ފަޅުރަށްރަށް ވަރުވާއަށް ދޫކުރައްވަން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ޢިއުލާންކުރެއްވުމުން އެންމެ ފަރާތަކުން ކުރިމަތިލިނަމަވެސް އެފަރާތަކުން ހުށަހަޅާފައިވަނީ އެކަށީގެންވާ ހުށައެޅުމެއްކަމަށް އެ މިނިސްޓްރީއަށް ޤަބޫލުކުރެވޭނަމަ އެ ރަށެއް އެ ބިޑު ހުށަހެޅުއްވި ފަރާތަށް ދޫކުރެއްވޭ ގޮތަށް ފަޅުރަށްތަކާބެހޭ ޤަވާޢިދަށް އިޞްލާޙް ގެންނަވައިފިއެވެ. މި ގެންނެވި އިސްލާހާއެކު މި ޤަވާއިދު މިހާރު ވަނީ ގެޒެޓް ކުރައްވާފައެވެ.
ފަޅުރަށްރަށް ވަރުވާއަށް ދޫކުރެއްވުމުގެ ޤަވާއިދަށް ގެންނެވި އިޞްލާޙްގައި ވަނީ، ފަޅުރަށްރަށް ވަރުވާއަށް ދޫކުރެއްވުމަށް މިނިސްޓްރި އޮފް ފިޝަރީޒް އެންޑް އެޗްރިކަލްޗަރުން ޢާންމުކޮށް ޢިއުލާން ކުރެއްވުމުން، އެއްފަރާތަކަށްވުރެ ގިނަ ފަރާތަކުން ހުށަހަޅުއްވާފައިވާ އެންމެ މަތީ ކުލި އެއްވަރުވާނަމަ ވަރުވާގެ ކުލި އެއްވަރުވާ ފަރާތްތަކުގެ ތެރެއިން ބިޑް ކާމިޔާބުކުރާ ފަރާތް ކަނޑައަޅުއްވާނީ ކުލި އެއްވަރުވާ ފަރާތްތަކުގެ މެދުގައި ވަރުވާ ކުލި އަލުން ހުށަހެޅުމުގެ ފުރުޞަތު ދެއްވުމަށްފަހު އެންމެ މަތީ ކުލި ހުށަހަޅާ ފަރާތަކަށް ކަމަށެވެ. މިގޮތުން ވަރުވާގެ ކުލި އަލުން ހުށަހެޅުމަށް ލިބޭ ފުރުޞަތުގައި އެއްވަރުވި ވަރުވާގެ ކުއްޔަށްވުރެ ދަށް ކުއްޔެއް ހުށަހަޅައިގެން ނުވާނެ ކަމަށްވެސް ފަޅުރަށްތަކާބެހޭ ޤަވާއިދަށް ގެންނެވި އިޞްލާޙްގައި ބަޔާންކުރައްވާފައިވެއެވެ.
އިޞްލާޙްކުރެއްވި ޤަވާޢިދުގައި ވަނީ ފަޅުރަށްރަށް ވަރުވާއަށް ދޫކުރެއްވުމަށް އަލުން ޢިއުލާން ކުރެއްވުމުން އެއްވެސް ފަރާތަކުން ބިޑު ހުށައަޅާފައިނުވާނަމަ ފިޝަރީޒް މިނިސްޓްރީން ކަނޑައަޅުއްވާ ފަރާތަކަށް އެކަށީގެންވާ އަގެއްގައި އެރަށެއް ވަރުވާއަށް ދޫކުރެއްވިދާނެ ކަމަށެވެ. އަދި ފަޅުރަށެއް ވަރުވާއަށް ދިނުމަށް ހުޅުވާލުމުން އެންމެ ފަރާތަކުން ކުރިމަތިލިނަމަވެސް އެފަރާތަކުން ހުށަހަޅާފައިވަނީ އެކަށީގެންވާ ހުށައެޅުމެއްކަމަށް ފިޝަރީޒް މިނިސްޓްރީއަށް ޤަބޫލުކުރެވޭނަމަ އެ ރަށެއް އެ ބިޑު ހުށަހެޅުއްވި ފަރާތަށް ދޫކުރެއްވޭ ގޮތަށްވެސް ފަޅުރަށްތަކާބެހޭ ޤަވާޢިދަށް ގެންނެވި އިޞްލާޙްގައިވެއެވެ.
ފަޅުރަށްތަކާބެހޭ ޤަވާއިދަށް އިޞްލާޙް ގެންނެވިއިރު، އެ މިނިސްޓްރީން ވަނީ ފަޅުރަށްރަށް ކުއްޔަށް ނުވަތަ ވަރުވާއަށް ދޫކުރުމާ ޢަމަލުކުރާ އުޞޫލަށްވެސް އިޞްލާޙް ގެންނަވާފައެވެ. މި އުޞޫލަށް ގެންނެވި އިޞްލާޙްގައި ވަނީ ފަޅުރަށެއް ވަރުވާއަށް ނަގާ ފަރާތަކުން ބޭނުންވެއްޖެ ހިނދެއްގައި އެރަށް އެހެން ފަރާތަކަށް ދެވިދާނެކަމަށެވެ. ނަމަވެސް އެހެން ފަރާތަކަށް ރަށް ވަރުވާއަށް ދޫކުރެވޭނީ ފިޝަރީޒް މިނިސްޓްރީގައި އެކަން ލިޔުމަކުން ދެންނެވުމަށްފަހު، އިންވެސްޓްމަންޓް ބަދަލުކުރަން ބޭނުންވާ ފަރާތުން އެރަށުގެ ކުލީގެ އެއްއަހަރު ދުވަހު ކުލީގެ 10 އިންސައްތަ ފިޝަރީޒް މިނިސްޓްރީއަށް ދެއްކުމުން ކަމަށެވެ.
ޤުދުރަތީ ވެއްޓަށް ބަދަލު ނުގެނެސް ފަޅުރަށްރަށް ބެލެހެއްޓުން ނުވަތަ ފަޅުރަށެއް ވަރުވާއަށް ދޫކުރެވޭނެ އެންމެ ދިގު މުއްދަތަކީ 10 އަހަރު ދުވަހެވެ.
ވަރުވާއަށް ރަށެއް ދޫކުރެއްވޭނީ ދައުލަތުގެ ބޭނުމަށް ކަނޑައަޅުއްވާފައިވާ ފަޅުރަށާއި ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށްރަށް ފިޔަވައި ފިޝަރީޒް މިނިސްޓްރީގެ ޙަވާލުގައި ހުންނަ ފަޅުރަށްރަށުގެ ތެރެއިން ވަރުވާއަށް ދޫކުރުމަށް އެ މިނިސްޓްރީން ކަނޑައަޅުއްވާފައިވާ ރަށްރަށެވެ. ފަޅުރަށެއް ކުއްޔަށް ހިފާއިރު އެރަށުގައި ކުރަން ހުށަހަޅާ މަސައްކަތަކީ އެއިރެއްގައި ރާއްޖޭގައި ޢާންމުކޮށް ނެތް ބާވަތެއް ނުވަތަ ޓެކްނޮލޮޖީއެއް ރާއްޖޭގައި ޢާންމުކުރުމުގެ ގޮތުން ހުށަހަޅާ ހުށަހެޅުމެއް ކަމުގައިވާން ޖެހެއެވެ.