ކުޅިވަރު

އިމްރާން އާއި ސެންޓޭ ނިއުރޭޑިއެންޓަށް ސޮއިކޮށްފި


ގޯލް ކީޕަރ އިމްރާން އާއި އަލީ ފާސިރު (ސެންޓޭ) ނިއުރޭޑިއެންޓަށް ސޮއިކޮށްފިއެވެ. 

ނިމިގެންދިޔަ ސީޒަންގައި ޓީސީ ސްޕޯޓްސް ކްލަބްގައި މޮޅު ކުޅުމެއް  ދެއްކި އަލީ ފާސިރު (ސެންޓޭ) ނިއުރޭޑިއެންޓަށް ސޮއިކުރިއިރު ސެންޓޭ އަކީ ނިމިގެންދިޔަ ސީޒންގައި ރާއްޖޭގެ އެންމެ ގިނަ ލަނޑު ޖަހައިގެން ރަން ބޫޓު ހޯދި ކުޅުންތެރިޔާއެވެ. 

ޓީސީ ސްޕޯޓްސްއަށް ފާސިރު ބަދަލުވުމުގެ ކުރިން އޭނާ ވަނީ ނިއުރޭޑިއެންޓް ޖާޒީގައި އެކްލަބާއެކު ގިނަ ކާމިޔާބުތަކެއް ހޯދާފައެވެ.

 ދެއަހަރަށް ފަހު ގޯލް ކީޕަރ އިމްރާން މާޒިޔާ ދޫކޮށް ނިއުރޭޑިއެންޓަށް ބަދަލުވިއިރު އިމްރާން ވެސް މާޒިޔާއަށް ބަދަލުވީ ނިއުރޭޑިއެންޓުންކަން ފާހަގަކޮށްލެވެއެވެ. އިމްރާން ވަނީ ނިމިގެންދިޔަ ސީޒަންގައި މާޒިޔާއާއެކު ލީގު ހޯދާފައެވެ. އަންނަ ސީޒަނަށް ނިއުރޭޑިއެންޓް ވަރުގަދަ ކުރަމުންދާއިރު އެކްލަބުން ވަނީ ވެލެންސިޔާގެ އަކްރަމް އަބްދުލްޤަނީވެސް އެކްލަބަށް ސޮއިކުރުވާފައެވެ. މީގެ އިތުރުން އިތުރު ތިން ކުޅުންތެރިއެއް ވަރަށް އަވަހަށް ނިއުރޭޑިއެންޓަށް ގުޅޭނެ ކަމަށް އެކްލަބުން ވަނީ ބުނެފައެވެ. އަދި ބިދޭސީ ކޯޗަކާއި ބިދޭސީ 3 ކުޅުންތެރިން ގެންނަން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެކްލަބުން ބުންޏެވެ.

ނިމިގެންދިޔަ ސީޒަނުގައި ނިއުރޭޑިއެންޓް ފެނިފައިވަނީ އާދައިގެ ގޮތަކަށެވެ. ކްލަބްގެ ޗެއާމަނާ އެގްޒެކްޓިވް ކޮމިޓީ އިސްތިޢުފާ ދީފައިވާއިރު އަންނަ މަހުގެ ހަވަނަ ދުވަހު އިންތިހާބު ބޭއްވުމަށް އެކްލަބް އަންނަނީ ތައްޔާރުވަމުންނެވެ.

 މަޢުލޫމާތު ލިބޭގޮތުގައި ނިއުރޭޑިއެންޓާ ހަވާލުވުމަށް ތައްޔާރުވަމުންދަނީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިންގެ ގްރޫޕެކެވެ.