ދީން

އައްޑޫ ސިޓީގެ ފަޤީރުންނަށް މުދަލު ޒަކާތް ބައްސަވަން ފަށްޓަވައިފި


އައްޑޫސިޓީގެ ފަޤީރުންނަށް މުދަލު ޒަކާތް ބައްސަވަން ފަށްޓަވައިފިއެވެ. 

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އައްޑޫސިޓީގައި ފަޤީރުންގެ ގޮތުގައި ބާރަ ސަތޭކައެއްހާ މީހުން ރަޖިސްޓްރީވެފައިވާ ކަމަށާއި، އައްޑޫގައި މުދަލު ޒަކާތް ބެއްސެވުމުގެ މަސައްކަތް ކުރިއަށް ގެންދަވަނީ ސީދާ އެ މިނިސްޓްރީގެ ބެއްލެވުމުގެ ދަށުން ކަމަށެވެ. މުދަލު ޒަކާތް ދޫކުރެއްވުމަށް އައްޑޫ ސިޓީގެ 3 ސަރަޙައްދެއްގައި އިސްލާމިކް މިނިސްޓްރީގެ ޑެސްކްތައް ވަނީ ޤާއިމްކުރައްވާފައެވެ.

ހިތަދޫގައި މުދަލު ޒަކާތް ބައްސަވަނީ ޝަރަފުއްދީން ސްކޫލްގައެވެ. މަރަދޫ، މަރަދޫފޭދޫ، އަދި ފޭދޫގައި ޒަކާތް ދޫކުރެއްވުމަށް ހަމަޖެހިފައިވަނީ މަރަދޫފޭދޫ ސްކޫލުންނެވެ. އަދި ހުޅުމީދޫގައި ޒަކާތް ދޫކުރެއްވުން އޮންނާނީ ސ.އަތޮޅު މަދަރުސާގައެވެ. 

އިސްލާމިކް މިނިސްޓަރގެ ނާއިބު މުޙައްމަދު މުޞްޠަފާ ވިދާޅުވީ، މިއަހަރު މުދަލުޒަކާތް ޙައްޤުވާ ބާރަ ހާހެއްހާ މީހުން ރާއްޖޭގައި ތިބި ކަމަށާއި، މިއަހަރު ކޮންމެ ފަޤީރަކަށް 900 ރުފިޔާ ދޫކުރަމުން ގެންދަވާ ކަމަށެވެ.