ތަޢުލީމު

އައްޑޫ ޕްރީސްކޫލްތަކަށް ބޭނުންވާ ކަންކަން ފުރިހަމަކުރަނީ


ރާއްޖޭގެ ހުރިހާ ރަށެއްގައި ޕްރީ ސްކޫލް ތަޢުލީމު ސަރުކާރުން ހިލޭ ފޯރުކޮށްދެއްވުމަށް ނިންމަވާ، މާލެ އާއި އައްޑޫ ސިޓީގެ ސްކޫލްތަކުގައި އަންނަ އަހަރު ކިޔެވުން ފެއްޓެވުމަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމުގެ މަސައްކަތްތައް ކުރައްވަމުންދާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޕްރީ ސްކޫލް ތަޢުލީމު ހިލޭ ފޯރުކޮށްދެއްވުމަށް ނިންމަވާފައެވެ. މި ސިޔާސަތުގެ ދަށުން މި އަހަރުން ފެށިގެން ސިޓީތަކުގެ ސްކޫލްތައް ފިޔަވާ އެހެން ސަރުކާރު ސްކޫލްތަކުގައި އަންނަނީ ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 10 އާއި ހަމައަށް ކިޔަވައިދެމުންނެވެ. އަދި އަންނަ އަހަރުން ފެށިގެން މާލެއާއި އައްޑޫ ސިޓީގައި ފީއެއް ނަގައިގެން ކިޔަވައިދެމުންދިޔަ ސްކޫލްތަކުގައިވެސް ކިޔަވައިދެމުންދާނީ ހިލެއެވެ.

ޕީއެސްއެމްއަށް މަޢުލޫމާތުދެއްވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް އިބްރާހީމް އިސްމާޢީލް ވިދާޅުވީ ޕްރީ ސްކޫލް ތަޢުލީމު ފަށައިގަތުމަށްޓަކައި އެސްކޫލްތަކަށް ބޭނުންވާނެ މަރާމާތުގެ މަސައްކަތްތަކާއި، ސްކޫލަށް ބޭނުންވާނެ ތަކެތި ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. މިގޮތުން ސްކޫލްތަކަށް މޭޒު ފޮނުއްވާފައިވާ ކަމަށާއި ގޮނޑި ހޯއްދެވުމުގެ މަސައްކަތް ކުރިއަށްގެންދަވާ ކަމަށް ވިދާޅުވިއެވެ. އިބްރާހީމް އިސްމާޢީލް ވިދާޅުވީ އަންނަ ދިރާސީ އަހަރާއެކު ސްކޫލްތަކުގައި ޕްރީ ސްކޫލަށް ކިޔަވައިދެއްވުން ކާމިޔާބުކަމާއެކު ފަށްޓަވައިގެން ކުރިއަށްގެންދެވޭނެ ކަމުގައެވެ.

ޕްރީ ސްކޫލަށް ކިޔަވައިދޭ ޓީޗަރުން ހަމަޖެހިފައިވާ ކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މިއަންނަ ދިރާސީ އަހަރާއެކު ޕްރީސްކޫލު ތަޢުލީމު ރަސްމީ ތަޢުލީމުގެ ބައެއްގެގޮތުގައި ހަމަޖެހި އެ މަރުޙަލާގެ ތަޢުލީމު މުޅިރާއްޖޭގައި ހިލޭ ފޯރުކޮށްދެވޭނެއެވެ. މިގޮތުން މިއަންނަ އަހަރު، ޕްރީސްކޫލު މަރުޙަލާގައި ޕްރީސްކޫލު 628 ޓީޗަރުން 15،700 އަށްވުރެ ގިނަ ދަރިވަރުންނަށް އުގަންނައިދިނުމުގެ މަސައްކަތް ކުރައްވާނޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.