ޚަބަރު

މުސްލިމް ޤައުމެއްގެ ގޮތުގައި ރާއްޖެއަށް ގިނަ ގޮންޖެހުންތަކެއް


ރާއްޖެ ސަތޭކަ ޕަސެންޓް މުސްލިމް ޤައުމެއްގެ ގޮތުގައި މި ހޭދަކުރި ދިގުމުއްދަތަކީ ޤައުމީ ނިސްބަތުން ބަލާއިރު އަރާމުގައި ތިބި ދުވަސްތަކެއް ނޫންކަމަށް ޢިލްމީ ދިރާސާކުރައްވާ ބޭފުޅެއްކަމަށްވާ، ޕަބްލިކް ސަރވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ. ޕީއެސްއެމްގެ ބޮޑު ދައުރެއް އޮވެގެން ފާހަގަކުރައްވާ، ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމިއްޔާތުތައް ފެށުމުގެ އިޙްތިފާލްގައި ވާހަކަދައްކަވަމުން މުޙައްމަދު އިކްރާމް ވިދާޅުވީ މިފަދަ ދުވަހެއް ފާހަގަކުރާއިރު ދިވެހިން މި ޙަޤީޤަތް ޤަބޫލުކުރުން މުހިންމު ކަމަށެވެ.

ދިވެހިރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރެއްވުމުގެ ރަސްމީ އިޙްތިފާލްތައް ފެއްޓެވުމުގެ ރަސްމިއްޔާތުގައި، ޢިލްމީ ދިރާސާކުރައްވާ ބޭފުޅެއްކަމަށްވާ، ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް ދެއްކެވި ވާހަކަފުޅުގައި ރާއްޖެ އިސްލާމް ޤައުމެއްގެ ގޮތުގައި ހޭދަކުރި 889 އަހަރުގެ ތެރޭގައި ކުރިމަތިވި ގޮންޖެހުންތަކާއި ރާއްޖެއަށް އެކި ފަރާތްތަކުން ދިން ޙަމަލާތަކާއި ރާއްޖެއަށް ޙަމަލާދިން ބޭރުގެ ފަރާތްތަކުން ކުރި މަސައްކަތުގައި ދިވެހިންގެ ސައްތައިން ސައްތަ މުސްލިމުންގެ ގޮތުގައި ތިބި ތިބުން ނައްތާލުމަށް ކުރި މަސައްކަތަށް ބައްލަވާލެއްވިއެވެ.

އޭނާ ސިފަކުރެއްވި ގޮތުގައި ރާއްޖެ ސަތޭކަ ޕަސެންޓް މުސްލިމް ޤައުމެއްގެ ގޮތުގައި މި ހޭދަކުރި ދިގުމުއްދަތަކީ ޤައުމީ ނިސްބަތުން ބަލާއިރު އަރާމުގައި ތިބި ދުވަސްތަކެއް ނޫނެވެ. އަޅުގަނޑުމެންނަށް މިއަދާ ހަމައަށް ސައްތައިން ސައްތަ މުސްލިމުންގެ ގޮތުގައި މިއާދެވުނީ އެތައް ގޮންޖެހުމަކާއި އެތައް ކަމަކާއެކު ﷲ ގެ ވާގިފުޅާއެކު ވަރަށް ހިއްވަރުކޮށްގެން، އެ ގޮންޖެހުންތަކާ ކުރިމަތިލައިގެން ކަމަށާއި މާޒީގައި އެތައް ކަމެއް އެތައް ފަހަރަކު، އެތައް ގޮތަކަށް އަޅުގަނޑުމެންނާ ކުރިމަތިވެފައި އެބަހުރިކަން ފާހަގަކުރައްވާފައިވެއެވެ.

