ޚަބަރު

އެމްޑީޕީން ނެރުނު ބަޔާނަކީ ޙަޤީޤަތާ ޚިލާފު ބަޔާނެއް - އީސީ


ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި އަދި މޮނީޓަރުންނަށް އެ ފުރުޞަތުން މަޙުރޫމް ކޮށްފައިވާ ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީން ނެރުނު ބަޔާނަކީ ޙަޤީޤަތާ ޚިލާފު، ފިތުނަ ފަސާދު އުފެދޭ ގޮތަށް ނެރުއްވާފައިވާ ބަޔާނެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އިލެކްޝަންސް ކޮމިޝަނުން މިހެން ވިދާޅުވީ، މިއަދު ނެރުއްވި ބަޔާނެއްގައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި އަދި މޮނީޓަރުންނަށް އެ ފުރުޞަތުން މަޙުރޫމް ކޮށްފައިވާ ކަމަށް ބުނެ، އެމްޑީޕީން ނެރުނު ބަޔާނުގައި ޙަޤީޤަތް އޮޅުވާލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ. އަދި ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުގެ ޙައިސިއްޔަތުން އެކަން ކުށްވެރި ކުރައްވާ ކަމަށްވެސް އެބަޔާނުގައި ވިދާޅުވެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އިންތިޚާބާ ގުޅޭ ކަންކަމުގައި އެ ކޮމިޝަނުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، ޤާނޫނުން އެ ކޮމިޝަނުގެ މައްޗަށް މަތިކުރައްވާފައިވާ މަސްއޫލިއްޔަތުތަކުގެ ތެރެއިން ސިޔާސީ ޕާޓީތަކާ ގުޅުން ހުރި ކަންކަން ކުރައްވަނީ ސިޔާސީ ޕާޓީތަކާ ގުޅުން ހުރި އިދާރާތަކުގެ މަޝްވަރާގެ މަތިން އޭގެ އެންމެ ފުރިހަމަ ގޮތުގައި ކަމަށެވެ.

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޙާބުގެ ކަންކަމާ ގުޅޭގޮތުން އެ ކޮމިޝަނުން ހަފްތާއަކު އެއްފަހަރު ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. އަދި އެ ބައްދަލުވުންތަކުގައި ޕާޓީތަކުގެ އެދުމުގެ މަތިން، އިންތިޚާބުގެ އެކި ކަންކަމުގައި ދެއްވާފައިވާ މުއްދަތުތައް އެ ކޮމިޝަނުން ފަސްކުރައްވާފައިވާ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި އަދި މޮނީޓަރުންނަށް އެ ފުރުޞަތު ގެއްލޭގޮތަށް އިލެކްޝަންސް ކޮމިޝަނުން ޢަމަލު ކުރައްވާފައިވާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ބަޔާނެއް ނެރުނުއިރު، ކައުންސިލް އިންތިޚާބްގެ އޮބްޒަރވަރުންނާއި މޮނިޓަރ ކުރައްވާ ފަރާތްތަކަށް ފޯމް ހުށަހެޅުމުގައި ދަތިތަކެއް ހުރިކަމަށް ބަޔާންކޮށް، އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް ފޮނުވި ސިޓީއަށް ރިޢާޔަތް ކުރައްވާ، އެންމެހާ ދިވެހި ރައްޔިތުންނަށް އެ ފުރުޞަތު ހޯއްދަވައި ދެއްވުމަށްޓަކައި، އޮބްޒަރވަރުންނާއި މޮނީޓަރުންނަށް ފޯމް ހުށަހެޅުއްވުމުގެ މުއްދަތު ހަމަވުމުގެ 5 ދުވަސް ކުރިން އޮބްޒަރވަރުންނާއި މޮނިޓަރުންނަށް ވުމަށްއެދި ފޯމް ހުށައެޅުން އިންޓަނެޓް ޒަރީއާއިން ނޫން ގޮތަކަށް ހުށައެޅޭނެ އިންތިޒާމް ހަމަޖައްސަވާފައިވާ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.