ޚަބަރު

ލައިޝާގެ ފޮޓޯ ޖަހައިގެން ނެރޭ އެކްސްއެލް ދަޅުތައް ދައްކާލައިފި


ފްރެންޗައިޒް އުޞޫލުން ރާއްޖޭގައި ބޭއްވި އެންމެ މަޤްބޫލު ރިއަލިޓީ ޝޯވ މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަން ކާމިޔާބުކުރި ލައިޝާ ޖުނައިދުގެ ފޮޓޯ ޖަހައިގެން ބާޒާރަށް ނެރުމަށް ހަމަޖެއްސި އެކްސްއެލް އެނާރޖީ ޑްރިންކް ދަޅުތައް މިއަދު ދައްކާލައިފިއެވެ.

މިދަޅުތައް މިއަދު ދައްކާލީ ސެނެކޯ މާލަމުގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ލައިޝާގެ ފޮޓޯ ޖަހައިގެން ނެރޭ އެކްސްއެލް އެނާރޖީ ޑްރިންކް ދަޅުތައް ހުރި ގިފްޓް ޕެކެއް މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަން ކާމިޔާބުކުރި، ލައިޝާއަށް އެކްސްއެލްގެ ފަރާތުން ހަދިޔާކޮށްފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އެކްސްއެލްގެ ސޭލްސް އެގްޒެކެޓިވް މާސިން ޑިކްސާ ބުނީ އެކްސްއެލް އެނާރޖީ ޑްރިންކު ދަޅުގެ ބޭރުގައި ލައިޝާގެ ފޮޓޯ ހުންނަ ދަޅުތައް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ބާޒާރަށް ނެރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ހަމަ އެ ދަޅުތައް މޯލްޑިވިއަން އައިޑަލް ސީޒަން 2 ގެ ފުރަތަމަ އެޕިސޯޑުން ފެށިގެން ސީޒަން 2 ގެ ޖަޖުން ތިއްބަވާ މޭޒު މަތީގައިވެސް ހުންނާނެ ކަމަށެވެ.

"މޯލްޑިވިއަން އައިޑަލްއަށް ޚާއްޞަކޮށްފައިވާ އެކްސްއެލް އެނާރޖީ ޑްރިންކުގެ ދަޅުތައް އަންނަ ފެބްރުއަރީ މަހުން ފެށިގެން ބާޒާރަށް ނެރޭނަން. އަދި މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ފުރަތަމަ އެޕިސޯޑުން ފެށިގެން މި ދަޅުތައް ޖަޖުން ތިބޭ މޭޒުގައި ހުންނާނެ،" އެކްސްއެލްގެ ސޭލްސް އެގްޒެކެޓިވް މާސިން ޑިކްސާ ބުންޏެވެ.

މޯލްޑިވިއަން އައިޑަލްގެ ސީޒަން އެކެއް ކާމިޔާބުކުރި ލައިޝާ ބުނީ އޭނާގެ ފޮޓޯއެއް ޖަހައިގެން އެކްސެލް އެނާރޖީ ޑްރިންކް ނެރުމަށް ނިންމާފައިވާތީ އެކަމާ އުފާކުރާ ކަމަށެވެ. އަދި އެ ފުރުޞަތު އޭނާއަށް ލިބިގެން ދިޔައީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ފަރާތުން ކަމަށްވާތީ ޕީއެސްއެމްއަށް ޝުކުރު އަދާކުރާ ކަމަށެވެ.

"ވަރަށް އުފާވޭ އަސްލު މިކަހަލަ ކަމެއް ވާތީ. މި ފުރުޞަތު ލައިއަށް ލިބުނީތީ ޕީއެސްއެމްއަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރަން އަދި ބީއެޗްއެމްއަށް ވެސް،" ލައިޝާ ބުންޏެވެ.

މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަންގެވެސް ބެވެރެޖް ޕާރޓްނަރު އެކްސްއެލް އެނާރޖީ ޑްރިންކަކީ މޯލްޑިވިއަން އައިޑަލް ސީޒަން 2 ގެވެސް ބެވެރެޖް ޕާރޓްނަރުކަން ފާހަގަކޮށްލެވެއެވެ.