ޚަބަރު

"އަނެކާގެ ޙައްޤުގައި ތެދުވަމާ" ކެމްޕެއިންގެ ޙަރަކާތްތައް ފަށައިފި


އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ލިބިފައިވާ ޙައްގުތަކަށް އެފަރާތްތައް އަހުލުވެރި ކުރުވުމުގެ މަސައްކަތް އައްޑޫސިޓީގައި ފައްޓަވައިފިއެވެ.

މިއީ ހިއުމަން ރައިޓްސް ކޮމިޝަނުން އިސް ނަންގަވައިގެން އައްޑޫސިޓީގެ ކަމާގުޅުންހުރި އިދާރާތަކާ ގުޅިވަޑައިގެން ކުރިއަށްގެންދަވާ ހަރަކާތެކެވެ. ހިއުމަން ރައިޓްސް ކޮމިޝަނުން މިއަދު ވަނީ އެ ކޮމިޝަނުން މާލެއިން ބޭރުގައި ބޭއްވި ފުރަތަމަ ކޮމިޝަން ބައްދަލްވުންވެސް އައްޑޫސިޓީގައި ހުންނަ އެ ކޮމިޝަންގެ ސަދަން ރީޖަން އޮފީހުގައި ކުރިއަށް ގެންދަވާފައެވެ.

ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ޑިސެމްބަރު 8 ވަނަ ދުވަހު ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ "އަނެކާގެ ޙައްޤުގައި ތެދުވަމާ" މި ނަމުގައި ކެމްޕޭނެއް ފައްޓަވާފަ. މި ކެމްޕޭންގެ ފުރަތަމަ ހަރަކާތް އަމާޒު ކުރެވިފައި މިވަނީ ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންނަށެވެ. ބިދޭސީ މަސައްކަތްތެރިންނަށް އެ ފަރާތްތަކަށް ލިބިފައިވާ ޙައްޤުތަކަކީ ކޮބައިކަން އަންގައިދިނުމަށް އައްޑޫސިޓީގައި ފެއްޓެވި ހަރަކާތް ފަށާފައިވަނީ  އައްޑޫސިޓީ ފޭދޫ ބަނދަރު ސަރަޙައްދުންނެވެ. ވީހާވެސް ގިނަ ބިދޭސީންނަށް އެ މައުލޫމާތުތައް ފޯރުކޮށްދިނުމަކީ ހިއުމަން ރައިޓްސް ކޮމިޝަންގެ އަމާޒު ކަމަށް ކޮމިޝަންގެ މެންބަރު ނައިވީން އަބްދުﷲ ވިދާޅުވިއެވެ.

ބިދޭސީންނަށް ޙައްޤުތައް އަންގައިދިނުމަށް އެ މީހުންގެ މާދަރީ ބަސްތަކުން ލިޔެފައިވާ ލިޔުންތައްވެސް އެޗް.އާރު.ސީ.އެމުން ދަނީ ބައްސަވަމުންނެވެ. ނައިވީން ވިދާޅުވީ، ބިދޭސީންނަށް ލިބެން ޖެހޭ އުޖޫރަ ހަމައަށް ނުލިބުމުގެ ޝަކުވާއާއި، އިންސާނަކަށް ވީތީ ކޮންމެހެން ލިބެންޖެހޭ ޙައްޤުތައް ނުލިބިގެން ބިދޭސީންގެ ޝަކުވާތައް ކޮމިޝަނަށް ގިނަ އަދަދަކަށް ލިބެމުންދާ ކަމަށެވެ. ނަމަވެސް އަދިވެސް ބިދޭސީންނަށް ޙައްޤުތައް ނުލިބުމުން ކަންތައް ކުރަންވީގޮތް ނޭންގޭ ކަމަށާއި ނަމަވެސް މި ހަރަކާތުގެ ސަބަބުން ގިނަ ބިދޭސީންތަކަކަށް އެ މައުލޫމާތު ލިބިގެންދާނެ ކަމަށް ނައިވީން ވިދާޅުވިއެވެ.

އެޗް.އާރު.ސީ.އެމްގެ ސަދަން ރީޖަންގެ ޑިރެކްޓަރ އިސްމާއިލް ސައްފަތު ވިދާޅުވީ، ސަދަން ރީޖަން އޮފީސް މެދުވެރިކޮށްވެސް ސީދާ މައްސަލަތައް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށާއި، އެކަމަށް ވީހާވެސް ބިދޭސީން އަހުލުވެރި ކުރުވާނެ ކަމަށެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން މިއަދު ވަނީ އެ ކޮމިޝަނުން މާލެއިން ބޭރުގައި ބޭއްވި ފުރަތަމަ ކޮމިޝަން ބައްދަލްވުންވެސް އައްޑޫސިޓީގައި ހުންނަ އެ ކޮމިޝަންގެ ސަދަން ރީޖަން އޮފީހުގައި ކުރިއަށް ގެންދަވާފަ. ކޮމިޝަންގެ މި ބައްދަލްވުން ޗެއަރ ކޮށްދެއްވީ ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސާ އާމިނަތު އީނާސްއެވެ. މި ބައްދަލްވުމުގައި ދެކުނު ސަރަޙައްދުގައި ހިއުމަން ރައިޓްސް ކޮމިޝަންގެ މަސައްކަތްތައް ކުރިއެރުވުމާ ގުޅޭގޮތުންނާއި، ހިއުމަން ރައިޓްސް ކޮމިޝަނުން މިހާރު ކުރިއަށްގެންދާ މަސައްކަތްތަކާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.