ވިޔަފާރި

އެލައިޑުން ޚާއްޞަ އިންޝުއަރެންސް ސްކީމްތަކެއް ތަޢާރަފްކޮށްފި


އަންނަ ޖެނުއަރީމަހުގެ އެކަކުން ފެށިގެން ކަނޑުދަތުރުކުރާ ހުރިހާ އުނޅަނދެއް އިންޝުއުރެންސް ކުރަން ލާޒިމްކޮށްފައިވާތީ، މިކަމަށް ޚާއްޞަ ކެމްޕެއިނަކާއެކު އެލައިޑް އިންޝުއަރެންސް ކޮމްޕެނީން އިންޝުއަރެންސް ދެ ސްކީމެއް ތަޢާރަފްކޮށްފިއެވެ.

މިކަމާ ބެހޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އެކުންފުނީގެ މާކެޓިންގ މެނޭޖަރ ނިއުޝާދު ޝަރީފް ވިދާޅުވީ، "ހަލް ކެމްޕެއިން ނިޔާމަ" ގެ ނަމުގައި އެކުންފުނިން ފެށި މި ހަރަކާތުގެ ބޭނުމަކީ، އަންނަ އަހަރުން ފެށިގެން ކަނޑު ދަތުރުކުރާ އުޅަނދުފަހަރު އިންޝުއަރެންސް ކުރުމަށް ލާޒިމްކޮށްފައިވާތީ މިކަމާ ބެހޭގޮތުން ރައްޔިތުން ހޭލުންތެރިކުރުން ކަމަށެވެ. މިގޮތުން އެކުންފުނީގެ ޓީމްތައް ރާއްޖޭގެ އެކިކަންކޮޅުތަކަށް ދަތުރުކޮށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާކަމަށް ނިއުޝާދު ވިދާޅުވިއެވެ. ނިއުޝާދު ވިދާޅުވީ، އެކުންފުނިން އަލަށް ތަޢާރަފް ކުރި އިންޝުއަރެންސް ސްކީމްތައް މީގެކުރީގެ ސްކީމްތަކަށްވުރެ %30 އަގުހެޔޮވާނެކަމަށެވެ.

މިއަދު އަލަށް ފެށި އިންޝުއަރެންސް ދެ ސްކީމާ ބެހޭގޮތުން މަޢުލޫމާތުދެއްވަމުން އެކުންފުށީގެ މެނޭޖަރ ރީއިންޝުއަރެންސް ސްޓެޓިސްޓިކްސް އަޙުމަދު ސާބިޤް ވިދާޅުވީ، މި ސްކީމްތަކުގެ ދަށުން އިންޝުއަރެންސް ކުރުމުން އުޅަނދާއި، އޭގެ އާލަތްތަކާއި، ފަޅުވެރިންނާއި ފަސިންޖަރުންނަށް ކަނޑުމަތީގައި ދިމާވާ ހާދިސާތަކަށް ބަދަލު ލިބިގެންދާނެކަމަށެވެ. އަދި ގުދުރަތީ ކާރިސާތަކުންނާއި އެކްސިޑެންޓް ތަކުން އުޅަނދަށް ލިބޭ ގެއްލުމާއި އަދި ދޯނި ފަރަށްއެރުމުން ފުންކުރަންދާ ޚަރަދުވެސް މިސްކީމްގައި ހިމެނޭނެކަމަށް ސާބިޤް ވިދާޅުވިއެވެ.

"މި އިންސިއުރެންސްގެ އެންމެ ރީތި ތަންކޮޅަކީ، އެންމެ ހިތްގައިމު ތަންކޮޅަކީ މިސާލަކަށް ދޯނި ފަރަށް އެރީ، ފަރަށް އެރިއްޔާ އިންސިއުރެންސްއިން ކަވަރ ކުރާނެއޭ ދޯނި ފުންކުރުމަށް އެދާ ޚަރަދު. ދޯނި ފަޅަށް އަރާފަ އޮންނައިރު ނޭންގޭނެ އެލިބެނީ ކޮންކަހަލަ ގެއްލުމެއް ކަމެއް. ކިހާވަރެއްގެ ގެއްލުމެއްކަމެއް ލިބުނީ. ނޫނީ ގެއްލުމެއް ވެދާނެކަމެއް. އެދޯނި ފުންކުރުމަށްޓަކާ އެދާ ޚަރަދު އިންސިއުރެންސް ކުންފުނިން ކަވަރކޮށްދޭނެ." ސާބިޤް ވިދާޅުވިއެވެ. 

އެލައިޑް އިންސިއުރެންސާއި އެކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކަފުލް މެދުވެރިކޮށް މި ސްކީމްތަކުގައި ބައިވެރިވެވޭނެކަމަށާއި އަދި ރަށްރަށުގައި ހުރި އެސްޓީއޯގެ ފާމަސީތަކުންވެސް މި ޚިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާކަމަށް އެލައިޑުން ބުނެއެވެ.

މިކަމަށްޓަކައި މޫކައި ސްއީޓްސްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ކެމްޕެއިން އިފްތިތާޙްކޮށްދެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ އަޙުމަދު ރިޔާޒީއެވެ.