަސްވުމުގެ ދަށުން ދެފަރާތުގެ ފައިދާއަށްވެސް މަސައްކަތް ކުރެވިގެންދާނެ،" ޚަލީލް ވިދާޅުވިއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްހާރިސް ވިދާޅުވީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު މީޑިއާ އޮގަނައިޒޭޝަން ކަމަށާއި އެހެންކަމުން އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން ހާސިލް ކުރެއްވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"މި އެއްބަސްވުމުގެ ދަށުން މާކެޓިން އެންޑް ޕްރޮމޯޝަންގެ ކަންކަން ދެފަރާތަށް ވެސް ފައިދާވާނެ ގޮތަކަށް ދާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން،" ހާރިސް ވިދާޅުވިއެވެ.

އައިލެންޑް އޭވިއޭޝަނާއެކު ޕީއެސްއެމްއިން އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވާއިރު، ޕީއެސްއެމް ހިންގެވުން ހަރުދަނާ ކުރެއްވުމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖްމަންޓްގެ ފަންނީ ލަފާވެސް ހޯއްދަވާނެއެވެ.