ޚަބަރު

"ބިދޭސީންގެ ޙައްޤުތަކާ ގުޅޭ 26 މައްސަލައެއް މިއަހަރު ހުށަހެޅުނު"


ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ޙައްޤު ގެއްލުމާ ގުޅޭގޮތުން 26 މައްސަލައެއް މިއަހަރު ހުށަހަޅާފައިވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. 

ހިއުމަން ރައިޓްސް ކޮމިޝަނުން މިކަން ހާމަކުރެއްވީ "އިންޓަނޭޝަނަލް މައިގްރަންޓްސް ޑޭ" ދުވަހާ ގުޅިގެން ނެރުއްވި ބަޔާނުގައެވެ. 

ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 18 ވަނަ ވަނަ ދުވަހަކީ "އިންޓަނޭޝަނަލް މައިގްރަންޓްސް ޑޭ" ނުވަތަ ބައިނަލްއަޤްވާމީ ޙިޖުރަކުރާ މީހުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހެވެ. "އިންޓަނޭޝަނަލް މައިގްރަންޓްސް ޑޭ" ފާހަގަކުރުމުގެ އެންމެ މުހިންމު ބޭނުމަކީ ޤައުމުތަކުގެ ތަރައްޤީގައި ބިދޭސީ މަސައްކަތްތެރިންގެ ޙިއްޞާ ފާހަގަކޮށް، ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތަކާ މެދު މުޖުތަމަޢު ހޭލުންތެރިކުރުވާ، އެފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށް އިޙްތިރާމްކުރުމުގެ ޘަޤާފަތެއް ޤާއިމުކުރުމެވެ. އަދި ބިދޭސީ މަސައްކަތްތެރިންނަށް ދިމާވާ މައްސަލަތައް ދެނެގަނެ، އެކަންކަން ހައްލު ކުރުމަށް މަސައްކަތްކުރުމެވެ.

ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތަކާއި އެބައިމީހުންގެ އިންސާނީ ކަރާމަތަށް އުނިކަން އަންނަ ގޮތަށް ހިންގާ ޢަމަލުތަކުގެ ސަބަބުން ދިވެހިރާއްޖެ ވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ހިއުމަން ޓްރެފިކިންގ ވޮޗް ލިސްޓްގެ ދެވަނަ ހަރުފަތުގެ ވޮޗް ލިސްޓްގައި ހިމެނިފައެވެ. އެޗްއާރުސީއެމްއަށް މިއަހަރުގެ މިހާތަނަށް ހުށަހަޅާފައިވާ ބިދޭސީ މަސައްކަތްތެރިންނާ ގުޅުންހުރި މައްސަލައިގެގޮތުގައި 26 މައްސަލައެއް ހިމެނެއެވެ. މިމައްސަލަތަކުގެ ތެރޭގައި މުސާރަ ނުދީ މަސައްކަތް ކުރުވުމާއި، ނޯޓިސް ދިނުމަކާ ނުލާ ވަޒީފާއިން ވަކިކުރުމާއި، އޮޅުވާލައިގެން ދޭން ބުނާ ވަޒީފާ ނޫން އެހެން ވަޒީފާތަކުގައި މަސައްކަތްކުރުވުމާއި، ޕާސްޕޯޓާއި އެހެނިހެން އަމިއްލަ ލިޔެކިޔުން ހިފެހެއްޓުމާއި، މަސައްކަތުގެ މާހައުލުގައި ފުރައްސާރަ ކުރުމާއި، އެކަށީގެންނުވާ މާޙައުލުތަކުގައި މަސައްކަތްކުރުވުމާއި، ބިރުދައްކައިގެން ގަދަކަމުން މަސައްކަތްކުރުވުމާއި، ލާއިންސާނީ އަނިޔާގެ މައްސަލަތައް ފާހަގަކުރެވެއެވެ. 

img:http://s3.psmnews.mv/images/660x400/7154.jpg|ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލުމަށް އިމިގްރޭޝަނުން ހިންގި ޕްރޮގްރާމުގައި ބައިވެރިވި ބިދޭސީންތަކެއް- ފޮޓޯ: ޕީއެސްއެމް

މީގެއިތުރުން، ޝަރީއަތުގެ މަރުހަލާގައި ތަރުޖަމާނުން ނުލިބުމުގެ މައްސަލަތަކާއި، ޝަރީއަތް ލަސްވާކަމަށް ބުނެ ހަށަހަޅާފައިވާ މައްސަލަތަކާއި، ޤަވާއިދާ ޚިލާފަށް ބަންދުކުރުމުގެ މައްސަލަތައްވެސް ހިމެނޭކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ. މިމައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ މުސާރަ ނުދިނުމާއިގުޅޭ މައްސަލަތައްކަންވެސް ފާހަގަކޮށްލެވެއެވެ.

ހިއުމަންރައިޓްސް ކޮމިޝަނުން ވިދާޅުވީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ޤާނޫނުތަކުން ބިދޭސީ މަސައްކަތްތެރިންނަށް ލިބޭ ޙައްޤުތައް ކަށަވަރުކޮށް، އެޙައްޤުތައް ނިގުޅައިގަންނަ ފަރާތްތަކާމެދު ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަކީ ނުހަނު މުހިންމުވެފައިވާ ކަމެއްކަމަށެވެ. އަދި، ބިދޭސީ މަސައްކަތްތެރިންނާމެދު ހިންގާ ހިއުމަން ޓްރެފިކިންގ ޢަމަލުތައް ބަލައި، އެކަން ކުރާ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކޮށް، ޤާނޫނީގޮތުން ދޭންޖެހޭ އެންމެ ހަރުކަށި އަދަބުދީ، މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނު، އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޛުކުރުމަށް ކަމާބެހޭ އިދާރާތަކަށް އެކޮމިޝަނުން އިލްތިމާސްކުރައްވައެވެ. 

އަދި ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތަކާއި އެފަރާތްތަކަށް ދިމާވާ އިންސާނީ ޙައްޤުތަކާގުޅުންހުރި މައްސަލަތައް ބެލުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މުއައްސަސާތަކުން ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަންވެސް އެކޮމިޝަނުން ފާހަގަކުރައްވައެވެ.

ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނާ މުޚާޠަބުކުރުމުގައި އިޙްތިރާމާއެކު މުޚާޠަބުކޮށް އެފަރާތްތަކަށްވެސް ދޭންވާ އިޙްތިރާމާއި ޤަދަރު ދިނުމަށް ހުރިހާ ފަރާތްތަކުން ސަމާލުކަމެއްދޭންޖެހެއެވެ. އަދި، ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތަކަށް މުޖުތަމަޢު ހޭލުންތެރިކުރުވާ އެފަރާތްތަކުގެ އިންސާނީ ޙައްޤުތަކަށް އިހްތިރާމްކުރުމުގެ ޘަޤާފަތެއް ޤާއިމުކޮށް، ބިދޭސީ މަސައްކަތްތެރިންގެ އިންސާނީ ކަރާމަތަށް އުނިކަން އަންނަ ގޮތަށް ހިންގާ އަމަލުތައް މުޖުތަމަޢުގެ ސަމާލުކަމަށް ގެނައުމަށްޓަކާ ހުރިހާ ފަރާތްތަކުން މަސައްކަތް ކުރަންޖެހެއެވެ.