ދީން

އިމާމުން ތާޒާކުރުމުގެ ޕްރޮގްރާމް އައްޑޫސިޓީގައި ފަށައިފި


އިމާމުންނާއި ޚަތީބުން ތާޒާކުރުމުގެ ދެވަނަ ޕްރޮގްރާމް އައްޑޫސިޓީގައި ފަށްޓަވައިފިއެވެ. 

އިސްލާމިކް އެފެއަރޒް މިނިސްޓްރީން ހިންގަވާ އިމާމުންނާއި ޚަތީބުން ތާޒާކުރުމުގެ ޕްރޮގްރާމަކީ، ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނާއި، ޚުތުބާ ދެއްވާ ބޭފުޅުންގެ ފެންވަރު މަތިކުރުމުގެ މަޤްޞަދުގައި ހިންގަވާ ޕްރޮގްރާމެކެވެ. އައްޑޫސިޓީގައި ހިންގަވާ ޕްރޮގްރާމްގައި އައްޑޫގެ އެކި އަވަށްތަކުގައި ހުރި 61 މިސްކިތެއްގައި މަސައްކަތްކުރާ އިމާމުންނާއި، ޚަތީބުން ބައިވެރިކުރައްވައެވެ. 

މި ޕްރޮގްރާމް ކުރިއަށް ގެންދަވަނީ ޤައުމީ ޔުނިވަސިޓީގެ ހިތަދޫ ކެމްޕަސްގައެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދަވާ ތާޒާކުރުމުގެ ޕްރޮގްރާމްގައި ހަތަރު ދާއިރާއަކުން މައުލޫމާތު ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ޤުރުއާން، އިސްލާމީ ފިޤްޙް، އަދި މިސްކިތްތައް ހިންގާ ބެލެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން، ދިވެހިބަސް ކިޔުމާއި ހުށައެޅުމުގެ ތަމްރީންތައްވެސް ދެއްވުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. 

ޕްރޮގްރާމް ފަށްޓަވައިދެއްވައި، އިސްލާމިކް މިނިސްޓަރގެ ނައިބު ޢަލީ ވަޙީދު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސްސަތޭކަ އެތައް މިސްކިތެއް ހުރިއިރު، 2015 ވަނަ އަހަރުން ފެށިގެން ހުރިހާ މިސްކިތްތަކެއްވެސް ބަލަހައްޓަވަމުން ގެންދަވަނީ އިސްލާމިކް މިނިސްޓްރީގެ ބެއްލެވުމުގެ ދަށުންކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ހުރިހާ އިމާމުންނަކީ ޑިޕްލޮމާ ފެންވަރުގެ އިމާމުންނަށް ހެއްދެވުން ކަމަށް ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރގެ ނާއިބު މުޙައްމަދު މުޞްތަފާ ވިދާޅުވީ ރާއްޖޭގެ އިމާމުންނަށް ތަފާތު އެކި ފުރުޞަތުތައް މިހާރު ލިބިފައިވާ ކަމަށެވެ. ސަޢުދީ އަރަބިއްޔާއިން ކޮންމެ މަހަކު ރާއްޖޭގެ 15 އިމާމަކަށް ދެއްވި ފުރުޞަތުގެ ދަށުން، ތަޖުރިބާ ހޯދުމަށްދާ އިމާމުންތައް މިމަހު ފަހުކޮޅު ފުރުއްވުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ. އޭގެތެރޭގައި އައްޑޫސިޓީއިން ފަސް އިމާމަކު ހިމެނިވަޑައިގަންނަވާ ކަމަށް މުޞްޠަފާ ވިދާޅުވިއެވެ.

އިމާމުންނާއި ޚަތީބުން ތާޒާކުރުމުގެ ޕްރޮގްރާމް ފަށްޓަވާފައިވަނީ މިދިޔަ ނޮވެމްބަރު މަހު މާލެ ސިޓީގައެވެ. މިހާރު އައްޑޫސިޓީގައި ކުރިއަށްގެންދަވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތާޒާކުރުމުގެ ޕްރޮގްރާމްތައް ހިންގަވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.