ޚަބަރު

"މިހާތަނަށް ޒިކާ ވައިރަސް ފެނިފައިވަނީ 2 ދިވެހިންގެ ގައިން"


މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ރާއްޖޭގައި ޒިކާ ވައިރަހަށް ޓެސްޓުކުރެއްވި 517 ދިވެހިންގެ ތެރެއިން 2 ދިވެއްސެއްގެ ގައިން ޒިކާ ވައިރަސް ފެނިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ހާމަކުރައްވައިފިއެވެ.

އެޗްޕީއޭއިން މިކަން ހާމަކުރައްވާފައިވަނީ ރާއްޖޭގައި ޒިކާ ބަލިން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ނެރުއްވި ނޫސް ބަޔާނެއްގައެވެ. މިބަޔާނުގައި ރާއްޖެ ޒިޔާރަތްކުރި 3 ފަތުރުވެރިއެއް އެނބުރި ގައުމަށް ގޮސް ހެދި ޓެސްޓްތަކުން ޒިކާއަށް ޕޮޒިޓިވްވެފައިވާތީ، ރާއްޖޭގައި ޒިކާ ވައިރަސް އުޅޭތޯ ބެލުމުގެ މަސައްކަތް ޖެނުއަރީމަހު ފެށިކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި މިހާތަނަށް ޓެސްޓްކުރި 517 މީހުންނަކީ މިބަލިން ފެންނާނެ ބައެއް އަލާމާތްތައް ފެނިގެން ޓެސްޓްކުރި މީހުންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި މިމީހުންގެ ތެރެއިން 2 މީހެއްގެ ގައިން ޒިކާ ވައިރަސް ފެނުނު ނަމަވެސް އޭގެ އެއްވެސް ތަފްސީލެއް އެޗްޕީއޭއިން ހާމައެއް ނުކުރައްވައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޒިކާ ވައިރަސް ފެނިފައިވަނީ ކުޑަ ކުއްޖެއްގެ ގައިންނާއި ބޮޑު މީހެއްގެ ގައިންނެވެ. މި ދެ މީހުންނަކީވެސް ފިރިހެނުންނެވެ. އަދި މި ދެ މީހުންގެ ގައިން ޒިކާ ފެނުނުކަން ޔަޤީންކޮށްފައި ވަނީ ރާއްޖެއިން ބޭރަށް ލޭގެ ސާމްޕަލް ފޮނުވައިގެން ޓެސްޓް ހަދައިގެންކަމަށްވެސް ޕީއެސްއެމްއަށް މަޢުލޫމާތު ލިބިފައިވެއެވެ. 

ޒިކާ ޖެހުމުން ވަކި ޚާއްޞަ އަލާމާތެއް ފެންނާކަށް ނުހުރެއެވެ. ޒިކާ ޖެހުމުން ޢާއްމުކޮށް ފެންނަ ޢަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ގައިން ރަތް ބިހިތަކެއް ނެގުމާއި ލޯ ރަތްވުމާއި ގައިގައި ރިއްސުމާއި ބޮލުގައި އަދި ގައިގެ ހުޅުތަކުގައި ރިއްސުން ހިމެނެއެވެ. މި ވައިރަހަކީ ފުރާނައަށް ނުރައްކާވާ ވައިރަހެއް ނޫނެވެ. ޒިކާ ވައިރަސް ލެޓިން އެމެރިކާގެ ގައުމުތަކުގައި ހަލުއިކަމާ އެކު ފެތުރެން ފެށުމާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ވައިރަހުން ސަލާމަތް ވުމަށް އެތައް ފިޔަވަޅެއް ވަނީ އަޅާފައެވެ. އެގޮތުން ރާއްޖެއަށް އެބަލީގެ ނުރައްކާއޮތް މިންވަރު ދެނެގަތުމަށް އެޗްޕީއޭއާއި ކަމާގުޅުންހުރި އިދާރާތައް ގުޅިގެން މިހާރުވެސް ދަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި ދިވެހިން ކަންބޮޑުވާ ޙާލަތަކަށް ރާއްޖެ ނުދާކަމަށް ހެލްތު މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އަދި ޒިކާ ވައިރަހަކީ ދުނިޔޭގެ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ނޫންކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔު.އެޗް.އޯއިން ވަނީ ހާމަކޮށްފައެވެ.