ޚަބަރު

ޗައިނާގެ ނޫސްވެރިންނަށް ދިވެހި ރަހަތައް ދައްކާލައިފި


ޗައިނާގެ ނޫސްވެރިންނަށް ދިވެހިރާއްޖޭގެ ކާބޯތަކެތި ތަޢާރަފްކުރެއްވުމުގެ ޚާއްޞަ ޙަރަކާތެއް ހިންގަވައިފިއެވެ. "އަ ޓޭސްޓް އޮފް މޯލްޑިވްސް" ގެ ނަމުގައި ޗައިނާގައި، ޗައިނާގެ ނޫސްވެރިންނަށް ދިވެހިރާއްޖޭގެ ކާބޯތަކެތި ތަޢާރުފްކުރެއްވުމަށް ހިންގެވި މިޙަރަކާތުގައި ޢާންމުކޮށް ދިވެހިރާއްޖޭގެ ރައްޔިތުން އާދައިގެ މަތިން ގޭގައި ތައްޔާރުކޮށް ކައިހަދާ ތަކެތި ވަނީ ތަޢާރަފްކުރައްވާފައެވެ.

ޗައިނާގައި ހުންނަވާ ދިވެހި ސަފީރު މުޙައްމަދު ފައިސަލްގެ ދެމަފިރިކަނބަލުން އިސްނަންގަވައިގެން ހިންގެވި މި ޙަރަކާތް ފަށްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ސަފީރު މުޙައްމަދު ވަނީ ދިވެހިރާއްޖެއަކީ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ޗައިނާގައި މަޝްހޫރު މަންޒިލެއް ނަމަވެސް ދިވެހި ޘަޤާފަތާއި، އާދަކާދަ އަދި ކެއިންބުއިމުގެ އަދަބުތައް ޗައިނާގެ ރައްޔިތުންނަށް އެނގޭ މިންވަރު ކުޑަކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން މި ޙަރަކާތަކީ ޗައިނާގެ ނޫސްވެރިން މެދުވެރިކޮށް ދިވެހި ރަހަތަށް ވީހާ ގިނަބަޔަކަށް ތަޢާރަފް ކުރެއްވުމަށް ހިންގެވި ޙަރަކާތެއްކަމަށް ވިދާޅުވިއެވެ. 

img:http://s1.psmnews.mv/images/660x400/14822235182903.jpg|ޗައިނާ ނޫސްވެރިންނަށް ދިވެހި ރަހަތައް ތައާރަފްކުރެއްވުމަށް ބޭއްވި ހަރަކާތުގެ ތެރެއިން

އަދި ދޭދޭ ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ސޮފްޓް ޑިޕްލޮމެސީއަކީ މިހާރު ވަރަށް މުހިންމު ކަމެއްކަމަށް ވިދާޅުވެ، މި ޙަރަކާތުގެ ސަބަބުން ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވެ، ދެޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުންތައް އުފެދިގެންދާނެކަމަށް ސަފީރު ފާހަގަކުރެއްވިއެވެ. މި ޙަރަކާތުގައި ބައިވެރިވި ޗައިނާގެ ނޫސްވެރިން ވަނީ، ދިވެހިކެއުމާއި ޗައިނާގެ ކާބޯތަކެއްޗާ ހުރި ތަފާތުކަމާއި، ވަކިން ޚާއްޞަކޮށް ދިވެހި ކެއުމުގައި މަހުގެ ބާވަތްތައް ގިނަކަމާއި، ކުޅި ގަދަކަމާއި ދިވެހިންގެ އަތުން މޮޑެގެން އަތުން ކެއުމުގެ ވައްޓާފާޅި ފާހަގަކޮށްފައެވެ.

ހެނދުނުގެ ނާސްތާ، މެންދުރު އަދި ރޭގަނޑު ކެއުން، އަދި ހެދިކާވެސް ހިމެނޭ ދިވެހި ކާބޯތަކެތި ހިމެނޭގޮތަށް ގާތްގަނޑަކަށް 45 ވައްތަރުގެ ކާބޯތަކެތި މިޙަރަކާތުގައި ވަނީ ދައްކާލައްވާފައެވެ. ދިވެހި ސަފީރުގެ ރަސްމީ ގެކޮޅުގައި ހިންގެވި މިޙަރަކާތުގައި ޗައިނާގެ މަޝްހޫރު ގިނަ ނޫސްތަކާއި މަޖައްލާތަކުގެ ނޫސްވެރިން ބައިވެރިވިކަމަށް ޗައިނާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ވިދާޅުވިއެވެ.