ޚަބަރު

އޮޕަރޭޝަން ހިރާސް ފާސް - 744 ތަނެއް ބަލާފާސްކޮށްފި


މާލޭގައި އަލިފާނުގެ ޙާދިސާތައް ހިނގުމުގެ ފުރުޞަތު ކުޑަކުރުމަށްޓަކައި މާލޭގެ ގުދަން، ވަރކްޝޮޕް އަދި ހޮޓާ ރެސްޓޯރެންޓްތައް ބަލާ ފާސްކުރުމުގެ ގޮތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްއިން ކުރިއަށް ގެންދާނ ހިރާސް ފާސް އޮޕަރޭޝަނުގައި މިހާތަނަށް 744 ތަން ބަލާ ފާސްކުރައްވާފައިވާ ކަމަށާއި މި މަހުގެ ތެރޭގައި މި އޮޕަރޭޝަން ނިންމާލެވޭ ވަރުވާނެ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ. 

ކަޅުތުއްކަލާ ކޮށީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ މިވަގުތު ހަމައެކަނި މާލޭގައި ހުރި ގުދަން ފަދަ ތަންތަން ބަލާ ފާސްކުރެއްވުމުގެ މަސައްކަތް އެމްއެންޑީއެފްއިން ކުރެއްވި ނަމަވެސް ކުރިއަށް އޮތްތާނގައި މި މަސައްކަތް ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައިވެސް ކުރިއަށް ގެންދާނެ ކަމަށެވެ. މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ މާލޭގެ މާޙައުލު އޮތް ގޮތުން އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް މެދުވެރިވެއްޖެނަމަ ޢާންމު ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ފުރުޞަތު ބޮޑު ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ހިރާސް ފާސް އޮޕަރޭޝަންގެ މައިގަނޑު މަޤްސަދަކީވެސް އަލިފާނުގެ ހާދިސާތަކުން ލިބޭ ގެއްލުން ކުޑަކުރުން ކަމަށެވެ.

ހިރާސް ފާސް އޮޕަރޭޝަންގެ މަޢުލޫމާތު ޙިއްސާ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ މި އޮޕަރޭޝަން ބަލާ ފާސްކޮށް ނިމުމުން، އެފަދަ ތަންތަނުގެ ސަލާމަތީ ކަންކަން ހުންނަންޖެހޭނެ މިންގަނޑުތައް ބަޔާންކޮށް އެމްއެންޑީއެފްއިން އުސޫލެއް ޢާންމު ކުރައްވާނެ ކަމަށެވެ. އަދި އެ އުސޫލުތައް ޢާންމުކުރެއްވުމަށްފަހު އެފަދަ ތަންތަން އެ މިންގަނޑަށް ފެއްތުމަށް ތިންމަސް ދުވަހުގެ މުހުލަތެއް ދެއްވާނެ ކަމަށް މިނިސްޓަރ އާދަމް ޝަރީފްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14823987940989.jpg|ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ނޫސްވެރިންނަށް މަޢުލޫމާތުދެއްވަނީ

"މާލޭގެ މާހައުލު އޮތީ އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢާންމުންނަށް އޭގެއިން ވަރަށް ނުރައްކާތެރިވާ ފަދަ ގޮތަކަށް. އެހެންވީމަ އަޅުގަނޑުމެން މިހާރު ބަލާ ފާސްކުރަމުން މިދާ ތަންތަން ބަލާ ފާސްކޮށް ނިމުނީމަ އެމްއެންޑީއެފްއިން މިފަދަ ތަންތަން ހުންނަންޖެހޭނެ މިންގަނޑުތައް ބަޔާންކޮށް އުޞޫލެއް ޢާންމުކުރާނަން،" ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ. 

މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ އެމްއެންޑީއެފްއިން ޢާންމުކުރައްވާ އުޞޫލުގައި ބަޔާންކޮށްފައިވާ މިންގަނޑާ އެއްގޮތަށް ގުދަންފަދަ ތަންތަން ހުރިތޯ ބެލުމަށް ތިންމަސް ފަހުން ހިރާސް ފާސްގެ ދެވަނަ ބުރެއް އެމްއެންޑީއެފްއިން ފައްޓަވާނެ ކަމަށެވެ. އަދި އެ ބުރުގައި މިހާރު ބަލާ ފާސްކުރަމުންދާ ތަންތަން ބެލުމަށްފަހު އެތަންތަން ހުރީ އެ މިންގަނޑުތަކާ އެއްގޮތަށްތޯ ބައްލަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެ މިންގަނޑާ އެއްގޮތަށް ނެތްކަމަށްވާ ނަމަ އެފަދަ ތަނަކާ މެދު ފިޔަވަޅު އެޅުމަށް އެ ތަނެއްގެ ބެލެނިވެރި އިދާރާއަކަށް އަންގަވާނެ ކަމަށް ވެސް މިނިސްޓަރ އާދަމް ޝަރީފްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

