ޚަބަރު

ޙައްޖު ކޯޕަރޭޝަނުން އިސްލާމިކް ކަލްޗަރ ޓުއަރއެއް ތަޢާރަފްކޮށްފި


މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން އިސްލާމިކް ކަލްޗަރ ޓުއަރއެއް ތަޢާރަފްކޮށްފިއެވެ.

އިސްލާމިކް ތާރީޚާ ގުޅުންހުރި މުހިއްމު ބައެއް ތަންތަނާބެހޭ މަޢުލޫމާތުދީ، އެތަންތަން ބަލައިލުމުގެ ފުރުޞަތު ތަނަވަސްކޮށްދޭ އިސްލާމިކް ކަލްޗަރ ޓުއަރގައި ބައިވެރިވުމުގެ ފުރުޞަތު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ވަނީ ހުޅުވާލާފައެވެ. 21 ދުވަހުގެ މިދަތުރުގެ ބައިވެރިން ފުރުމަށް ހަމަޖެހިފައިވަނީ މިފެށޭ އަހަރުގެ މާޗް މަހުގެ 5 ވަނަ ދުވަހުއެވެ. މިދަތުރުގައި މައްކާ، މަދީނާ، މިސްރުގެ އިތުރުން އުރުދުން އަދި ފަލަސްތީނަށް ދާނެކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ. އަދި މުސްލިމުންގެ 3 ހަރަމް ކަމުގައިވާ މަސްޖިދުލް ޙަރަމް، މަސްޖިދުއް ނަބަވީ އަދި މަސްޖިދުލް އަޤްސާއަށް ޒިޔާރަތްކުރުމުގެ އިތުރުން ސަޢޫދީ ޢަރަބިއްޔާ، މިސްރު، އުރުދުން އަދި ފަލަޞްތީނުގައި ހުރި އިސްލާމީ ތާރީޚާބެހޭ ތަންތަން ބަލާލުމުގެ ފުރުޞަތު ލިބޭނެކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ބުނެއެވެ. img:http://s1.psmnews.mv/images/660x400/14819908575597.jpg|ޙައްޖު ކޯޕަރޭޝަނުން ކުރިޔަށްގެންދާ 3 ހަރަމަށް ކުރާ އުމްރާ ދަތުރެއްގެ ތެރެއިން - ފޮޓޯ: ޙައްޖު ކޯޕަރޭޝަން

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އިންތިޒާމްކުރާ މި ދަތުރުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުޞަތު ވަނީ މިހާރު ހުޅުވާލާފައެވެ. މި ދަތުރުގައި ރަޖިސްޓްރީ ކުރުމާބެހޭ ފޯމް، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ އޮފީހުންނާއި ވެބްސައިޓް އަދި މޯލްޑިވްސް އިސްލާމިކް ބޭންކްގެ އިތުރުން އަތޮޅުތަކުގެ ކައުންސިލުންނާއި ރަށްރަށުގެ ކައުންސިލްތަކުން ލިބޭނެ އިންތިޒާމް ވަނި ހަމަޖައްސަވާފައެވެ.

މިގޮތުން ދަތުރުގައި ރަޖިސްޓްރީވުމާއި ފައިސާ ދެއްކުމުގެ މުއްދަތު ޖެނުއަރީ މަހުގެ 31 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.