ޚަބަރު

"ހައިކޯޓުގެ ތާރީޙުގައި އެންމެ ގިނަ މައްސަލަ ހުށަހެޅީ މިއަހަރު"


ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށައެޅޭ މައްސަލަތަކުގެ ބޮޑު ބަޔަކީ ދަށު ކޯޓްތަކުން ނިންމާ މައްސަލަތައް އިސްތިއުނާފް ކޮށްދެއްވުން އެދި ހުށައަޅާ މައްސަލަތަކެވެ. މީގެ އިތުރުން ހައިކޯޓަށް ދެން ހުށައެޅެނީ ޤާނޫނުގައި އެ މައްސަލައެއްގެ ފުރަތަމަ މަރުޙަލާގެ ކޯޓަކީ ހައިކޯޓްކަމަށް ބަޔާންކުރާ މައްސަލަތަކެވެ. މީގެ ތެރޭގައި ދުސްތޫރީ މައްސަލަތައް ހިމެނެއެވެ.

ހައިކޯޓަށް ހުށައެޅި ރަޖިސްޓްރީ ކުރެވިފައިވާ މައްސަލަތަކުގެ ޢަދަދު މީގެ ކުރިން ދުވަހަކުވެސް އިތުރުވެފައި ނުވާ މިންވަރަށް އިތުރުވެފައިވަނީ ދިވެހިރާއްޖޭގެ ކޯޓްތަކާ ބެހޭ ޤާނޫނަށް ގެންނެވި ބަދަލާއެކު ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގައި ހައިކޯޓްގެ ގޮފިތަށް ޤާއިމުކުރެއްވި ފަހުންނެވެ.

ހައިކޯޓުން ޢާންމުކުރައްވާފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް އެކޯޓަށް ހުށައެޅި ރަޖިސްޓްރީ ކުރެވިފައިވާ މައްސަލަތަކުގެ ޢަދަދު ވަނީ 500 އަށް ވުރެ މައްޗަށް އަރާފައެވެ. މިއީ އެކޯޓުގެ ތާރީޚުގައިވެސް ހުށައެޅުނު މައްސަލަތަކުގެ ޢަދަދު އެއްއަހަރުގެ ތެރޭގައި 500 އަށް އެރި ފުރަތަމަ ފަހަރެވެ.

މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ހައިކޯޓަށް ހުށައެޅިފައިވާ މައްސަލަތަކުގެ ތެރޭގައި ޖިނާޢީ 187 މައްސަލައާއި މަދަނީ 271 މައްސަލަ ހިމެނެއެވެ. މީގެ އިތުރުން އާޢިލީ 18 މައްސަލައާއި ވަޒީފާއާ ބެހޭ 32 މައްސަލަ އަދި މޮނިކޮން އަމުރުގެ 21 މައްސަލައާއި ދުސްތޫރީ 2 މައްސަލަ މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ހައިކޯޓަށް ހުށައަޅާފައިވާކަމަށް އެކޯޓުން މައުލޫމާތުދެއްވައެވެ.

ކޯޓްތަކާބެހޭ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން ހައިކޯޓްގެ ގޮފިތައް ޤާއިމުކުރެވުމާއެކު ދަށު ކޯޓްތަކުން ނިންމާ މައްސަލަތައް އިސްތިއުނާފް ކުރާ މިންވަރު ދެގުނަ އިތުރުވެފައިވާކަމަށާއި ހައިކޯޓްގެ ގޮފިތައް ޤާއިމުކުރެވުމުން އިސްތިއުނާފް މަރުހަލާގައި ޢަދުލުއިންސާފަށް ވާސިލުވުމުގެ މަގު އިތުރަށް ފަހިވެފައިވާކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.

އެކަށީގެންވާ އަވަސްމިނެއްގައި ފަސޭހަކަމާއެކު ޢަދުލު އިންޞާފަށް ވާޞިލުވުމުގެ މަގު ތަނަވަސް ކޮށްދެއްވުމުގެ ގޮތުން ޝަރުޢީ ދާއިރާއިން ގެންދަވަނީ ޝަރުޢީ ކޯޓުތަކުގެ ތެރެއިން މަތީ މަރުޙަލާގެ ކޯޓްތަކާއި ސުޕީރިއަރ ކޯޓްތަކުގެ ގޮފިތައް މާލޭގެ އިތުރުން އެހެން ސަރަޙައްދުތަކުގައިވެސް ޤާއިމުކުރައްވަމުންނެވެ. މިކަމުގެ ސަބަބަން ޢާންމު ރައްޔިތުން ޢަދުލު އިންޞާފަށް އެދި ހުށައަޅާ މިންވަރު އެތައް ގުނައެއް އިތުރުވެފައިވާކަމަށް ޝަރުޢީ ދާއިރާއިން ވިދާޅުވެއެވެ.