އަދި އަޅުގަނޑުމެންގެ އިސްލާމީ ޝަޚްޝިއްޔަތު ނެތިކޮށްލަން އެތައް ކަމެއް ކުރިމަތިކޮށްފައިވާ ކަމަށާއި އެކަމުގެ ބޭނުމަކީ، ރާއްޖޭގައި މިއޮތް ސައްތައިން ސައްތަ އިސްލާމީ ރީތިނަން ދުއްވާލުން ކަމަށެވެ. ރާއްޖެއަށް އެރި ނުވަތަ ރާއްޖެ އަޅުވެތިކުރަން މަސައްކަތްކުރި ކޮންމެ ބަޔަކު މަސައްކަތްކޮށްފައި އޮތް ކޮންމެ ބަޔެއްގެ އެންމެ ބޮޑު މަސައްކަތަކަށްވެފައި އޮތީ އަޅުގަނޑުމެންގެ މި އިސްލާމީ ވަޙްދަތު ދުއްވާލުން ކަމަށެވެ. ރާއްޖެ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ދިގުމުއްދަތެއްގައި އޮތް އޮތުން މުޙައްމަދު އިކްރާމް ފަޚުރެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ދަންނަވާނީ ދުނިޔޭގެ ޤައުމުތަކާއި ދުނިޔޭގެ ތާރީޚް ދިރާސާކުރާއިރު، ސަތޭކަ ޕަސެންޓް މުސްލިމް ޤައުމެއްގެ ގޮތުގައި މިހާދިގު މުއްދަތެއްގައި އޮތް ދުނިޔޭގެ އެއްވެސް ކަންކޮޅަކުން ފެންނާނެ ހެންނެއް އަޅުގަނޑަކަށް ހިޔެއް ނުވޭ. މީގެ ފުރިހަމަ ޖަވާބު ތާރީޚް ދިރާސާކުރައްވާ ބޭފުޅުން ބައްލަވައިފިޔާ ދެއްވޭނެ. މިއަދުވެސް އިސްލާމީ ދުނިޔޭގައި ސައްތައިން ސައްތަ އިސްލާމީ ޤައުމުތަކުގެ ގޮތުގައި ގުނާލެވެނީ އަތުގެ އިނގިލިން ގުނާލެވޭ މަދު ޤައުމެއް. އޭގެތެރެއިން ދިވެހިރާއްޖެއަކީ އަޅުގަނޑު ދަންނަވާނީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި ދުނިޔޭގެ މިއޮޔާއި ވައިގެ ތެރޭގައި އެންމެ ދުވަސްވީ ޤައުމުގެ ގޮތުގައި އޮތް ޤައުމޭ." އިކްރާމް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި އޮންނާތީ އަންނަ ޕްރެޝަރގެ މައްޗަށް ވާހަކަދައްކަވަމުން މުޙައްމަދު އިކްރާމް ވިދާޅުވީ މި ޕްރެޝަރ އަންނަން ފެށީ އިއްޔެއަކު މިއަދަކު ނޫންކަމަށެވެ. އެ ޕްރެޝަރ އަޅުގަނޑުމެން އިސްލާމީ ހިދާޔަތުގައި މިހޭދަކުރި ހުރިހާ ދުވަހެއްގައިވެސް އަންނަކަމަށާއި ދިވެހި ހުރިހާ ޖީލެއް އިސްލާމްދީނުގައި ސާބިތުވެތިބިކަމީ އަޅުގަނޑުމެންގެ ހިއްވަރު ގަދަކަމާއި ﷲ ގެ ހެޔޮ ރަޙްމަތް އަޅުގަނޑުމެންގެ މައްޗަށް ފުޅާވެ ތަނަވަސްވެގެންވާކަމުގެ ބޮޑު ހެއްކެއް ކަމަށް އޭނާ ބަޔާންކުރެއްވިއެވެ.

"ބައިނަލްއަޤުވާމީ މަސްރަޙަށް ދިވެހިން ނުކުތީއްސުރެ، ބައިނަލްއަޤުވާމީ ޖަމްޢިއްޔާ، ޖަމާއަތްތަކުގައި ބައިވެރިވާން ފެށިއްސުރެ އަންނަ ޕްރެޝަރެއް، ކީއްވެހޭ ދިވެހިރާއްޖޭގައި އެއްޖިންސުން ކާވެނި ކުރަން ހުއްދަނުކުރެވެނީ.. ކީއްވެހޭ ދިވެހިރާއްޖޭގައި އެހެން ދީންތަކުގެ މީހުން އަޅުކަންކުރާ ތަންތަން ބިނާނުކުރެވެނީ.. ކީއްވެގެންހެއްޔޭ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައިވެސް ބަނގުރާ ވިއްކުން ހުއްދަނުކުރެވެނީ.. އެކަން ކުރީމާ ނޫނީ އަޅުގަނޑުމެން އުފައްދާ މަހުގެ ބާވަތްތައްވެސް ނުގަންނަން ދުނިޔޭގެ ބައެއް ޤައުމުތަކުން ތިބި ވާހަކަ މިއީ ތިޔަ ބޭފުޅުންނަށް އާ ވާހަކަފުޅަކަށް ނުވާނެ." އިކްރާމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމާ ހަމައަށް މާޒީވެދިޔަ ޞަފުޙާތައް ނިއުޅާލުމުން، އޭރު ބޭރުގެ ފަރާތްތަކުގެ ސުވާލުތަކަށް ދެނީ ފިނިޖަވާބެއްކަން އެނގޭކަން ފާހަގަކުރައްވަމުން، މުޙައްމަދު އިކްރަމް ވިދާޅުވީ، ރާއްޖެއަކީ، ކުޑަ ޤައުމަކަށްވެފައި ބޭރުގެ އެކި ޤައުމުތަކަށް ބަރޯސާވުން ބޮޑު ޤައުމަކަށްވާތީ، ފިނޑިވެފައި ތިބީކަމަށެވެ. ނެގިމަޑުވެފައި ތިބީކަމަށެވެ. އެހެންނަމަވެސް ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންފައި އެ ސުވާލުތަކަށް ސާބިތުކަމާއެކު ޖަވާބުދެއްވި ފާހަގަކުރެއްވިއެވެ. ދިވެހި ރައްޔިތުން އިސްލާމް ދީން ނޫން އެހެން ދީނެއް ޤަބޫލެއް ނުކުރާނެކަމާއި އެ ދީން ނޫން އެހެން ދީނަކަށް ރާއްޖޭގައި ޖާގައެއް ނެތްކަމާއި އެދީނާ އިދިކޮޅު ހުރިހާ ކަމަކާ ދިވެހިން ދެކޮޅުހަދާނެކަން ރައީސް ޔާމީން ސާބިތުކަމާއެކު ދުނިޔެއަށް އަންގަވަމުން ގެންދަވާކަން މުޙައްމަދު އިކްރާމް ފާހަގަކުރެއްވިއެވެ.