ޚަބަރު

އެމްޕީއެލުން ދިވެހި ޒުވާނުންނަށް 500 ވަޒީފާ


ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި އެމްޕީއެލުން ދިވެހި ޒުވާނުންނަށް 500 ވަޒީފާ ދޭނެކަމަށް އެކުންފުނިން ބުނެފިއެވެ. އެމްޕީއެލުން ބުނީ ސަރުކާރުން އެކުންފުންޏާ ޙަވާލުކުރައްވާފައިވާ އެންމެހައި މައްސޫލިއްޔަތު އެންމެ ރަނގަޅު ގޮތުގައި އަދާކުރެއްވުމަށް ކުންފުނީގައި މިހާރު ތިބި މުވައްޒަފުންގެ ޢަދަދު އިތުރުކުރަންޖެހޭ ކަމުގައެވެ.

އެމްޕީއެލުން މަސައްކަތްކުރަމުން އަންނަނީ އެކުންފުންޏަށް ލިބޭ ޢާމްދަނީ އިތުރުކޮށް ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް ކަމުގައި އެކުންފުނިން ބުނެއެވެ. އެގޮތުން ކުރިއަށް މިއޮތް އަހަރުގެ ތެރޭގައި ގިނަ ޢަދަދެއްގެ ވަޒީފާއަށް މުއައްޒަފުން ނަގުމަށް ނިންމާފައިވަނީ އަންނަ އަހަރު އެމްޕީއެލްގެ ޚިދުމަތްތައް ފުޅާވެގެންދާތީ ކަމަށްވެސް އެކުންފުނިން ބުނެއެވެ. ކުރިއަށް މިއޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ހުޅުމާލޭގެ ޕޯޓުން މުދާ ކްލިއަރކުރުމުގެ މަސައްކަތް ފަށާއިރު މި ޚިދުމަތް ވިޔަފާރިވެރިންނަށް އެންމެ ފުރިހަމައަށް ދިނުމަށް އެ ޕޯޓަށް އެކަނިވެސް 200 ވަޒީފާ ހުޅުވާލެވޭނެ ކަމަށް އެމްޕީއެލުން ބުނެއެވެ. އަދި މިހާރު އެމްޕީއެލްއަށް ގެންނަން މަސައްކަތްކުރާ ވެހިކަލްތައް އޮޕަރޭޓްކުރުމަށްވެސް 180 އަށްވުރެ ގިނަ މުވައްޒަފުން ބޭނުންވާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. މީގެ އިތުރުން ތިލަފުއްޓާއި ކުޅުދުއްފުށީ ބަނދަރާ އައްޑޫ ސިޓީގެ ބަނދަރުގެ މަސައްކަތްތައް ހަލުވިކުރުމަށް އެސަރަޙައްދުތަކުންވެސް ވަޒީފާގެ ފުރުޞަތުތައް އިތުރުކުރާނެ ކަމަށް އެމްޕީއެލުން ބުނެއެވެ. އެމްޕީއެލްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ މުޙައްމަދު ނާސިޙް ވިދާޅުވީ އެމްޕީއެލްގެ އަމާޒަކީ ދިވެހިންނަށް ދޭ ވާޒީފާ އިތުރުކުރުމާއެކު ކުންފުނީގެ އާމްދަނީ އިތުރުކުރުންކަމުގައެވެ.

މިއަހަރު ނިމޭއިރު އެމްޕީއެލްއަށް ލިބޭ އާމްދަނީ 500 މިލިއަން ރުފިޔާއަށް އަރާނެކަމަށް އެކުންފުނިން ވަނީ އަންދާޒާކޮށްފައެވެ. މި ސަރުކާރުން އެމްޕީއެލްގެ މަސައްކަތްތައް ހަލުވިކޮށް ވިޔަފާރިވެރިންނަށް ދޭ ޚިދުމަތް ހަރުދަނާ ކުރެއްވުމަށް އެޅުއްވި ފިޔަވަޅުތަކާއެކު ފާއިތުވެދިޔަ 3 އަހަރު އެކުންފުންޏަށް ލިބުނު ޢާމްދަނީ އަހަރުން އަހަރަށް ބަލާއިރު 25 އިންސައްތަ އިތުރުވަމުން އައިސްފައިވާކަން އެކުންފުނިން ފާހަގަކުރެއެވެ. ފާއިތުވެދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި މޯލްޑިވްސް ޕޯޓްސް ލިމިޑެޓްގެ ފަރާތުން 700 އެއްހާ އާ ވަޒާފާ އުފައްދާފައިވެއެވެ.