ތަރައްްޤީ

ގުރައިދޫގައި ހިންގި އެކި މަޝްރޫޢުތަކަށް 1.4 މިލިއަން ރުފިޔާ


ކ.ގުރައިދޫގެ އެކި މަޝްޢޫތަކަށް ސަރުކާރުގެ ބަޖެޓުން މިހާތަނަށް 1.4 މިލިއަން ރުފިޔާ ޚަރަދުކުރައްވާފައިވާކަމަށް ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ޔޫތް މިނިސްޓަރ މިހެން ވިދާޅުވީ ކ.ގުރައިދޫގެ ޒުވާނުންގެ މަރުކަޒު ހުޅުވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކ.ގުރައިދޫގެ ޒުވާނުންގެ މަރުކަޒު ރަސްމީކޮށް ހުޅުއްވައިދެއްވީ ޔޫތް މިނިސްޓާރ އިރުތިޝާމް އާދަމާއި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާއެވެ. ޔޫތް ސެންޓަރު ހުޅުވައިދެއްވުމަށްފަހު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ ދިވެހި ސަރުކާރުން މިހާތަނަށް 1.4 މިލިއަން ރުފިޔާ ގުރައިދޫގެ އެކި މަޝްރޫއުތަކަށް ޚަރަދުކުރައްވާފައިވާކަމަށާއި، ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދެއްވާފައިވާކަމަށެވެ. އަދި މި ހުޅުވިގެންދިޔަ ޔޫތް ސެންޓަރު މަރާމާތުކުރުމާއި، އެތަނަށް ބޭނުންވާ ކުޅިވަރު ސާމާނު ގަތުމަށް ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވާފައިވާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ގުރައިދޫގެ ފުޓްސަލް އެރީނާ ޕްރޮޖެކްޓްގައި ހިމެނޭ ފުޓްސަލް ދަނޑުގެ ބޮޑުބައެއް ނިމިފައިވާކަމަށާއި، ބާކީ އޮތީ މާލެއިން ޓާފް ގެނެސް ޓާފް އެޅުމުގެ މަސައްކަތް އެކަނިކަމަށެވެ. އަދި މީގެ އިތުރުން އެ ރަށުގެ ބަށި ކޯޓް ނިމިފައިވާއިރު، ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރާނައި ފެންސު ޖަހައި ލައިޓް ހަރުކޮށްފައިވާކަމަށާއި، މީގެ އިތުރުންވެސް އެރަށުގައި ޒުވާނުންނާއި ގުޅުންހުރި ގިނަ ކަންތަކެއް ކައުންސިލްގެ އެހީތެރިކަމާއިއެކު ކުރިއަށްދާކަން މިނިސްޓާރ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާވަނީ ޒުވާނުންގެ ކަންތައްތައް ފުރިހަމަކޮށްދެއްވުމަށް ޔޫތް މިނިސްޓަރ ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވާފައެވެ. އަދި ނިމިގެންދިޔަ ތިން އަހަރުގައި އެރަށުގައި ކުރިއަށްގެންގޮސްފައިވާ މަސައްކަތްތަކާއި، ކުރިއަށްދާ އެކި މަޝްރޫޢުތައް ކާމިޔާބުކުރެއްވުމުގައި ސަރުކާރުން ދެއްވަމުންގެންދަވާ އެއްބާރުލެއްވުންވެސް ފާހަގަކުރައްވާފައިވެއވެެ. ރިޒާގެ ވާހަކައިގައި ގުރައިދޫގެ ޒުވާނުންނަށް ހުޅުވިގެންމިދިޔަ ޔޫތް ސެންޓަރާއިއެކު ދާދި އަވަހަށް ޖިމެއްވެސް ޒުވާނުންނަށް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

ޒުވާނުންގެ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކ.ގުރައިދޫ ކައުންސިލްގެ ރައީސް ޙުސައިން ޔާމީން ވިދާޅުވީ ޒުވާނުންގެ މިނިސްޓަރ އިރުތިޝާމް އާދަމަކީ އަބަދުވެސް ޒުވާނުންގެ ގޮވާލުންތަކަށް އިޖާބަދެއްވާ ވަޒީރެއްކަން ފާހަގަކުރައްވާ އެކަމަނާގެ މަސައްކަތަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ސަރުކާރުން ގުރައިދޫގެ ޒުވާނުންނަށް މިހާތަނަށް ކޮށްދެއްވާފައިވާ މަސައްކަތްތައްވެސް ފާހަގަކުރެއްވިއެވެ.

ކ.ގުރައިދޫގައި ހުޅުވި ޒުވާނުންގެ މަރުކަޒުގައި ގިނަ ކުޅިވަރުތަކެއް ކުޅުމުގެ ވަސީލަތްތައް ތަނަވަސްކުރެވިފައިވެއެވެ. އޭގެ ތެރޭގައި ޓީޓީ، ކެރަމް، ބިލިއާޑް އަދި ގާލެންޑޯފަދަ ކުޅިވަރުތައް ފާހަގަކޮށްލެވެއެވެ.