"މިތަންތަނަށް ތިން މަސް ދުވަހު މުހުލަތެއް ދިނުމަށްފަހު އަނެއްކާވެސް އަޅުގަނޑުމެން ހިރާސް ފާސްގެ އާ ބުރެއް ފައްޓާނަން. ދެވަނަ އަށް އަޅުގަނޑުމެން ފަށާ ބުރުގައި އަޅުގަނޑުމެން ކުރިން ބަލާ ފާސްކުރިތަންތަން ބަލާނަން. އަދި އެތަންތަން ހުރީ މި ދެންނެވި އުޞޫލުގައި ބަޔާންކޮށްފައިވާ މިންގަނޑަށްތޯ އަޅުގަނޑުމެން ބަލާނަން" މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވިއެވެ. 

img:http://s4.psmnews.mv/images/660x400/14823987534352.jpg|އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޑިޕާޓްމަންޓްގެ ކޮމާންޑަރ ކާނަލް އަބްދުﷲ ޒުޙުރީ މަޢުލޫމާތު ދެއްވަނީ

މި ބައްދަލުވުމުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޑިޕާޓްމަންޓްގެ ކޮމާންޑަރ ކާނަލް އަބްދުﷲ ޒުޙުރީ ވިދާޅުވީ އެމްއެންޑީއެފްއިން ކުރިއަށް ގެންދަވާ ހިރާސް ފާސް އޮޕަރޭޝަނަށް ޢާންމުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ބައެއް ގުދަންތައް ބަލާ ފާސްކުރުމަށް އެފަދަ ތަންތަނުގެ ވެރިން އަމިއްލަފުޅަށް އެމްއެންޑީއެފްއަށް ގުޅާ ދަންނަވަމުންދާ ކަމަށާއި އެއީ މި އޮޕަރޭޝަން އެހާ އަވަސް މިނެއްގައި ނިންމާލެވުނު އެއް ސަބަބު ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން އަޅުގަނޑުމެންގެ މި އޮޕަރޭޝަނަށް އާންމުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބުން. ވަރަށް ބޮޑަށް. އަޅުގަނޑުމެންނަށް ވަކިން ގުޅާފައި ގުދަންތަކުން އެބަ ބުނޭ ކޮން އިރަކުންހޭ ތިމަންނާ މެންގެ ގުދަން ޗެކް ކުރައްވާނީ. އެހެންވީމައޭ އަޅުގަނޑުމެންނަށް މިހާ އަވަހަށް މި ނިއްމާލެވުނީ ވެސް މި އޮޕަރޭޝަން،" ޒުހުރީ ވިދާޅުވިއެވެ. 

އަލިފާނުގެ ޙާދިސާތަކުން ލިބޭ ގެއްލުންތައް ކުޑަކޮށް، އެފަދަ ޙާދިސާތައް މަދުކުރުމަށް އެމް.އެން.ޑީ.އެފުން މިހާރު ކުރިއަށްގެންދަވާ ހިރާސް ފާސް އޮޕަރޭޝަނަކީ އަލިފާނުގެ ހާދިސާތައް މަދުކުރުމަށް އެފަރާތުން ކުރިއަށްގެންދަވަން ރާއްވަވާފައިވާ މަސައްކަތްތަކުގެ ފުރަތަމަ ފިޔަވައްސެވެ. މި އޮޕަރޭޝަންގެ ދަށުން މާލޭގެ ގުދަންތަކާއި، ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަނުގައި އަލިފާން ނިއްވުމުގެ އިންތިޒާމް ހަމަޖައްސާފައި ހުރި ގޮތް އެމް.އެން.ޑީ.އެފުން ގެންދަވަނީ ބައްލަވަމުންނެވެ. މި ފިޔަވަހީގައި އެމް.އެން.ޑީ.އެފުން ކުރައްވަމުން ގެންދަވަނީ މައުލޫމާތު އެއްކުރެއްވުމުގެ މަސައްކަތެވެ.