ވިޔަފާރި

އެއްމަސް ދުވަސް ތެރޭގައި 12 މިލިއަނަށްވުރެ ގިނަ ޑޮލަރު ވިއްކައިފި


ރާއްޖެއިން ބޭރަށް ފުރާ ދިވެހި ޢާންމުންނަށް އެއް މަސްދުވަހުގެ ތެރޭގައި 12 މިލިއަނަށްވުރެ ގިނަ ޑޮލަރު ވިއްކަވާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭއިން ވިދާޅުވެއްޖެއެވެ. މިއީ ދިވެހި ރުފިޔާއިން ބަލާއިރު 185 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ޑޮލަރެވެ.

އެމްއެމްއޭއިން މީގެ ކުރިން ވިޔަފާރި ބޭންކުތައް މެދުވެރިކުރައްވައި ވިއްކަވަމުން ގެންދެވި ޑޮލަރ، ސީދާ އެމް.އެމް.އޭގައި ވިއްކެވުމަށް ނިންމަވާފައިވަނީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހި ޢާންމުންނަށް ޑޮލަރު ލިބުމުގައި އޮތް ދަތިކަމަށް ޙައްލެއް ގެންނެވުމުގެ ގޮތުންނެވެ. ޑޮލަރު ދޫކުރެއްވުމުގެ މަސައްކަތް ހަލުވިކުރައްވައި ޢާއްމުންނަށް ލުއިފައްސޭހަވާނެހެން ކުރިއަށް ގެންދެވުމަށް އެމްއެމްއޭއިން ވަނީ ޚާއްޞަ އިންތިޒާމްތަކެއް ހަމަޖައްސަވާފައެވެ. އެމްއެމްއޭއިން ކޮންމެ ދުވަހަކުވެސް ޑޮލަރު ވިއްކަވަމުން ގެންދަވާނީ، ކުރިއަށް އޮންނަ 7 ދުވަހުގެ ތެރޭގައި ފުރާ މީހުންނަށް އެކަންޏެވެ. މިދިޔަ މަހުގެ 20 ގައި އެމްއެމްއޭއިން ޑޮލަރު ވިއްކަވަން ފަށްޓަވައި މިހާތަނަށް 12 މިލިއަނަށްވުރެ ގިނަ ޑޮލަރު ވިއްކަވާފައިވަނީ 8،800 ކަސްޓަމަރަކު ގެންދިޔަ 24،246 ޓިކެޓަށެވެ.

ޑޮލަރު ވިއްކެވުވުމަށް ޖުމްލަ 10 ކައުޓަރުން ޚިދުމަތް ދެއްވަމުން ގެންދަވާއިރު، ނަންބަރު ނެގުމަށްފަހު މަޑުކުރަން ޖެހޭނީ އެންމެ ގިނަވެގެންވެސް 30 މިނެޓެވެ. ކޮންމެ މީހަކަށްވެސް ޑޮލަރު ވިއްކަނީ ގިނަވެގެން 5 ޓިކެޓަށެވެ.

އެމްއެމްއޭއިން ޑޮލަރ ދޫކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވަނީ 2 މަރުޙަލާއަކަށް ބައްސަވާލައްވައިގެންނެވެ. އެގޮތުން ހެނދުނު 9 ން، ހަވީރު 6 ޖެހުމާއި ހަމައަށް ކުރިޔަށްގެންދަވާ ލިޔެކިޔުންތަކުގެ ޞައްޙަކަން ދެނެގަތުމުގެ މަސައްކަތާއި ހަވީރު 4 ން ރޭގަނޑު 8 ޖެހުމާ ހަމައަށް ޑޮލަރު ދޫކުރެއްވުމުގެ މަސައްކަތެވެ. އެމަޖެންސީކޮށް ފުރާ ފަރާތްތަކާށާއި، ޢުމުރުން 65 އަހަރުން މަތީގެ މީހުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި މާބަނޑު އަންހެނުންނަށް އެކްސްޕްރެސް ޚިދުމަތް ދެއްވަމުން ގެންދަވާކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. ބޭންކުތައް މެދުވެރި ކުރައްވައިގެން މީގެކުރިން ވިއްކަވަމުން ގެންދެވި ޑޮލަރު އެމްއެމްއޭއިން ވިއްކަވަމުން ގެންދެވި ނަމަވެސް އަތޮޅުތެރޭގައި ޤާއިމްކޮށްފައިވާ ބީއެމްއެލްގެ ގޮފިތަކުން ކުރިއެކޭ އެއްގޮތަށް ޢާއްމުންނަށް ޑޮލަރު ވިއްކަވަމުން ގެންދަވާނޭ ކަމަށް އެމްއެމްއޭއިން ވިދާޅުވެފައިވެއެވެ.