ޚަބަރު

ލޯކަލް ނެޓްވޯކްތަކަށް ހިލޭ ގުޅޭ ޕެކޭޖެއް އުރީދޫން ތައާރަފްކޮށްފި


ރާއްޖޭގައި ފުޅާދާއިރާއެއްގައި މުއާޞަލާތީ ޚިދުމަތްދޭ އެއް ކުންފުނިކަމަށްވާ، އުރީދޫ މޯލްޑިވްސުން އިތުރު 2 ޕެކޭޖް ތަޢާރަފްކޮށްފިއެވެ. އޫރިދޫއިން މިއަދު ތަޢާރަފްކުރި ޕެކޭޖްތަކަކީ "ޕްރީމިއަމް ވަން ފޯ ނައިން ނައިން" އަދި "ޕްރީމިއަމް ވަން ޓްރިޕްލް ނައިން" އެވެ. މީގެތެރެއިން "ޕޯސްޓްޕެއިޑް ޕްރީމިއަމް ވަން ޓްރިޕްލް ނައިން"ގެ ޕެކޭޖްގައި ރާއްޖޭގެ ހުރިހާ ނެޓްވޯކްތަކަށް ހިލޭ ގުޅޭނެ ކަމަށާއި އެއްވެސް ލިމިޓެއް ނެތި ހިލޭ އެސްއެމްއެސްއާއި އުރީދޫގެ 4ޖީ ޑޭޓާ އަންލިމިޓެޑްކޮށް ލިބޭނެކަމަށް އުރީދޫއިން ބުނެއެވެ. މި ޕެކޭޖްގެ މަހުފީއަކީ 1999 ރުފިޔާއެވެ.

މިއަދު ތައާރަފްކުރި "ޕޯސްޓްޕެއިޑް ޕްރިމިއަމް ވަން ފޯރ ނައިން ނައިން"ގެ ޕްކޭޖްގައި 25 ޖީބީގެ ޑޭޓާއާއި، 5،000 އެސްއެމްއެސް ހިމެނެއެވެ. މި ޕެކޭޖްގައި އުރީދޫގެ ނަމްބަރުތަކަށް ހިލޭ ގުޅޭއިރު އެހެނިހެން ނެޓްވޯކްތަކަށް 2،500 މިނެޓް ހިލޭ ގުޅޭނެކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެއެވެ. އެކުންފުނީގެ ހެޑް އޮފް ސޭލްސް ޙުސައިން ނިޔާޒު ވިދާޅުވީ އުރީދޫއިން އަލަށް ތަޢާރަފްކުރި "ޕޯސްޓްޕެއިޑް ޕްރީމިއަމް ވަން ޓްރިޕްލް ނައިންގެ" ޕްކޭޖަކީ ހައި ސްޕީޑްގައި އިންޓަނެޓް ޑޭޓާ އަންލިމިޓެޑްކޮށް ލިބޭނެހެން ރާއްޖޭގައި މުޅިން އަލަށް ތަޢާރަފްކުރި ޕެކޭޖެއް ކަމަށެވެ.

"އަޅުގަނޑުމެން ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއަށް މި އިންޓްރޮޑިއުސް ކުރަނީ ހުރިހާ އެއްޗެއް އަންލިމިޓެޑް ޕެކޭޖެއް. ވޮއިސްވެސް އެސްއެމްއެސްވެސް، ޑޭޓާވެސް. އަޅުގަނޑުމެން މި ޕޯސްޓްޕެއިޑް 1999ގެ ޕެޕޭޖުން ވޮއިސްއާއި އެސްއެމްއެސްއާއި ޑޭޓާވެސް އެއީ އަންލިމިޓެޑް އެއްޗެއް." އޫރިދޫގެ ހެޑް އޮފް ސޭލްސް ޙުސައިން ނިޔާޒު ވިދާޅުވިއެވެ.

މީގެއިތުރުން ޕްރީޕެއިޑް ބޭނުންކުރާ ކަސްޓަމަރުންގެ ތެރެއިން ޕޯސްޓްޕެއިޑަށް ބަދަލުކުރަން ބޭނުންވާ ކަސްޓަމަރުންނަށްވެސް ޚާއްޞަ ޕެކޭޖެއް އޫރިދޫއިން މިއަދު ތަޢާރަފްކޮށްފައިވެއެވެ. އަލަށް ޕޯސްޓްޕެއިޑަށް ބަދަލުކުރާ ފަރާތްތަކަށް އޫރިދޫއިން ތައާރަފްކުރި ޕެކޭޖުގައި 299 ގެ ޕެކޭޖެކެވެ. މިއީ ޕޯސްޓްޕެއިޑްގެ އެންޓްރީ ލެވެލް ޕެކޭޖެކެވެ.