ޚަބަރު

ނުކުޅެދުންތެރިކަންހުރި 3 މީހަކަށް ވީލްޗެއަރ ހަދިޔާކުރައްވައިފި


ފެނަކަ ކޯޕަރޭޝަނުން މިއަދު ވަޒީފާ ދެއްވި ނުކުޅެދުންތެރިކަން ހުރި 100 މީހުންގެ ތެރެއިން 3 މީހަކަށް ސަދަޤާތު ފައުންޑޭޝަންގެ ފަރާތުން ފުރޮޅުލީ ގޮނޑި ހަދިޔާކުރައްވައިފިއެވެ.

 ސަރުކާރުގެ "ހަމަ ހަމަ ފުރުސަތު" އެންމެނަށް މި ސިޔާސަތުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ޚާއްސަ އިނާޔަތުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ  100 މީހަކަށް ފެނަކައިން ވަޒީފާ ދެއްވި ކަމުގެ ލިޔުން ހަވާލުކުރެއްވި ރަސްމިއްޔާތުގައި މި ތިން ފަރާތައް ފުރޮޅުލީ ގޮނޑި ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމެވެ.

މިރަސްމިއްޔާތުގައި ކުރިން ފެނަކައިގައި މަސައްކަތްކުރައްވަމުން ގެންދެވި 2 މުވައްޒަފަކަށް ފުރޮޅުލީ ގޮނޑި ހަވާލުކުރައްވާފައިވާއިރު، ބ. ދޮންފަނު ފެނަކަ ބްރާންޗް ހިންގެވުމާއި މިވަގުތު ހަވާލުވެ ހުންނެވި އަލީ ފާއިޒަށް ދެއްވާފައިވަނީ އޮޓޯ ވީލްޗެއަރއެކެވެ.

ސަދަޤާތު ފައުންޑޭޝަން އުފެދުނުފަހުން އެފައުންޑޭޝަނުން ގެންދަވަނީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި، ތިބި އެކި ބާވަތުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ވީލްޗެއަރތައް ފޯރުކޮށްދެއްވަމުންނެވެ. މީގެ އިތުރުންވެސް މުޖުތަމަޢުގައި އަޅާލުން ބޭނުންވާ ފަރާތްތަކަށް އެ ފައުންޑޭޝަނުން ގެންދަވަނީ ގިނަ ގުނަ އެހީތަށް ވެދެއްވަމުންނެވެ.