ތަރައްްޤީ

2030ގެ ކުރިން ސާސްކަފުގެ ލަނޑުދަނޑިތައް ޙާސިލުކުރުމުގެ އަމާޒުގައި


2030 ގެ ކުރިން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޚާސިލްކުރެއްވުމަށް އަމާޒު ހިފާފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާޙީމް ވިދާޅުވެއްޖެއެވެ.މިނިސްޓަރ މިހެން ވިދާޅުވީ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް މިއަދު ސެންޓްރަލް ހޮޓެލްގައި ކުރިއަށްދާ މަޝްވަރާ ބައްދަލުވުން ފަށްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ. 

ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާބެހޭގޮތުން މަޝްވަރާކުރެއްވުމަށް ބާއްވަވާ ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ، ފުޅާ ދާއިރާއެއްގައި ގިނަ ފަރާތްތަކެއްގެ ފަންނީ ލަފަޔާއެކު ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޚާސިލްކުރުމަށް ލާޒިމްވާ ކަންކަން ކަނޑައެޅުއްވުމެވެ. މި ބައްދަލުވުމުގައި ސަރުކާރުގެ އެކި މުއައްސަސާތަކުން ބައިވެރިވަޑައިގަންނަވައެވެ.

ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑި ތަކަކީ، 2015 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 25 ވަނަ ދުވަހު އދގެ އާންމު މަޖިލީހުން ފާސްކޮށްފައިވާ، 17 ލަނޑުދަނޑިއެކެވެ. މި ލަނޑުދަނޑިތަކުގެ ތެރޭގައި ފަޤީރުކަން ނައްތާލުމާއި، އިންސާފާ ހަމަހަމަކަން ޤާއިމްކުރެއްވުމާއި، މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ފިޔަވަޅުއެޅުންފަދަ ކަންކަން ހިމެނެއެވެ. ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަކީ، ސާސްކަފްގެ ލަނޑުދަނޑިތައް ޚާސިލްވުމާ ގުޅިގެން އެކުލައްވާވާފައިވާ ލަނޑުދަނޑިތަކެކެވެ.

މިސެމިނަރ ފަށްޓަވައިދެއްވަމުން އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާޙީމް ވިދާޅުވީ، އަމާޒަކީ 2030 އައުމުގެ ކުރިން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލްކުރެއްވުން ކަމުގައެވެ.

އެންވަޔަރަވަންޓް މިނިސްޓަރ ވިދާޅުވީ، މިހާރު ކުރައްވާ އެންމެ މުހިއްމު މަސައްކަތަކީ، 2017 ވަނަ އަހަރު ޖުލައި މަހު އޮންނަ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑި ތަކުގެ ހައި ލެވެލް ފޯރަމްގައި ވޮލަންޓްރީ ނޭޝަނަލް ރިޕޯޓް ހުށަހެޅުންކަމަށެވެ.

"ވޮލަންޓްރީކޮށް މި ރިޕޯޓް ހުށަހަޅަނީ، މިއަދު މިފަށާ މަސައްކަތަކީވެސް މިކަމަށް ލިބޭ ކުރިއެރުމަކަށްވާނެ. ސަސްޓެއިނަބްލް ޑިވެލޮޕްމެންޓް ގޯލްސް ހާސިލްކުރުމަށް ލިބޭ އިތުރުކުރިއެރުމަސްވާނެ، ވޮލެންޓްރީކޯށް މި ރިޕޯޓް ހުށަހެޅުންވެސް" މިނިސްޓަރ ތާރިޤް ވިދާޅުވިއެވެ.

ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޚާސިލް ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، މޫސުމަށް އަންނަ ބަދަލުތައް ކަމަށާއި، މޫސުމަށް އަންނަ ބަދަލްތަކުގެ ސަބަބުން ލިބޭ ގެއްލުންތައް، ތަރައްޤީގެ ދުވެލި މަޑުޖައްސާލާ ކަމަށް މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.

" ސުނާމީ ކާރިސާގެ ސަބަބުން ރާއްޖޭގެ ތަރައްޤީގެ ދުވެލި މަޑުޖެހިގެންދިޔަ. މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުމަކީ ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްޤީއަށް އޮތް ގޮންޖެހުމެއް. " މިނިސްޓަރ ތާރިޤް ވިދާޅުވިއެވެ.

ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑި ޚާސިލްވާއިރު އެއްވެސް ފަރުދެއް ބާކީ ނުވޭނޭ ގޮތަށް މި ލަނޑުދަޑިތައް ހާސިލްކުރެއްވުމަށް ސަރުކާރުން އިސްކަން ދެއްވާކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.