މުނިފޫހިފިލުވުން

ފިލްމީ ދާއިރާ ދަނީ އުއްމީދީގޮތެއްގައި ކުރިއަރަމުން - މިނިސްޓަރ


ރާއްޖޭގެ ފިލްމް އިންޑަސްޓްރީ ވަރަށް އުޖާލާ އުންމީދީގޮތެއްގައި ކުރިއަރަމުންދާކަމަށް މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ 7 ވަނަ ޤައުމީ ފިލްމް އެވޯޑް ދިނުމުގެ ޙަފްލާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ދަރުބާރުގޭގައި ކުރިޔަށްދިޔަ މި ހަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ވިދާޅުވީ، ސަރުކާރުން ދިވެހި ފިލްމް އިންޑްސްޓްރީ ކުރިއަރުވަން މަސައްކަތްތަކެއްކުރައްވަމުން ގެންދަވާކަމަށެވެ. އަދި ދިވެހި ފިލްމް އިންޑަސްޓްރީ މިހާރު ފެންނަމުން ދަނީ ކުރިމަގު ވަރަށް އުޖާލާ އިންޑަސްޓްރީއެއްގެ ގޮތުގައިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ފިލްމް އިންޑަސްޓްރީގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ ތެރެއިން 80 އިންސައްތަ ފަންނާނުނަކީ ޒުވާނުންކަމަށެވެ.

މިނިސްޓަރ އިރުތިޝާމް ވިދާޅުވީ، ރާއްޖޭގެ އާޓްސްގެ ދާއިރާ ތަރައްގީ ކުރަން މި ސަރުކާރުން ފެއްޓެވި މަސައްކަތުގެ ދަށުން އާޓްސްގެ ރޮނގުން ގިނަ ޒުވާނުންތަކެއް ތަމްރީނާއި ތައުލީމު ހާސިލްކޮށްފައިވާ ކަމަށެވެ. އަދި ޕީއެސްއެމްގެ އިސްނެންގެވުމާއެކު ފެއްޓެވި އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތަކީ ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާއަށް އިތުރު އާރޯކަމެއް ގެނެސްދިން މުބާރާތެއް ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އާޓްސް ދާއިރާއަށް ވަންނަ ޒުވާނުންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނަކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ މިހާތަނަށް ދުއިސައްތައަށްވުރެ ގިނަ ޒުވާނުން ދާއިރާއިން ތަމްރީން ވެފައިވާކަމަށެވެ. 

3 އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު، ސަރުކާރުން އަލުން ޤައުމީ ފިލްމު އެވޯޑް ދެއްވަން ފަށްޓަވާފައިވަނީ، ދިވެހި ރާއްޖޭގެ ފިލްމް އިންޑަސްޓްރީ ކުރިއަރުވައި، ޤާބިލް ޒުވާނުންތަކެއް އުފެއްދެވުމުގެ މަޤްޞަދުގައެވެ. މިއަހަރު ބޭއްވެވި ޤައުމީ ފިލްމް އެވޯޑަށް 11 ފިލްމެއް ނޯމިނޭޓްވެފައިވާއިރު، 21 ދާއިރާއަކުން ފަންނާނުންވަނީ އެވޯޑް ޙާސިލުކޮށްފައެވެ.