ވިޔަފާރި

އިޤްތިޞާދީ ބަދަލުތަކުގައި އައިލެންޑް އޭވިއޭޝަނުގެ ދައުރު


މިއަދުގެ ސަރުކާރުން ރާއްޖެއަށް ގެންނަވާ އިޤްތިޞާދީ ބަދަލުތަކުގައި އައިލެންޑް އޭވިއޭޝަނުގެ ދައުރު ފާހަގަކޮށްލަންޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އައިލެންޑް އޭވިއޭޝަނުގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް އައު ބޯޓެއް ރާއްޖެއަށް ގެނައުމަށް އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ރައީސް ޔާމީން ރާއްޖެއަށް ގެންނަމުންދާ އިޤްތިޞާދީ ބަދަލުތަކުގެ ތެރެއިން، އައިލެންޑް އޭވިއޭވިއޭޝަނުން ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ ތަރައްޤީ ކުރުމަށް ކުރަމުންގެންދާ މަސައްކަތަކީ މުހިންމު މަސައްކަތެއް ކަމަށެވެ. ރައީސް ޔާމިން ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިއިރު، އައިލެންޑް އޭވިއޭޝަނުގައި އޮތީ އެންމެ 6 ބޯޓު ކަމަށާ، މިއަދު އެ އެކުންފުނީގެ އެއާލައިންގެ އޮޕަރޭޝަންތަކުގައި ބޭނުންކުރާ 20 ބޯޓު އޮތުމަކީ ލިބުނު ވަރަށްބޮޑު ކުރިއެރުމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. img:http://s2.psmnews.mv/images/660x400/14819919382661.jpg|މޯލްޑިވިއަންގެ ފްލީޓަށް ގެނައި އައު މަތިންދާ ބޯޓު - ފޮޓޯ: ޕީއެސްއެމް

މީގެއިތުރުން އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއާރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ފަށައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ފުޅާކުރުމަށް އަމާޒްހިފާފައިވާ މި ދަނޑިވަޅުގައި އައިލެންޑް އޭވިއޭޝަނުގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންގެންދާ މަސައްކަތް ފާހަގަކޮށްލަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން އައިލެންޑް އޭވިއޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ އަބުދުލް ހާރިސް ވިދާޅުވީ، ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ ތަރައްޤީ ކުރުމަށް އައިލެންޑް އޭވިއޭޝަނުން ބުރަ މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށެވެ. މިގޮތުން މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރާ ވައިގެ ދަތުރުފަތުރުގެ ދާއިރާއަކީ ބޮޑު ޑިމާންޑެއް އޮތް ދާއިރާއެއް ކަމަށް ހާރިސް ވިދާޅުވިއެވެ.

އައިލެންޑް އޭވިއޭޝަނުގެ މޯލްޑިވިއަނުން މިއަދު ގެނައި ބޯޓާއިއެކު މިހާރު އެކުންފުނީގެ ފްލައިޓްތަކުގެ ޢަދަދު ވަނީ 20 ށް އަރާފައެވެ. އައިލެންޑް އޭވިއޭޝަނުން މިއަދު ގެނައި ބޯޓަކީ 50 މީހުންގެ ޖާގައިގެ ބޯޓެކެވެ. މި ބޯޓްގެ އޮޕަރޭޝަންތައް ފެށުމާއިއެކު މޯލްޑިވިއަންގެ ދަތުރުތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނޭ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

މޯލްޑިވިއަންގެ ބައިނަލްއަޤްވާމީ ދަތުރުތައް އިންޑިއާ، ޗައިނާ އަދި ތައިލެންޑަށް ކުރަމުންދާއިރު، ކައިރި މުސްތަޤްބަލެއްގައި އެހެން ބައެއް މަންޒިލްތަކަށްވެސް ދަތުރުތައް ފެށުމަށް ވިސްނަމުންދާ ކަމަށް އެކުންފުނިން ވިދާޅުވެއެވެ.