ވިޔަފާރި

އުރީދޫން އަންނަ އަހަރުގެ ފުރަތަމަ ކުއާޓާރގައި ހިއްސާ ވިއްކާނެ


އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރ ނިމޭއިރު ހިއްސާ ވިއްކަން ފަށާނެކަމަށް އުރީދޫ މޯލްޑިވްސްއިން ހާމަކޮށްފިއެވެ.

އުރީދޫ މޯލްޑިވްސްގެ ޙިއްސާ އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި ވިއްކަން ފަށާނެ ކަމަށާއި، ޙިއްސާ ވިއްކުމަށް ވާންޖެހޭ ތައްޔާރީތައް އެކުންފުނިން މިހާރުވާން ފަށާފައިވާ ކަމަށް އުރީދޫން ބުނެއެވެ. ހިއްސާ ވިއްކާނެ އަގާއި އެންމެ ގިނަ ވެގެން މީހަކަށް ހިއްސާ ގަނެވޭނެ ޢަދަދު އަންނަ އަހަރުގެ އޭޕްރިލް މަހު އާއްމު ކުރާނެ ކަމަށް އުރީދޫން މައުލޫމާތުދެއެވެ. ހިއްސާ ގަނެވޭނެ ޢަދަދު އާންމުކުރާތާ 14 ދުވަހުގެތެރޭ އާންމުކޮށް ހިއްސާ ގަންނަން ހުޅުވާލާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ. އުރީދޫގެ ހިއްސާ ދިވެހިންނަށާއި، ދިވެހި ކުންފުނިތަކާއި ބޭރު ކުންފުނިތަކަށްވެސް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

މަލްޓިނޭޝަނަލް ކުންފުންޏެއް ރާއްޖޭގެ ޙިއްސާގެ ބާޒާރުގައި ރަޖިސްޓްރީ ކުރުމުން ގިނަ ފަރާތްތަކެއްގެ އިތުބާރު ހިއްސާގެ ބާޒާރަށް ލިބޭނެކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީން ވިދާޅުވެއެވެ.

އެގޮތުން އުރީދޫ މޯލްޑިވްސްގެ ސަބަބުން ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގެ ޙާލަތަށް ކުރިއެރުންތަކެއް އަންނާނެ ކަމަށް ޤަބޫލްކުރެވޭ ކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީން ފާހަގަކުރައްވައެވެ. އަދި ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާއަކީ ބޮޑު ފައިދާއެއް ލިބޭ ދާއިރާއެއްކަމުން، މިއީ އުރީދޫ މޯލްޑިވްސްގެ ޙިއްސާ ގަންނަ ފަރާތްތަކަށް ބޮޑު މަންފާއެއް ލިބޭނެކަމެއް ކަމަށް ސީއެމްޑީއޭއިން ހާމަކުރައްވައެވެ.

އުރީދޫ މޯލްޑިވްސްގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު އެކުންފުނި ހިންގަމުން އަންނަނީބޮޑު ފައިދާއަކާއެކުގައެވެ. ދުނިޔޭގެ 12 ޤައުމެއްގައި ވިޔަފާރި ކުރަމުން އަންނަ އުރީދޫ ގްރޫޕުން އާންމުކޮށްފައިވާ އެ ކުންފުނީގެ، މިއަހަރުގެ 2 ވަނަ ކުއާޓަރގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި، އޭޕްރިލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އެކުންފުންޏަށް އާމްދަނީގެ ގޮތުގައި 2.2 ބިލިޔަން ޑޮލަރު ލިބިފައިވެއެވެ. މިއީ، ފުރަތަމަ ކުއާޓަރގައި އެކުންފުންޏަށް ލިބުނު 2.16 ބިލިޔަން ޑޮލަރުގެ އާމްދަނީއާއި އަޅާބަލާއިރު 1.75 އިންސައްތައިގެ ކުރިއެރުމެކެވެ.

އުރީދޫ ގްރޫޕަކީ ޓެލެކޮމް ދާއިރާގައި ދުނިޔޭގައި އެންމެ ފުންނާބުއުސް އެއް ކުންފުންޏެވެ.