ޚަބަރު

4 އަތޮޅު ހޮސްޕިޓަލަކަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފި


ދިރާގުން ރާއްޖޭގެ 4 އަތޮޅު ހޮސްޕިޓަލަކަށް އޮކްސްސިޖަން ކޮންސެންޓްރޭޓަރ ހަދިޔާ ކޮށްފިއެވެ. މިއީ ދިރާގުގެ ޢިޖުތިމާއީ ޒިމްމާގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތައް ތަރައްގީކޮށް ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކުރިކަމެކެވެ.

ދިރާގުން އޮކްސްސިޖަން ކޮންސެންޓްރޭޓަރތައް ހަދިޔާ ކޮށްފައިވަނީ އއ. އަތޮޅު ހޮސްޕިޓަލް، އދ. އަތޮޅު ހޮސްޕިޓަލް، ފ. އަތޮޅު ހޮސްޕިޓަލް އަދި ދ. އަތޮޅު ހޮސްޕިޓަލަށެވެ. މި ހޮސްޕިޓަލްތަކުން ވިދާޅުވީ ދިރާގުން މިދެއްވި އެހީއަކީ އެހޮސްޕިޓަލްތަކަށް ވަރަށް ބޭނުންތެރި އެއްޗެއްކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މިފަދަ އެހީތައް ލިބެމުންދާނެކަމަށް އުއްމީދުކުރައްވާކަމުގައި މި ހޮސްޕިޓަލްތައް ހިންގެވުމާއި ހަވާލުވެ ތިއްބެވި ބޭފުޅުންވަނީ ވިދާޅުވެފައެވެ.

ދިރާގުން ބުނީ ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގެ އެކި ޞަރަޙައްދުތަކަށް ބޭނުންވާ މިފަދަ އެކިކަންކަން އެކުންފުނީގެ ޢިޖުތިމާއީ ޒިންމާގެ ދަށުން ކުރަމުން ގެންދާނެކަމަށެވެ. ދިރާގުގެ ޢިޖުތިމާއީ ޒިމްމާގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅު ތަކަށް އެހީތެރިކަން ފޯރު ކޮށްދިނުމަށް މި އަހަރުގެ ތެރޭގައިވެސް ގިނަ ހަރަކާތްތަކެއް ހިންގާފައިވެއެވެ. މީގެ ތެރޭގައި ލ. އަތޮޅާއި ބ. އަތޮޅުގެ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް ކްލާސް ކުރިއެރުވުމަށް ބޭނުންވާ ތަފާތު ވަސީލަތްތައް ހަދިޔާ ކުރުމާއި، އަދި ފުވައްމުލަކުގައި ޤާއިމު ކުރަން އުޅޭ ސެޕެޝަލް އެޑިއުކޭޝަން ނީޑްސް ކްލާހަށް އެހީ ތެރިކަން ފޯރުކޮށްދިނުމަށް ދިރާގުން ނިންމި ނިންމުން ފާހަގަކުރެވެއެވެ. މީގެ އިތުރުން މި އަހަރުގެ ޑިސްއެބިލިޓީ އެވޯޑަށްވެސް ދިރާގުން އެހީތެރިކަށް ފޯރު ކޮށްދީފައިވެއެވެ.